އަވަސް އިންތިހާބެއްގެ ވާހަކަ ދެއްކުން މައުމޫނަށް މަނާވާނެ: އުމަރު

އަވަސް އިންތިހާބެއްގެ ވާހަކަ ނުދެއްކުމަށް ޕީޕީއެމްގެ ކައުންސިލުން ނިންމާފައިވާ ކަމަށާއި އެ އިންތިހާބުގެ ވާހަކަ ދައްކަވަން އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް މަނާވާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އިތުރުން ބޮޑެތި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަތީ ފެންވަރުގެ މަޝްވަރާއަކަށް ދިއުމަށް، ޕާޓީތަކުގެ މަޝްވަރާތަކުގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ ނިންމަވާފައިވާތީ އެކަމާ ގުޅޭ ގޮތުން "ހަވީރު" ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އުމަރު ވިދާޅުވީ ރާއްޖޭގައި "އަވަސް އިންތިހާބެއް ނޯންނާނެ" ކަމަށް ޕީޕީއެމްގެ ކައުންސިލުން އެއްބަސްވެފައިވާ ކަމަށެވެ.
"އެހެންވީމަ ރައީސް މައުމޫނާއި އަންނިއާ ދެ ބޭފުޅުން މަޝްވަރާކުރެއްވިޔަސް މައުމޫނަކަށް އަވަސް އިންތިހާބެއްގެ ވާހަކައެއް ނުދެއްކެވޭނެ. އެކަމެއް މައުމޫނަކަށް ނުކުރެއްވޭނެ. އަޅުގަނޑުމެން ޕީޕީއެމްގެ ކައުންސިލުން އަވަސް އިންތިހާބާ ބެހޭ ގޮތުން އެހެން ގޮތަކަށް ނުނިންމަނީސް އެކަން އޮންނާނީ އެހެން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަންނަވާ ކަމަށް ވަނީ ނަމަ ފުރަތަމަ އެޖެންޑާއެއް އޮންނަންޖެހޭ ކަމަށެވެ. އަދި މިހާރު ވެސް ސިޔާސީ ޕާޓީތަކުގެ މެދުގައި ފަށާފައިވާ މަޝްވަރާތަކުގައި އެޖެންޑާއެއް އޮތްއިރު އެންމެ ފުރަތަމަ ކަންތަކަށް ވެސް އެއްބަސްވުމަކަށް ނާދެވޭކަން އުމަރު ފާހަގަކުރެއްވި އެވެ.
"އެއީ އެމްޑީޕީން އެ ހިންގާ ޓެރަރިސްޓް އަމަލުތައް ހިންގުން ހުއްޓާލުން. ތަންތަނަށާއި މީހުންނަށް ގެއްލުން ދިނުން ހުއްޓާލުން. އެކަމަކު މިހާތަނަށް އެއްވެސް ކޮންޑިޝަނެއް ހާސިލެއްނުވޭ،" އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ފެބްރުއަރީ 7ގައި އެމްޑީޕީގެ ވެރިކަން ބަދަލުކުރުމަށް ހިންގި "ބަޣާވާތު"ގެ އަޑީގައި ހުންނެވީ މައުމޫން ކަމަށް ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުމަށް ނަޝީދު މައާފަށް އެދިވަޑައިގެންފައިވީ ނަމަވެސް "އަންނިގެ މައާފު ފުރިމައެއް ވެސް ނޫން" ކަމަށެވެ.
"މައުމޫން އެ ބަޣާވާތުގައި ބައިވެރިވެ ވަޑައިގެންފައިވާކަން މީހުންގެ ބޮލަށް ވެއްދުމަށްޓަކައި އަންނި މަސައްކަތްކޮށްފައި ދެން މި ވިދާޅުވަނީ މައުމޫން ]ބަޣާވާތުގައި[ ބައިވެރިވެވަޑައިގެންފައި ނުވާ ނަމަ މައާފަށް އެދެމޭ. ފުރިހަމަ ގޮތުގައި މައާފަށް އެދުމަކީ އޭނާ ]ނަޝީދު[ ކުރެއްވި ކަމަކީ ވެސް ކުށެއް ކަމަށް ގަބޫލުކޮށް މައާފަށް އެދުން،" އުމަރު ވިދާޅުވި އެވެ. "އެކަމަކު އަންނި ގަބޫލެއް ވެސް ނުކުރޭ އޭނާ އަށް ކުރެވުނީ ކުށެއް ކަމަކަށް."
އުމަރު ވިދާޅުވީ މަތީ ފެންވަރުގެ ވާހަކަތަކުގައި ރައީސް ވަހީދަކީ ވަރަށް މުހިންމު ބޭފުޅެއް ކަމަށާއި އެ މަނިކުފާނާ ނުލައި ވާހަކަތައް ފުރިހަމަނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ