ކޮމިއުނިޓީ ފަރުވާ ހޯދާ މީހުން ޕްރޮގްރާމްތަކަށް ހާޒިރުނުވާ ނަމަ ފިޔަވަޅު އަޅަނީ

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮމިއުނިޓީ ފަރުވާ ހޯދާ މީހުންނަށް ހިންގާ ތަފާތު އެކި ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން ޕްރޮގްތާމްތަކަށް ހާޒިރުނުވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑްރަޖް އެޖެންސީ (އެންޑީއޭ) އިން ނިންމައިފި އެވެ.
އެންޑީއޭގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ ކޮމިއުނިޓީ ފަރުވާ އަށް ދޫކޮށްފައި ތިބި މީހުންނާއި އެ އެޖެންސީގެ ދަށުން ހިންގާ ތަފާތު އެކި ސެންޓަރުތަކުގައި ތިބި މީހުންނަށް ހާއްސަކޮށްގެން ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށާއި އެ މީހުންގެ ފަރުވާ ފުރިހަމަ ވާނީ އެ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ކަމަށެވެ. އެންޑީއޭ އިން އަންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ކޮމިއުނިޓީ ގަވައިދުގެ ދަށުން ފަރުވާ ހޯދާ މީހުންނަށް މަޖުބޫރު ކަމެކެވެ.
"ޓްރެއިނިން ސެންޓަރުތަކުގެ އިތުރުން ޓައިމް ޓޭބަލެއްގެ ދަށުން މިކޮޅަށް ހާޒިރުވެ ކްލާސްތަކެއްގައި ބައިވެރިވާންޖެހޭ. އެ ޕްރޮގްރާމްތައް ފުރިހަމަ ނުކުރަނީސް ފަރުވާ ފުރިހަމަވި ކަމަށް އަޅުގަނޑުމެން ނުބަލާނަން. އެކަން ނުކުރާ ފަރާތްތަކުގެ ފަރުވާ ޓާމިނޭޓު ކުރަން ވެސް ޖެހިދާނެ. އެހެން ފިޔަވަޅުތައް ވެސް އަޅުގަނޑުމެން އަޅާން،" މިއަދު ނެރުނު އިއުލާނާ ބެހޭ ގޮތުން ލުބްނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވި ލުބްނާ ވިދާޅުވީ ކޮމިއުނިޓީ ފަރުވާގައި 200 އަށް ވުރެ ގިނަ މީހުން ތިބި އިރު މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ މީހުންނަށް އަމާޒުކޮށްގެން ޕޮލިޓެކްނިކުން ތިން މަހާއި ނުވަ މަހާ ދެމެދުގެ ކޯސްތަކެއް ވެސް ހިންގާ ކަމަށާއި އެއީ ވެސް 75 ޖާގައިގެ ޕްރޮގްރާމެއް ކަމަށެވެ. މީގެ އިތުރުން ވެސް އަތޮޅުތަކުގައި ހުރި ތަފާތު ސެންޓަރުތަކުގައި ގިނަ ބަޔަކު މިހާރު ވެސް ކޮމިއުނިޓީ ފަރުވާ ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާޒިރު ނުވާ މައްސަލަ މާ ބޮޑަކަށް މި ވަގުތު ނެތް. ނަމަވެސް ބޮޑު މައްސަލައަކަށް ވެދާނެހެން ކިރިޔާ ހީވާން ފެށުމާ އެކު އަޅުގަނޑުމެން މި ގޮތަށް މި ނިންމީ،" ލުބްނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ