ސަރުކާރުގެ އަމާޒަކީ އަންނަ ރޯދަ މަހުގެ ކުރިން، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓްގެ ހިދުމަތް ދިނުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފެނަކައިގެ މެނޭޖަރުންގެ މަހާސިންތާ ފެށުމަށް ޝީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި އެކަށީގެންވާ ގޮތުގައި ކަރަންޓްގެ ހިދުމަތް ނުދެވޭ ކަމަށެވެ. އަދި އެކަން ރަނގަޅު ކުރުމުގެ ގޮތުން ފެނަކަ އަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށްރަށުން ކަރަންޓް ކެޑުމުގެ މައްސަލަ ދިމާ ވަނީ އެކަށީގެންވާ ގޮތެއްގައި އިންޖީނުތައް ބަލަހައްޓަމުން ނުދާތީ އެވެ. އަދި އިންޖީނުތައް ހަލާކުވެ، އެކަމަށް އެކަށީގެންވާ ސްޕެއާ ޕާޓްސް ރަށްރަށުން ނުލިބުމަކީ ވެސް އިންޖީނުތަކަށް މައްސަލަ ދިމާވާ ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އާ އިންޖީނުތަކެއް ގެނައުމަށް ފެނަކަ އިން މިހާރު ފަށާފައިވާ މަޝްރޫއުގެ ދަށުން ގިނަ ރަށްރަށުގައި އެކަށީގެންވާ ކަރަންޓްގެ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އިންޖީނުތައް ގެނައުމުގެ ކުރިން، އެތަކެތި ބަހައްޓާނެ ގޮތްތަކެއް ރާވަން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ އެ ޕްރޮޖެކްޓް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"ކަސްޓަމްސް އަށް އިންޖީނުތައް އައީމާ ދެން އެ އެއްޗިހި އިންސްޓޯލް ކުރާނެ ގޮތާއި މިކަންކަން ރާވާފައި ނެތް ނަމަ އެންމެ ފަހުން އުޅެން ޖެހޭނީ ތެޅިފޮޅި ގަނެގެން. އޭރުން އެކަން އެކަށީގެންވާ ގޮތެއްގައި ނުކުރެވޭނެ. ސަރުކާރުން މިހާރު ބޭނުން ވަނީ ރޯދަ މަހުގެ ކުރިން، މީހުން ދިރިއުޅޭ ރަށެއްގައި އެކަށީގެންވާ ކަރަންޓްގެ ހިދުމަތެއް ހުންނަން. މި ޕްރޮޖެކްޓް ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވިއްޖެ ނަމަ އެކަން ހާސިލް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ބައެއް ރަށްރަށުގައި ކަރަންޓްގެ ހިދުމަތް ކެނޑުމުގައި މުވައްޒަފުންގެ އިހުމާލު ވެސް ބޮޑެވެ. ނަމަވެސް މެނޭޖަރުންގެ ލެވެލްގައި ރަނގަޅު އޮނިގަނޑެއް ގާއިމް ކުރެވިއްޖެ ނަމަ އެ ގޮތަށް ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ފެނަކަ އިން ދެނީ އަސާސީ ހިދުމަތްތަކެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ސަރުކާރުގެ ސިޔާސަތު ތަންފީޒް ކުރުމަށް ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ކޮންމެހެން ސިޔާސީ ވެގެން އުޅެން ނުޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި ފިކުރު ތަފާތު ވާ ނަމަ އެންމެ ރަނގަޅު ގޮތަކީ، "ސިޓީ އަކުން އެކަން އަންގާލުން" ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ވަޒީފާ ނުލިބިފައި އެބަ ތިބި ބައިވަރުން ކުދިން. ފިކުރު ތަފާތުވާ ފަރާތްތަކުން އެފަދަ ކުދިންނަށް ފުރުސަތު ދިނުން މުހިންމީ. އަޅުގަނޑު ގަބޫލެއް ނުކުރަން މި ކުންފުނީގައި މަސައްކަތް ކުރާ މީހަކު ފިކުރު ތަފާތު ވާން ޖެހޭނެ ކަމަކަށް ވަޒީފާ އަދާކުރުމުގައި،" ނާޒިމް ވިދާޅުވި އެވެ.
ފެނަކައިގެ މެނޭޖަރުންގެ މެދުގައި ފެށި މަހާސިންތާގެ ސަބަބުން، ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަށް މުހިންމު ސިޔާސަތުތަކެއް އެކުލަވާލެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އަތޮޅުތަކުގެ އިންޖީނުގެ ތަކުގެ މެނޭޖަރުންގެ މެދުގައި ގުޅުން ބަދަހިކޮށް، ގުޅިގެން މައްސަލަތައް ހައްލު ކުރުމަށް އެހީއަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރޯދަ މަހުގެ ކުރިން ހުރިހާ ރަށަކަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓް ދެވޭނެ: މިނިސްޓަރު ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ