މައުމޫން ހަމީދާ އެކު އިތުރު ހަ މީހަކު ޕީޖީ ކަމަށް ކުރިމަތިލައްވައިފި
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިގެން ފާސްނުވި މައުމޫން ހަމީދާ އެކު އިތުރު ހަ މީހަކު އެ މަގާމަށް ކުރިމަތިލައިފި އެވެ.ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ދިން ހަފުތާއެއްހާ ދުވަހުގެ މުއްދަތުގައި އެ މަގާމަށް ހަތް ބޭފުޅަކު ކުރިމަތިލެއްވި ކަމަށެވެ. އެއީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ އާއި އުއްމު ކުލްސޫމް އަބޫބަކުރާއި މުހްތާޒް މުހްސިން އާއި އައިޝަތު ފަޒުނާ އާއި މަހާޒް އަލީ ޒާހިރު އަދި އަބްދުއްސައްތާރު އަބްދުލް ހަމީދެވެ.މައުމޫން ހަމީދު: ޕީޖީގެ މަގާމަށް އޭނާ ކުރިމަތިލެއްވި މިއީ ދެ ވަނަ ފަހަރު. -- ފޮޓޯ: ރައީސް އޮފީސް މި ބޭފުޅުންގެ ތެރޭން އުއްމު ކުލްސޫމް އަކީ މެޖިސްޓްރޭޓެކެވެ. އަދި މުހްތާޒް މުހްސިން އަކީ ކްރިމިނަލް ކޯޓުގެ ގާޒީއެކެވެ. އަބްދުއްސައްތާރާއި މަހާޒް އަލީ ޒާހިރަކީ ޑްރަގް ކޯޓުގެ ދެ ގާޒީންނެވެ.ރައީސް ޔާމީން ކުރިން "ހަވީރަ"ށް ވިދާޅުވެފައިވާ ފަދައިން މުއާޒް ވެސް މިއަދު ވިދާޅުވި ގޮތުގައި ޕީޖީގެ މަގާމަށް އައްޔަންކުރެއްވުމަށް ރުހުން ހޯދުމަށް ދެން ރައްޔިތުންގެ މަޖިލީހަށް ނަމެއް ހުށަހަޅާނީ މި މަހުގެ 28ގައި ހުވާކުރާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އޭގެ ސަބަބަކީ، މުއާޒް ވިދާޅުވި ގޮތުގައި، ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް، މައުލޫމާތު ސާފުކުރުމަށް ގާތްގަނޑަކަށް ހަފުތާއެއް ނުވަތަ ދެ ހަފުތާ ބޭނުންވާތީ އެވެ."އެ ބޭފުޅަކީ ދައުލަތުގެ މިފަދަ މުހިއްމު މަގާމަކަށް އެންމެ ގާބިލް، ވަޒީފާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާނެ ނަންފުޅެއް. އެ މަނިކުފާނު ނަންފުޅެއް އިހުތިޔާރުކުރުމުގައި ވަކި ރަށަކަށް ނިސްބަތް ވީތީ، ވަކި އާއިލާއަކަށް ނިސްބަތް ވީތީ، ވަކި ދަަރިފަސްކޮޅަކަށް ނިސްބަތް ވީތީ ނުބައްލަވާނެ. އެކަމުގެ ޔަގީންކަން އަރުވަން،" ތަރުޖަމާނު ވިދާޅުވި އެވެ.ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒް: ޕީޖީގެ މަގާމަށް އައްޔަންކުރެއްވުމަށް ނަމެއް ފޮނުވާނީ އާ މަޖިލީހަށް ކަމަށް މިއަދު ވިދާޅުވި. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދުގެ ނަން ފާސް ނުވުމުން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ވަރަށް ބޭފުޅުން ކުރިމަތިނުލައްވާ ކަމަށް ވިދާޅުވެ ރައީސް އޮފީހުން ވަނީ މި މަހުގެ ކުރީކޮޅު އަލުން ފުރުސަތު ހުޅުވާލާފަ އެވެ. އެ ފަހަރު މައުމޫން ހަމީދު ކުރިމަތިލައްވާފައެއް ނުވެ އެވެ.ޕީޖީކަމުގެ މަގާމުގައި ހުންނެވި އަހްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އިސްތިއުފާ ދެއްވި ފަހުން މަގާމުގެ ޒިންމާތައް އަދާކުރައްވަމުން ގެންދެވި ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭގެ ފަހުން ޖިނާއީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ވަނީ ގާނޫނީ ސުވާލުތަކެއް އުފެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ