ލޯނެއްގެ މައްސަލާގައި މެމްބަރު އާޒިމްގެ މައްޗަށް ބީއެމްއެލުން ދައުވާކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އޭނާގެ ބައްޕަ އަހުމަދު ވަހީދުގެ މައްޗަށް ބޭންކުން ދައުވާކޮށްފި އެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ހ. ނިއުކުއީން ހެދުމަށްޓަކައި އެތަން ރަހުނު ކުރުމަށްފަހު 2007 ވަނަ އަހަރު އެ ދެ ބޭފުޅުންގެ ނަމުގައި ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެނެވެ. އެ ދެ ބޭފުޅުން ދައްކަންޖެހޭ ކަމަށް ބޭންކުން ބުނާ ފައިސާގެ އަދަދު 3.8 މިލިއަނަށް އަރަ އެވެ.
އާޒިމާއި އޭނާގެ ބައްޕަގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ ފައިސާ ނުދައްކަނީ އެ ލޯނުގެ އިންޓްރެސްޓް ރޭޓް އެންގުމަކާއި ނުލައި ބޮޑުކޮށްފައިވާތީ ކަމަށެވެ. އެ ފަރާތުން ބުނާގޮތުގައި އިންޓްރެސްޓް ރޭޓް ބޮޑުކުރިކަން އަންގާފައިވަނީ ބޮޑުކުރިތާ އެއް އަހަރު ފަހުން ކަމަށެވެ. ނަމަވެސް ބޭންކުން އެކަމަށް އިންކާރު ކުރެއެވެ.
އެ ލޯނުގެ އިންޓްރެސްޓް ރޭޓް ބޮޑުކޮށްފައިވަނީ އާޒިމްގެ ހިއްސާ އޮންނަ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސާއި މަހައްދޫ އިންވެސްޓްމަންޓްގެ ފަރާތުން ބޭންކުން ނަގާފައިވާ ލޯނުތަކަށް ގަވާއިދުން ފައިސާ ނުދައްކާތީ ކަމަށް ބޭންކުން ވަނީ އާޒިމާއި އޭނާގެ ބައްޕަ އަށް އަންގައިފަ އެވެ.
ނަމަވެސް ބޭންކުގެ އެ ނިންމުމަށް އެ ދެ ބޭފުޅުން އިންކާރު ކުރައްވަ އެވެ. އެ ދެ ބޭފުޅުންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެގޮތަށް ބޮޑު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ބޭންކުން ބުނަނީ އެމްއެމްއޭގެ ގަވާއިދުގެ ދަށުން އެގޮތަށް ބޮޑު ކުރުމުގެ ބާރު ބޭންކަށް ލިބޭ ކަމަށެވެ.
ދައުވާގައި ބޭންކުން އެދެނީ އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށާއި ފައިސާ ދައްކައި ނިމެންދެން އެއްބަސްވުން ދެމިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ފައިސާ ނުދެއްކިއްޖެނަމަ ރަހުނުކޮށްފައިވާ ހ. ނިއުކުއީން ވިއްކާލުމުގެ ބާރު ބޭންކަށް އޮންނާނެ ކަމަށާއި އެ ގެ ވިއްކައިގެން ވެސް ފައިސާ ހަމަނުވެއްޖަނަމަ ބާކީ ބައި ވެސް އެ ދެ ބޭފުޅުން ދައްކަންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ވަނީ މުޅި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އަދި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އާޒިމާއި މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒް ގެރެންޓީ ދެއްވި ފަސް ލޯނަކަށް ފައިސާ ނުދައްކައިގެން އެ ލޯނުގެ ރަހުނުތައް ވިއްކާލުމަށް ބޭންކާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
އެ މައްސަލައިގައި އެ ދެ ބޭފުޅުންގެ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދި އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުން ދަނީ ބަލަމުންނެވެ.
ޑީއާރުޕީގައި ހުންނެވުމަށްފަހު އާޒިމް މިހާރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ