އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ގާނޫނު އަސާސީއާ ތައާރުޒުވުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
މިގޮތަށް ހުކުމް ކޮށްފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ބައެއް މާއްދާތަކުގެ ސަބަބުން ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިފައިވާ ކަމަށް ބުނެ އެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކޮށް ދިނުމަށް އެދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) މިދިޔަ އަހަރުގެ މާޗް މަހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވި ދުސްތޫރީ މައްސަލަޔާ ގުޅިގެންނެވެ.
ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ ބާތިލްކޮށް ދިނުމަށް ނައީމް ހުށަހެޅުއްވި ލާމަރުކަޒީ ގާނޫނުގެ މާއްދާތަކަކީ އިދާރީ ދާއިރާތައް އުފެއްދުން ބަޔާންކުރާ އެ ގާނޫނުގެ ތިން ވަނަ މާއްދާގެ ރ. އާއި ބ. އާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ ބަޔާންކުރާ 60 ވަނަ މާއްދާ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބާރާއި މަސްއޫލިއްޔަތު ބަޔާންކުރާ 61 ވަނަ މާއްދާ އާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ އެކުލެވިގެންވާ ގޮތް ބަޔާންކުރާ 62 ވަނަ މާއްދާގެ ހ. އާއި ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ރައީސާއި ނައިބު ރައީސް ބަޔާންކުރާ 63 ވަނަ މާއްދާ އާއި ކައުންސިލްތަކުގެ އިދާރާ ގާއިމުކުރުން ބަޔާންކުރާ 127 ވަނަ މާއްދާ އާއި ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒިފު 129 ވަނަ މާއްދާ އަދި ކައުންސިލްތަކުގެ މުވައްޒަފުން 130 ވަނަ މާއްދަ އެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގެންފައިވާ ހުކުމުގައި ވަނީ ލާމަރުކަޒީ ގާނޫނުގެ ތިން ވަނަ މާއްދާގެ ރ. ގައި ލޯކަލް ގަވަމަންޓް އޮތީރިޓީ (އެލްޖީއޭ) ޖަވާބުދާރީވާންޖެހޭ ފަރާތަކީ ކޮބައިކަން ނެތުމަކީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގެ މަފްހޫމާ ތައާރުޒުވާ ކަމެއް ނޫން ކަމަށެވެ.
އެލްޖީއޭ އަކީ މުސްތަގިއްލު މުއައްސަސާއެއް ނޫން ކަމަށާއި އެފަދަ މުއައްސަސާތަކާ މަސްއޫލުވާނޭ ވަޒީރަކު ހުންނެވުމުގެ މަގުސަދަކީ މުއައްސަސާގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް އެ ފަދަ އޮފީހެއްގެ އިދާރީ އެންމެ އިސްވެރިއަކަށް ވަޒީރު ހުންނެވުމަކީ ކޮންމެހެން ލާޒިމް ކަމެއް ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި ގާނޫނު އަސާސީގެ 140 ވަނަ މާއްދާއިން، އެލްޖީއޭ އަށް ވަޒީރަކު އައްޔަންކުރަން ލާޒިމުކުރާއިރު، ލާމަރުކަޒީ ގާނޫނުގައި އެކަން ބަޔާންވެގެން ނެތުމަކީ އެ ގާނޫނުގެ 60 ވަނަ މާއްދާ ގާނޫނު އަސާސީގެ 140 ވަނަ މާއްދާއާއިން ލާޒިމްކުރާ ކަމެއް ނަފީކުރާ ކަމެއް ނޫން ކަމަށާއި އަދި އެއީ ގާނޫނު އަސާސީއާ ތައާރުޒުވާ ކަމެއް ނޫން ކަމަށް ވެސް ކޯޓުން ވަނީ ނިންމައިފަ އެވެ.
އެލްޖީއޭގެ ރައީސާއި ނައިބު ރައީސް އެ އޮތޯރިޓީގެ ބޯޑުގެ މެމްބަރުންގެ ސިއްރު ވޯޓަކުން ނިންމުމަކީ ވެސް ގާނޫނު އަސާސީގެ 140 ވަނަ މާއްދާއާ ތައާރަޒުވާ ކަމެއް ނޫން ކަމަށާއި އަދި އެކަމަކީ އެލްޖީއޭގައި ވަޒީރަކުން ހުރުން ނަފީކުރާ ސަބަބެއް ވެސް ނޫން ކަމަށް ވަނީ ނިންމައިފަ އެވެ. އަދި އެލްޖީއޭ އަށް ކަނޑައަޅާފައިވާ ވަޒީރާއި އެ އޮތޯރިޓީގެ ބޯޑާ ދެމެދުގައި އޮންނަންޖެހޭ ގުޅުން ގާނޫނުގައި އިންތިޒާމުކުރެވިފައި ނެތުމަކީ ގާނޫނު އަސާސީއާ ތަރާއުވާ ސަބަބެއް ނޫން ކަމަށް ވެސް އެންމެ މަތީ ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި އެކަމަކީ ގާނޫނުގައިވާ އުނިކަމެއް ނަމަ އެކަން ހައްލުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެ އެވެ.
ޝަރީއަތް ނިމުނު ގޮތުގައި ހުލާސާގައި ބުނެފައިވާ ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ރައީސް ގާއިމުކުރާ އިދާރާއަކީ ވަޒީރެއްގެ މަސްއޫލިއްޔަތުގެ ދަށުން ހިންގާ އިދާރާއަކަށް ވެއްޖެ ނަމަ ކައުންސިލްތަކަށް ލިބިގެންވާ މުސްތަގިއްލު ކަމާއި މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަކީ ޖަދަލު ނުކުރެވޭނެ ހަގީގަތެކެވެ. އެހެން ވުމުން އެ މާއްދާގައި ބުނެފައިވާ ކައުންސިލްތަކަށް މަސްއޫލުވާނޭ މިނިސްޓަރަކު ހުރުމަކީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގެ ތަސައްވުރެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްތައް ހިމެނޭ ދާއިރާއެއްގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކަންކަން ނިންމުމަކީ ގާނޫނު އަސާސީގެ 232 ވަނަ މާއްދާގެ ހ. ގައި ބަޔާންވެގެންވާ ފަދައިން ޑިމޮކްރެޓިކް އަދި ޖަވާބުދާރީވަނިވި އުސޫލުތަކުގެ މަތިން ލޯކަލް ކައުންސިލްތަކުގެ ކަންކަން ހިންގުމުގެ ވަސީލަތެއްކަމަށް ސުޕްރީމްގެ ޝަރީއަތުގެ ހުލާސާ ލިޔުމުގައި ބުނެފައިވެ އެވެ. އަދި އެއީ ކައުންސިލްތައް ޖަވާބުދާރީކުރުމުގެ ބާރު ގާނޫނީ ގޮތުން ލިބިފައިވާ ފަރާތްތަކަށް ކައުންސިލްތައް ޖަވާބުދާރީކުރުވުން މަނާކުރާ ސަބަބެއް ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ކައުންސިލްތަކުގެ ޒިންމާދާރު ވެރިޔާ ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރައްވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައި އޮތުމަކީ ގާނޫނު އަސާސީ އާއި ސިވިލްސާވިސްގެ ގާނޫނުގެ ދަށުން ގާމުކޮށްފައިވާ އުސޫލަކާ ހިލާފުކަމެއް ނޫން ކަމަށް ވެސް ކޯޓުން ވަނީ ނިންމައިފަ އެވެ.
ލާމަރުކަޒީ ގާނޫނުގައި، ގާނޫނު އަސާސީއާ ތައާރުޒުވުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ