ފަނޑިޔާރުންނާއި އެކު ސިޔާސީ ވާހަކަދެއްކެވި ކަމަށް ގާސިމް އެއްބަސްވެ ވަޑައިގެންފި

ފަނޑިޔާރުންނާއި އެކު ސިޔާސީ ވާހަކަދެއްކެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްބަސްވެ ވަޑައިގެންފިއެވެ.
ފަނޑިޔާރުންނާއި ސިޔާސީ ވާހަކަދެއްކެވި ކަމަށް ގާސިމް އެއްބަސްވެ ވަޑައިގެންނެވީ އޭނާގެ ޕާޓީގެ ޖަގަހައިގައި މީގެ އިރުކޮޅެއް ކުރިން ވާހަކަދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އަށް ތާއިދު ކުރެއްވީ ޖުޑިޝަރީގެ ބޭފުޅުންނާއި، ފަނޑިޔާރުން އަދި ފުލުހުންނާއި ސިފައިން ކުރެއްވި އާދޭހުގެ ސަބަބުން ކަމަށެވެ.
ފަނޑިޔާރުންނާއި ސިޔާސީ ވާހަކަދެއްކެވި ކަމަށް ގާސިމް އެއްބަސްވެ ވަޑައިގެންނެވިއިރު ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަމްބަރުގައި ބުނެފައި އޮންނަނީ ސިޔާސީ ޚިޔާލުފާޅުކޮށް ސިޔާސީ ކަންކަމުގައި ފަނޑިޔާރަކު އުޅެގެން ނުވާނެ ކަމަށެވެ.
ގާސިމް މިރޭ ވިދާޅުވީ "އަޅުގަނޑު ތާއިދު ކުރީ އެމަނިކުފާނަށް ޓަކައެއް ނޫން. އަޅުގަނޑު ތާއިދު ކުރީ ދިވެހިރާއްޖޭގެ ޖުޑިޝަރީއާއި ސިފައިންނާއި ފުލުހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އަޅުގަނޑާއި ބައްދަލުކުރައްވާ ވަރަށް ގިނަގުނަ އާދޭސް އެބޭފުޅުން އަޅުގަނޑަށް ކުރެއްވުމުން." ކަމަށެވެ.
"އެގޮތައް ފަނޑިޔާރުންގެ ތެރެއިން އަޅުގަނޑާއި ވާހަކަދެއްކެވި ބޭފުޅުންނަށް ވެސް މިއަދު އެނގިވަޑައިގަންނަވާނެ ކޮންކަހަލަ މަޖުބޫރުކަމެއްކަން (ރައީސުލްޖުމްހޫރިއްޔާގެ) ފަރާތުން މިއަދު އަންނަނީ. (ފަނޑިޔާރުންނަށް) މަޖުބޫރުކަމެއް އަންނަންޏާއި އަންނަކަން ނުވަތަ ނޫންކަން އެބޭފުޅުންނަށް މިއަދު އެނގިވަޑައިގަންނަވާނެ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގާސިމް އާއި ބައްދަލުކުރި ބޭފުޅުންނަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަކީ ކާކުކަން އެނގިވަޑައިގެންފާނެ ކަމަށެވެ.
ގާސިމް ވިދާޅުވި ޝަރުޢީ ދާއިރާ ތަރައްޤީ ނުވެގެން އެވާހަކަ ދައްކާއިރު މިއަހަރު ބަޖެޓުން ވެސް ޝަރުޢީ ދާއިރާ އަށް އޮތް ފައިސާ އިން 100 މިލިއަނަށްވުރެ ގިނަ ފައިސާ ކަނޑާލާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ