އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި ކުއްލި ހާލަތު އިއުލާން ކޮށްގެން ވިޔަސް އެކަންކަން ބަލައި ފިޔަވަޅު އަޅަން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލިހުގައި، ރައީސް މުހައްމަދު ވަހީދަށް މިއަދު ގޮވާލައްވައިފި އެވެ.
ނޮވެމްބަރު 11ގެ ކުރިން ވެރިޔަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ވެރިކަން މަޖިލީހުގެ ރައީސާ ހަވާލުކުރުމަށް ގޮވާލައި އެމްޑީޕީގެ މެމްބަރަކު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ގާސިމް ވިދާޅުވީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާއާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ވާހަކަ ދައްކަނީ "ގާނޫނު އަސާސީގެ ބާރުކަނޑުވާލުން" ކަމަށެވެ. އެހެންވެ ކޮމިޝަންގެ މެމްބަރުންނަށް މައްޗަށް ޖިނާއީ ދައުވާއެއް ކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މި ކަންތައް މިގޮތަށް ނުކުރެއްވިއްޖެ ނަމަ އަޅުގަނޑުމެންގެ ގައުމުގެ ގާނޫނު އަސާސީގެ ހުދޫދުގެ ތެރެއިން ބޭރުވާތީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާލަން ބޭނުންވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން ވިޔަސް ގާނޫނު އަސާސީ އަށް އަމަލުކުރަން ޖެހޭނޭ،" ގާސިމް ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކުރުމުގައި ދިމާވާ ކަމެއްގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހު ނިންމުން ކަމަށެވެ.
ސުޕްރީމް ކޯޓުން ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ލުން ބާތިލްކޮށް އަލުން އިންތިޚާބު ބޭއްވުމަށް ގައިޑްލައިނެއް ވެސް ދީފަ އެވެ. އެކަމަކު ކޮމިޝަނުން ބުނަނީ އެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވެސް މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކުރި ކަންކަން ބެލިގެން ނޫނީ ހަމަޖެހުމެއް ނެތް ކަމަށެވެ. އަދި ސިފައިން މި ގައުމުގެ ވެރިކަމާ ހަވާލުވާނެ މަންޒަރު ފެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ ނޮވެމްބަރު 11 ގެ ކުރިން ރައީސަކު އިންތިހާބު ކުރުމަށްޓަކައި ހުރިހާ ފަރާތްތަކެއް މަޝްވަރާކޮށްގެން ހައްލެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ކުރި ކުށްތަކަށް އަދަބު ނުދެވި ހަމަޖެހުމެއް ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުއްލި ހާލަތު އިއުލާން ކޮށްގެން ވިޔަސް އީސީގެ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ