ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީނު އަލީގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ތަސްމީނުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ތަސްމީނު ދައްކަވަން ޖެހޭ 1.9 މިލިއަން ރުފިޔާ ހުކުމާ އެއްގޮތަށް ނުދެއްކި މައްސަލައިގަ އެވެ.
ވަހީދު މިއަދު ވިދާޅުވީ އެ މައްސަލަ އަށް ސުޕްރީމް ކޯޓުން މިއަދު ހުއްދަ ދީފައިވާ ކަމަށެވެ.
އެ ކޯޓުގެ ގަވާއިދު ބުނާ ގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅަން ބޭނުން ނަމަ ފުރަތަމަ ޖެހޭނީ އެ މައްސަލަ ހުށަހެޅުމުގެ ހުއްދަ އަށް އެދި ހުށަހަޅާށެވެ.
ނާޒިމަށް 1.9 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމަށް ހުށަހެޅިއިރު އެ ފައިސާ ދައްކާފައި އޮތުމުން އެ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެއް އަހަރުގެ ދުވަހުގެ ތެރޭގައި 1.9 މިލިއަން ރުފިޔާ ނާޒިމަށް ދެއްކުމަށް ދަށު ކޯޓުން ހުކުމްކުރި ނަމަވެސް އެ ފައިސާ ތަސްމީނު ދެއްކެވީ އެ މުއްދަތު ހަމަވި ފަހުންނެވެ.
ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައިގައި ތަސްމީނުގެ ކޮއްކޮ މުހައްމަދު ނާޝިޒާއި އަލީ އާޒިމަށް ވަނީ މަޖިލީހުގެ އަލިފުށީ ދާއިރާގެ ގޮނޑި ގެއްލިފަ އެވެ.
ޑީއާރްޕީގެ ލީޑަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ތަސްމީނު ވަނީ އެމްޑީޕީއާ ވަރަށް ފަހުން ގުޅިވަޑައިގެންފަ އެވެ.
ތަސްމީނުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ