އަމިއްލައަށް ނެގި ސެލްފީ އަމިއްލަ ކުރުމުގެ ޙައްޤެއް ރާމާމަކުނަކަށް ކޯޓުން ނުދިން

ކޮންމެ ކަމެއް ނިންމަން ކޯޓަށް ދާން ޖެހުމަކީ ހަމައެކަނި ރާއްޖޭގައި ކުރާ ކަމެއް ނޫނެވެ. އެންމެ ކުރިއަރާފައިވާ އެމެރިކާގައި މިކަން އަދި ވަކީން ބޮޑެވެ. މިއުޅެނީ ރާމާމަކުނެއް ނެގި ސެލްފީ އަކީ އެރާމާމަކުނުގެ އެއްޗެއްތޯ ނިންމަން ކޯޓަށް ގޮސްގެންނެވެ.
އެމެރިކާގެ ސެން ފްރެންސިސްކޯގެ ފެޑްރަލް ކޯޓަކަށް އަމިއްލަ ޖަމިއްތާ އަކުން ހުށަހަޅާފައިވާ މައްސަލައެއްގައި ބުނެފައި ވަނީ 2011 ވަނަ އަހަރު ރާމާމަކުނެއް ނެގި ސެލްފީގެ ކޮޕީ ރައިޓް ޙައްޤު ލިބެންޖެހޭނީ އެރާމާމަކުނަށް ކަމަށެވެ.
ނަމަވެސް ފަނޑިޔާރު މައްސަލަ ނިންމަމުން ވިދާޅުވީ އެމެރިކާގެ ކޮޕީރައިޓް ޤާނޫނު އޮތްގޮތުން އެފޮޓޯގެ ވެރިޔަކީ ރާމާމަކުނުކަން ނިންމެން ނެތް ކަމަށާއި ރާމާމަކުނަށް ކޮޕީރައިޓްގެ ޙައްޤު ލިބިގެން ނުވާ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ކޮޕީރައިޓްގެ ޙައްޤު ލިބުމާއި ކޮޕީރައިޓްގެ ޙައްޤު ގެއްލުމުން ބަދަލު ނަގަައިދެވޭނީ ހަމައެކަނި އިންސާނުންނަށް ކަމަށެވެ.
"އެތިކަލް ޓްރީޓްމެންޓް އޮފް އެނިމަލްސް" ކިޔާ ޖަމިއްޔާ އަކުން މިމައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުއެވެ.
ހައަހަރުގެ "ނަރޫޓޯ"ގެ ނަމުން ނަން ދީފައިވާ ރާމާމަކުނު ސެލްފީ ނެގީ އިންޑޮނޭޝިއާގެ ސްލަވެސީ ސަރަހައްދުންނެވެ.
ރާމާމަކުނު ނެގި ފޮޓޯގެ މައްސަލަ ވަރަށް ބޮޑު ބަހުސަކަށް ވެފައިވާއިރު ވިކިޕީޑިއާގައި ބުނެފައި ވަނީ މިއީ އެއްވެސް މީހަކަށް ކޮޕީރައިޓް ލިބިފައި ނުވާ ފޮޓޯއެއް ކަމަށެވެ.
ކޯޓުން މައްސަލަ ނިންމި ގޮތުން މައްސަލަ އިސްތިއުނާފު ކުރުމާއި މެދު ވިސްނަމުންދާ ކަމަށް މައްސަލަ ހުށަހެޅި ޖަމިއްޔާ އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ