މާލޭ ރައްޔިތުން ކާށިދޫއިން ކާށި ގަތުމަށް ޖާބިރު ގޮވާލައްވައިފި

މާލޭގެ ރައްޔިތުން ކާށި ގަންނަން ކާށިދޫއަށް އައުމަށް އެ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ. މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ލޯކަލް މާރުކޭޓުގައި ކާއްޓެއްގެ އަގަކީ 18 ރުފިޔާ ކަމަށެވެ. އެއަގު ކޮންޓްރޯލް ކުރުމަށްޓަކައި މާލޭ ރައްޔިތުންނަށް ކާށިދޫއިން ކާށި ގަނެވިދާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.  "އަޅުގަނޑު މެމްބަރެއްގެ ހައިސިއްޔަތުން މިއެދެނީ، މި ބާޒާރުތައް، އަގު ކޮންޓްރޯލް ކުރުމަށްޓަކާ މާލޭގެ ރައްޔިތުން ކާށިދޫއަށް ވަޑައިގެން މޫސުން އައުމުގެ ކުރިން ކާށިދޫއިން ބައިވަރު ކާށި ގެންދާށޭ. މިތާނގައި ކާށި މާލެއަށް ގެނައުމަށް ދައްޗެއް ނެތޭ. ކާށީގެ އަގާއި މިރުހުގެ އަގު މިހާ ބޮޑުވެގެންދަނީ މާލޭގައި އުޅޭ ފަރާތްތަކުގެ ބިން ނެތީމައޭ" ޖާބިރު ވިދާޅުވިއެވެ. ޖާބިރު އިތުރަށް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ކުރިއަށް އޮތް ތިން މަސްދުވަހަށް ބޭނުންވާ ވަރަށް ކާށިދޫއިން ކާށި ގަނެވިދާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ކާށިދޫއިން އަގުހެޔޮކޮށް ބިން ލިބެންހުރި ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.  ޖާބިރު ވިދާޅުވީ ކާށިދޫ ދާއިރާގެ އިންތިޚާބީ މެމްބަރުގެ ހައިސިއްޔަތުން އެދާއިރާއާއި، މާލެއާއި އޮންނަ ގުޅުން ބަދަހި ކުރަން އޭނާ ބޭނުން ވެލައްވާ ކަމަށެވެ.މާލޭ ރައްޔިތުން ކާށިދޫއިން ކާށި ގަތުމަށް ޖާބިރު ގޮވާލައްވާފައިވާއިރު، ރޯދައާއި ދިމާކޮށް ކާށީގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ ރައްޔިތުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ