އިންނަމާދޫން ކަރަންޓް ކެނޑި، ކަނު އަނދިރީގައި!

ރ. އިންނަމާދޫ އަަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ހައްލެއް ނުހޯދިގެން އުޅެނިކޮށް، އެ ރަށުގައި ހުރި އިންޖީނު ހަލާކުވެ މިއަދު ހަވީރުން ފެށިގެން މުޅި ރަށުން ކަރަންޓް ކެނޑިއްޖެ އެވެ.
އިންނަމާދޫ ކައުންސިލް ރައީސް މޫސާ މިއާޒް "ސީއެންއެމް" އަށް ވިދާޅުވީ، މިއަދު ހަވީރު 4:00 ހާއިރު، އިންޖީނު ހަލާކުވުމުން މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި ހޫނު ގަދަ ދުވަސްކޮޅަކަށް ވުމުން، ކަރަންޓް ކެނޑުމުން ރަށުތެރޭގެ ހާލަތު ވަރަށް ގޯސް ކަމަށް އޭނާ ވިދާޅުވި އެވެ.
"އުއްބައްތި ދިއްލައިގެން މިތިބީ. ހޫނުގަދަވުމުން ގޭތެރޭގައި ތިބެވޭ ވަރެއް ނުވޭ. ގިނަ މީހުން ކުޑަކުދިން ގޮވައިގެން ނިކުމެ މަގުމަތީގައި ތިބީ،" މިއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށުން ކަރަންޓް ކެނޑޭތާ ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ކަމަށް އެއްވެސް ހައްލެއް ނުލިބި އުޅެނިކޮށް، ރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރި ޖަނަރޭޓަރު މިއަދު އެއްކޮށް ހަލާކުވީ ކަމަށް މިއާޒް ވިދާޅުވި އެވެ.
"ތިން ޖަނަރޭޓަރު ހުންނައިރު ކުރިން ކުރީ ދެ ޖަނަރޭޓަރު ހަލާކުވެފައި. ކަރަންޓް ދެމުން ދިޔައީ އެއް ޖަނަރޭޓަރުން. އެ އަށް މައްސަލަ ޖެހިގެން، ވަކިގަޑިތަކުގައި ކަނޑަމުން ކަރަންޓް ދޭތާ ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މިއަދު އެއްކޮށް އެ ޖަނަރޭޓަރު ވެސް މި ހަލާކުވީ،" މިއާޒް ވިދާޅުވި އެވެ.
އިންނަމާދޫ ކަރަންޓް މައްސަލަ ހައްލު ކުރަން މިހާތަނަށް އެއްވެސް މަސައްކަތެއް، ފެނަކައިން ފޯނު ނުނެގުމުން ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ރަށުގައި ހުންނަ ފެނަކައިގެ މުވައްޒަފުން ފެނަކަ ހެޑް އޮފީހަށް ނުގުޅޭ ކަމަށް ބުނެފައިވާ ކަމަށް މިއާޒް ވިދާޅުވި އެވެ.
މިކަމާއި ގުޅޭގޮތުން "ސީއެންއެމް" އަށް ވެސް ވަނީ ފެނަކައިގެ ބަހެއް ލިބޭގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ