އަޅުގަނޑުމެން ތިބޭނީ ރައީސް އިބްރާހިމް މުހަންމަދު ސާލިހްއާއެކު، ކޯލިޝަނުން ވަތްކެއް ނުވާނަން: ގާސިމް

ރައީސް އިބްރާހިމް މުހަންމަދު ސާލިހްގެ ސަރުކާރު ހިންގާ ކޯލިޝަނުން ޖުމްހޫރީ ޕާޓީ ބޭރު ނުވާނޭ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގެ ފުންނާބު އުސް ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށް ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒްގައި ހޯމަދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ ރައީސް އިބްރާހިމް މުހަންމަދު ސާލިހާއެކު ކޯލިޝަންގަ އޮތް ބައެއް ކަމަށާއި، ޖުމްހޫރީ ޕާޓީ ކޯލިޝަނުން ބޭރެއް ނުވާނޭ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ހަމަ އެއާއެކު، ރައީސް އިބްރާހިމް މުހަންމަދު ސާލިހްގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޖޭޕީން އަދުވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީން މިކުރާ ކަމަކީ ކޯލިޝަނުން ބޭރުވުމަށްޓަކައި ކުރާ ކަމެއްކަމަށް އެއްވެސް ފަރާތަކުން ހީނުކުރާތި. މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ގާނޫނުއަސަސީއާއި އިސްލާމްދީނަށް ހުރުމަތްތެރިކޮށްގެން ގެންދާހާހިނދަކު އަޅުގަނޑުމެން ތިބޭނީ އިބްރާހިމް މުހަންމަދު ސާލިއާއެކު. އިބްރާހިމް މުހަންމަދު ސާލިހާއެކު އެހީތެރިކަމާއެކު މަސައްކަތް ކުރާނަން. އަޅުގަނޑުމެން މިތިބީ ސަރުކާރުގަ، އަޅުގަނޑުމެންގެ މިނިސްޓަރުންވެސް ސަރުކާރުގަ އެބަތިއްބެވި. އަދި އެނޫން ވަޒީފާތަކުގަވެސް ބައިވަރު މެމްބަރުން އެބަތިއްބެވި. އެބޭފުޅުންނަށްވެސް ހިތްވަރުދެމުން އަޅުގަނޑު ދަންނަވާނީ ޕާޓީން މިކުރާ ކަމަކީ ޕާޓީ ބޮޑުކުރުމޭ. ޕާޓީއަށް ގިނަ މެމްބަރުން ވައްދައި، ދެން އަންނަ އިންތިޚާބުތަކަށް ތައްޔާރުވުމޭ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީވެސް ބޮޑު ޕާޓީއަކަށް ވާންޖެހޭ ކަމަށާއި، އެ ޕާޓީއަށްވެސް ތާއަބަދު އެއްގޮތަކަށް ނޯވެވޭނެކަން ހުރިހާ ބޭފުޅުންވެސް ހަނދުމަފުޅު ބަހައްޓަންޖެހޭނެ ކަމަށެވެ.
ބަޔަކު ދޭތެރެޖައްސަން މަސައްކަތް ކުރި ކަމުގައިވިޔަސް، ޖެހިލުމެއްވެސް ނުވާ ކަމަށާއި، އިރާދަކުރެއްވިއްޔާ ތުރުތުރެއްވެސް ނާޅާނެ ކަމަށާއި ޕާޓީ ކުރިއަށްވެސް ދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ޖޭޕީ ބޮޑުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް، އަޅުގަނޑުމެން ކުރާނަން، 2023 ގެ އިންތިޚާބާ ހަމައަށް. އަދި އޭގެކުރިން މިއަންނަ ކައުންސިލް އިންތިޚާބަށްވެސް ތައްޔާރުވާންޖެހޭ. އަޅުގަނޑުމެންވެސް ބޭނުމެއްނޫން ރޭހުގެ އެންމެ ފަހަތުގައި އޮންނާކަށެއް. ރޭހުގެ ފަހަތުގައި ނޯވެ އަޅުގަނޑުމެން އަޒުމު ކަނޑައަޅައިގެން ކުރިއަށް ދެވޭންއޮތީ" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ގޮފިތައް ނެތް ރަށްރަށުގައި ވަރަށް އަވަހަށް ގޮފިތައް ހަދަން ބޭނުންފުޅުވާ ކަމަށާއި، ގޮފިތައް ހެދުމުގެ މަސައްކަތަށް ޕާޓީން ވަރަށް އަވަހަށް ރަށްރަށަށް ދަތުރުފަށާނެ ކަމަށެވެ.
އެގޮތުން ގޮފިތައް މިހާރުނެތް ކޮންމެ ރަށެގައި ޕާޓީގެ ގޮތްޕެއް ހަދާނެ ކަމަށާއި، އޭގެފަހުން ދާއިރާތަކުގެ ރައީސުންނާއި ނާއިބް ރައީސުން ހޮވުމަށް އިއްލާން ކުރައްވާނެ ކަމަށެވެ. އަދި އޭގެފަހުން ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މަސައްކަތްވެސް ފަށްޓަވާނޭ ކަމަށް ވިދާޅުވިއެވެ.
މި މަސައްކަތަށާއި އަދި ޖޭޕީއަށް އަލަށް މެމްބަރުންތަކެއް ސޮއިކުރެއްވި ކުރެއްވުމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، ސޔާސީ އެންމެ މަތީ ކުރިބޯއްޓާ ހަމައަށް ދިއުމަށް ސިޔާސީ ޕާޓިއެއް އުފައްދައިގެން އުޅޭ ބަޔަކު މަސައްކަތް ކުރާނޭކަން އެންމެންވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
އެ މަސައްކަތުގައި އެއްވެސް ބަޔަކާ ޖެހިގަނެގެން މަސައްކަތް ކުރަން ބޭނުންފުޅު ނުވާކަމަށާއި، ބޭނުންފުޅުވަނީ ގައުމުގެ ހަމަޖެހުމާއި މަސްލަހަތު އޮވެގެން ކުރިއަށްދިއުމަށް ކަމަށްވެސް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ