ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރު އަހުމަދު ތޮލާލް އެ ކޮމިޝަނުގެ ގާނޫނާ ހިލާފުވެވަޑައިގެން ދީނުގެ ހައްދުތަކާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޖަމިއްޔަތުއްސަލަފުން އެޗްއާރުސީއެމަށް ހުށަހަޅައިފި އެވެ.
ޖަމިއްޔަތުއްސަލަފުން އެޗްއާރުސީއެމަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އިސްލާމްދީނަށް ހުރަމަތްތެރިކޮށް ހިއްތެވުމަށް ތޮލާލް ކުރައްވާފައިވާ ވައުދާ ވެސް ހިލާފުވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގާނޫނުލް އުގޫބާތު ދިރާސާކުރާ ކޮމެޓީގައި ގާނޫނާ ހިލާފަށް އޭނާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެ ކޮމެޓީގައި ތޮލާލް ވާހަކަ ދައްކަވާފައި ވަނީ ކީރިތި ގުރުއާނުގެ ފަސް ވަނަ ސޫރަތުގެ 38 ވަނަ އާޔަތުން، ދިވެހި ރައްޔިތުންނަށް ލިބިދޭ ވައްކަމުގެ ހައްދު ގާއިމްކުރުމުގެ ހައްގާއި އެ ނޫން ވެސް ގުރުއާނާއި ހަދީސުން ސާބިތުވާ ހައްދުތައް ގާއިމްކުރުމުގެ އިންސާނީ ހައްގުތަކާ ދެކޮޅަށް ކަމަށް އެ ސިޓީގައިވެ އެވެ.
ސަލަފުގެ ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ ދީނުގެ ހައްދުތަކާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ތޮލާލް މަޖިލީހުގެ ކޮމެޓީގައި ވިދާޅުވެފައިވާ ކަމުގެ މައުލޫމާތު އެ ޖަމިއްޔާ އަށް ލިބިފައިވާ ކަމަށެވެ. އެއީ ކޮމިޝަނުގެ ނިންމުމެއް ނޫން ކަމަށާއި ތޮލާލް އަމިއްލަ ހައިސިއްޔަތުން އެގޮތަށް ވާހަކަ ދެއްކެވި މައްސަލަ ބަލަން ޖެހޭ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
"ތިޔަ ކޮމިޝަނެއް ކަމަކު ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ގާނޫނުތަކުން ބޭރުގައި މަސައްކަތް ކުރުމަކީ ފަހަރެއްގައި ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ،" ސަލަފުން އެޗްއާރުސީއެމަށް ފޮނުވި ސިޓީގައިވެ އެވެ. "ވީމާ ކޮމިޝަނަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ތިމަންނާ އަކީ ދުނިޔޭގެ އެހެން ގައުމެއްގެ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރެއްކަމުގައި އަމިއްލަ އަށް ގަބޫލުކޮށް މި ގައުމުގެ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތް ކުރުމަކީ ތިޔަ ކޮމިޝަނުގެ މަގްސަދާއި އަދި ގާނޫނު އަސާސީއާ ވެސް ޚިލާފަށް ކުރާ މަސައްކަތެއް ކަމުގައި މި ޖަމްއިއްޔާއިން ދެކެމެވެ."
އެޗްއާރުސީއެމްގެ މެމްބަރު ތޮލާލްގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ސަލަފުން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ