ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަން މައުމޫން ހަމީދު ނިންމަވައިފި

ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަން ގާނޫނީ ވަކީލު މައުމޫން ހަމީދު ނިންމައިފިއެވެ.
މައުމޫން ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަން ނިންމާފައިވާކަމަށެވެ.
މައުމޫންގެ އިތުރުން މި މަގާމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ކުރިމަތިލައްވަން ވަނީ ނިންމަވާފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް މައުމޫން ވާދަކުރެއްވިއެވެ. ނަމަވެސް ޔާމީންގެ ތާއީދު ފަހުވަގުތު ނުލިބުމުން އޭނާގެ ނަން އެފަހަރު މަޖިލީހުން ފާހެއް ނުވިއެވެ.
ބާ ކައުންސިލަކީ މިދިޔަ ހަފްތާގައި ރައީސް ތަސްދީގު ކުރެއްވި ގާނޫނީ ފަންނުގެ ބިލްގެ ދަށުން އެކުލަވާލާ ކައުންސިލެކެވެ. ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ހަ މެމްބަރުންނެއް ތިބޭނެއެވެ. ބާ ކައުންސިލްގެ މަގާމުތަކަށް ބޭފުޅުން ހޮވާނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ބާ ކައުންސިލް އެކުލަވާލުމުން ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުމަކީ ބާ ކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.
މީގެ އިތުރުން ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތައް އެކަށައަޅައި އެމިންގަނޑުތައް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޤާނޫނީ ޚިދުމަތަށް ޢާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، އެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ފޯރުކޮށްދޭ ޤާނޫނީ ޚިދުމަތްތަކަށް ފާރަވެރިވެ، މުރާޖަޢާކޮށް، އިޞްލާޙުކުރުމަށް އެފަރާތްތަކަށް ލަފާ ދިނުމަކީ ވެސް އެކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.
ބާ ކައުންސިލްގެ މަގާމުތަކަށް ވާދަކުރައްވާ ފަރާތްތަކުން ގެންދަނީ މިހާރު ކެމްޕޭން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ