އަފްރާޝީމްގެ މަރުގެ ދައުވާ ލިބޭ ޝާންގެ މައްސަލަ އަންނަ މަހުގެ ހަތެއްގައި ނިންމާނަން: ގާޒީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ ހ. ހިކޯސްޓް އަލީ ޝާންގެ މައްސަލަ އަންނަ މަހުގެ ހަތް ވަނަ ދުވަހު ނިންމާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ހެނދުނު އޮތް އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ މި މަހުގެ 28 ވަނަ ދުވަހު އެ މައްސަލައިގެ ޚުލާސާ ބަޔާން ނެގުމަށް ފަހު އަންނަ މަހުގެ ހަތް ވަނަ ދުވަހު ހުކުމް ކުރައްވާނެ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ބަންދުގައި ހުންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޝާންގެ ބަންދަށް ލުޔެއް ދިނުމަށް މީގެ ކުރިން ޝާންގެ ފަރާތުން ދެ ފަހަރެއްގެ މަތިން އެދުނު ނަމަވެސް ގާޒީ އޭރު ވެސް ވިދާޅުވަމުން ގެންދެވީ ޝާންގެ މައްސަލަ ވަރަށް އަވަހަށް ނިންމަވާނެ ކަމަށެވެ. އެހެންވެ ޝާން ބަންދުން ދޫކުރުމަށް ވުރެ ބޮޑަށް އިސްކަން ދެއްވާނީ މައްސަލަ އަވަހަށް ނިންމަން ކަމަށް ގާޒީ އަބްދުﷲ ދީދީ އޭރު ވެސް ވިދާޅުވެފައިވެ އެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވަނީ ޝާންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިވެރިއެއްގެ ހެކިބަސް ނަގައިފަ އެވެ.
ޝާންގެ ދިފާއުގައި ކުރިން ހެކިބަސް ދިން އެހެން ހެކިވެރިން ވެސް ބުނި ގޮތަށް އެ ހެކިވެރިޔާ ވެސް ބުނި ގޮތުގައި އަފްރާޝީމް މަރާލި ރޭ ޝާން ހުރީ ޖަލަޕީނޯގައި ކަމަށެވެ. އަދި އެ ތަނުގައި ހުރުމަށް ފަހު އޭނާ އާއި އިތުރު މީހަކު ޝާންގެ ސައިކަލުގައި ދުއްވާލަން ދިޔަ ކަމަށާއި އޭގެ ފަހުން އެ ރޭ ދަންވަރު 1:15 ހާއިރު އަނބުރާ ޖަލަޕީނޯ އަށް އެ މީހުން ދިޔައިރު ވެސް އެތަނުގައި ޝާން ހުރި ކަމަށެވެ.
އެ ހެކިވެރިޔާ ބުނި ގޮތުގައި ޖަލަޕީނޯ އިން ނުކުމެގެން އޭނާ ދިޔައީ ޑޯލްފިން ކެފޭ އަށެވެ. އަދި އޭނާއާ އެކު ޝާން ވެސް ޑޯލްފިންގައި ހުރިހެން "ހީވާ" ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އަދި އެރޭ އަފްރާޝީމް މަރާލިކަން އެނގުނީ ވެސް އެތަނުގައި ހުއްޓާ ކަމަށް އޭނާ ބުންޏެވެ.
ޝާންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ބުރާސްފަތި ދުވަހު ނަގައި ނިމުނުއިރު ކުރިން ހެކިބަސް ދީފައިވާ މީހުންނާ އެކު ޝާންގެ ދިފާއުގައި ފަސް މީހަކު ވަނީ ހެކިބަސް ދީފަ އެވެ. ދައުލަތުން ހުށަހަޅާފައި ވަނީ އެންމެ ހެކިވެރިއެއް ކަމަށްވާއިރު އެ މީހާގެ ބަސް ކުރިން ވަނީ ނަގައިފަ އެވެ.
ޝާންގެ މައްސަލަ އަންނަ މަހު ނިންމާނެ ކަމަށް ގާޒީ ވިދާޅުވިއިރު އަފްރާޝީމް މަރާ ގުޅިގެން ދައުލަތުން ދައުވާކުރި ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެ ކުށް ސާބިތުވާތީ އޭނާ މެރުމަށް މިދިޔަ ޖެނުއަރީ މަހު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ