އދ.ގެ ނިންމުމަށް އަމަލުކުރަން އަމުރުކޮށްދޭން ނަޝީދު ހުށަހެޅި މައްސަލަ ކޯޓުން ބަލައެއް ނުގަތް

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ގޮވާލާފައިވާ ގޮވާލުމަށް ސަރުކާރުން އަމަލުކުރަން ޖެހޭނެ ކަމަށް ނިންމާ އެނިންމުމަށް ސަރުކާރުން އަމަލުކުރުމުގެ އަމުރަކަށް އެދި ރައީސް ނަޝީދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައި ނުގަންނަން ނިންމާފައިވާ ކަމަށް ރައީސް ނަޝީދުގެ ޤާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މިރޭ ހައްދުއްމަތީ ގަމުގައި ބާއްވަމުންދާ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމައްސަލަ ބަލައިނުގަންނަން ސިވިލް ކޯޓުން ނިންމިކަން އިއްޔެ އަންގަވާފައިވާ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ މައްސަލަ ސިވިލް ކޯޓަށް ބަލައި ނުގަތުމުން ދެން މިމައްސަލައިގައި ކުރިއަށް ދެވިދާނެ ގޮތެއް ބަލަމުންގެންދާ ކަމަށެވެ.
ރައީސް ނަޝީދުގެ ވަކީލުން ކުރިން ވިދާޅުވެފައި ވަނީ އިންސާނީ ހައްގުތައް ލިބި ދިނުމުގައި ބައިނަލްއަގްވާމީ މުއާހަދާތަކަށް ރިއާޔަތް ކުރަންޖެހޭ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި އެހެންވެ ވޯކިން ގްރޫޕުގެ ނިންމުމަށް ސަރުކާރުން އަމަލުކުރަންޖެހޭނެ ކަމަށެވެ. އެހެންވެ އެގޮތަށް ސަރުކާރުގެ މައްޗަށް އަމުރުކޮށްދޭން އެދި ކޯޓަށް ހުށަހެޅީ ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތް ސަބަބެއް އަދި ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ