ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް އެދި ޖުމްހޫރީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމޭ ގޮތަކުން ޕީޕީއެމާއެކު ކޯލިޝަން ހަދާނެކަމުގެ ޔަގީންކަން ޖޭޕީން ދީފައިވާ ކަމަށް ޕީޕީއެމުން މިރޭ ބުނެފި އެވެ.
ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމޭ ގޮތަކުން، ދެވަނަ ބުރުގައި ވޯޓުލާން ޖެހިއްޖެނަމަ އެ ޕާޓީއާ އެކު ކޯލިޝަން ހަދާނެ ކަމުގެ ޔަގީންކަން ޖޭޕީން ދީފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކައިރިވެފައިވީ ނަމަވެސް މިހާތަނަށް ވެސް ކޯލިޝަން ހަދާފައިނުވަނީ ކޯޓުން މައްސަލަ ނިމޭ ގޮތަކަށް ބެލުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޯޓުން މައްސަލަ ނިމޭ ގޮތަކަށް ބަލައި ޕީޕީއެމާ އެކު ކޯލިޝަން ހަދާނެ ކަމަށް އަދާލަތު ޕާޓީން ވެސް ވަނީ ބުނެފަ އެވެ.
" ޖޭޕީގެ ލީޑަރު ވެސް އަޅުގަނޑުމެން ރައީސާ ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ މައްސަލަ ނިމޭގޮތަކުން ގުޅޭ ނަމޭ. ނިމޭ ގޮތަކުންނޭ މި ވިދާޅުވަނީ މިސާލަކަށް މި ނިންމެވީ ]އިންތިހާބުގެ ފުރަތަމަ ބުރު[ ސައްހައޭ ދެ ވަނަ ބުރައިގެން ކުރިއަށް ދާށޭ. އެހެންވެޖިއްޔާ ]ޖުމްހޫރީ ގުޅުން[ އެމަނިކުފާނުމެން އެމްޑީޕީއާ ގުޅިވަޑައިނުގަންނަވާނެ ކަމާއި ޕީޕީއެމާ އެކު ކުރިއަށް ދާނެ ކަމަށް ވިދާޅުވި. އަދާލަތު ޕާޓީން ވެސް ހަމަ އެގޮތަށް ވިދާޅުވެފައި އެބައޮތް. އެއްވެސް ހާލެއްގައި އެމްޑީޕީއަކާ ނުގުޅޭނަމޭ" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ރާއްޖޭގައި އިލެކްޓްރޯނިކް ސާމާނުގެ ވިޔަފާރިކުރާ އޮފީހަކުން އިލެކްޝަންސް ކޮމިޝަންގެ ސޮފްޓްވެއާ އަށް އެކްސެސްވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ބިދޭސީންތަކެއް ވެސް ވޯޓުލި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ފުއާދު ތައުފީގު އައްޔަންކުރަން ފެނިވަޑައިގަންނަވާ ކަމަށް މަޖިލީހުގައި އޭނާ އަށް ވޯޓު ދެއްވުނީތީ މިއަދު "ލަދު ގަންނަ" ކަމަށެވެ.
"މުޅި ގައުމު ފިތުނައިގެ ތެރެއަށް ވައްޓާލެވޭނެ ފަދަ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ކޮށްފައި އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަމޭ ހަމަ ގައިމު ވެސް، އެހެންވީމާ އޭގެއިން ނިކުންނަ ނަތީޖާ އަޅުގަނޑުމެން ނިންމަންޖެހޭނީ ޝަރުއީ ކޯޓަކުން ކުރާ ހުކުމަކުން" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ އިސް މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅޭ ކަމަށް އަޑުފެތުރިފައިވާތީ އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން ވަކިވެވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން މައުމޫނަށް މަހުލޫފު އަރުވާފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށްޓަކައި ޕީޕީއެމުން މާދަމާ ރޭ ފުވައްމުލަކުގައި ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށާއި އެ ޖަލްސާގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ކޯޓުން މައްސަލަ ނިމޭ ގޮތަކުން ޕީޕީއެމާ އެކު ޖޭޕީން ކޯލިޝަން ހަދާނެ: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ