"ފައިސާ ގޯނި" ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ ބެއްސެވި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި ވާހަކަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަގަށް ނެންގެވި ފައިސާ ހިއްޕަވައިގެން މަޖިލިހުގެ މެމްބަރުން ކައިިރި އަށް ވަޑައިގެންނެވި ކަމަށް މުހައްމަދު އިސްމާއިލް ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން ބައެއް ޓީވީތަކުގައި ވާހަކަ ދައްކަވަމުން ވެސް، މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަމިއްލަ މީހަކު ފުލުހުންނަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ މުހައްމަދު އިސްމާއިލް ބެއްސެވި ކަމަށް ވިދާޅުވި ފައިސާ އަކީ ކޮން ތަނަކުން ލިބުނު ފައިސާއެއްތޯ އާއި އަދި ކޮން ފަރާތަކުން ބުނެގެން، ކޮން ކަމަކަށް ބެހި ފައިސާއެއްތޯ ތަހުގީގުކޮށްދިނުމަށެވެ. ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލާ އިރު އެއްވެސް ފަރާތަކުން ގާނޫނީ ކުށެއް ކޮށްފައިވާ ނަމަ، ފިޔަވަޅު އަޅައިދޭން ވެސް އެދިފައިވެ އެވެ.
މުހައްމަދު އިސްމާއިލްގެ އެ މައްސަލަ ނުބަލައިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އަމާޒުކުރުމުން، އޭނާ ވިދާޅުވެފައި ވަނީ އެގޮތަށް ވާހަކަ ދެއްކެވީ ސިޔާސީ ގޮތުން ކަމަށެވެ. އަދި އެ މައްސަލާގައި އޭނާ އޭސީސީ އަށް ހާޒިރުކުރުމުން، އެ ވާހަކައިގެ ތަފްސީލު ހިއްސާކުރައްވާފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއީލްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރަން ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ދައުވާކޮށް ޝަރީއަތް ފަށާފައި ވަނިކޮށެވެ.
ފައިސާ ބެއްސެވި ކަމަށް މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ