ރައީސް ޔާމީންގެ މައްސަލަތައް ބަލަން ޖެހޭ: މެމްބަރު ހުސައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ބެލުމަށް ތާއީދު ކުރައްވާ ކަމަށާއި، އަދުލުވެރި ކަމާއެކު އިންސާފު ގާއިމު ކުރުމަކީ ދިވެހި ރައްޔިތުން އެންމެ އެދޭ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަދި ރައީސް ޔާމީންގެ ގާތް އެކުވެރިޔާ ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ހުސައިން އެގޮތަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ "ޖަރީމާތައް" ނުބަލާ ލަސްވަމުން ދާތީ، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނެވެ.
ހުސައިން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ، ތުހުމަތުތަކާ ގުޅިގެން ހިންގާ ތަހުގީގާއި، ޝަރީއަތަކީ އަދުލުވެރިކަމާއި އިންސާފުވެރި ކަމާއެކު ހިނގާ ޝަރީއަތަކަށް ވާން ޖެހޭނެ ކަމަށެވެ.
ހުސައިން މުހައްމަދު ލަތީފަކީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ، ނިމިދިޔަ 18 ވަނަ މަޖިލީހުގަ ވެސް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރެވެ. ނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ އަމިއްލަ މެމްބަރެއްގެ ގޮތުގަ އެވެ.
މިއަދު ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.
"ޖިނާއީ ތުހުމަތުތަކެއް ކުރެވިފައިވާ އެތައް ބައެއްގެ ގިނަ މައްސަލަތަކެއް ޝަރީއަތް ނުނިމި ލަސްވަމުންދާކަމީ ރައްޔިތުން ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. އަދި ތުހުމަތުކުރެވިފައިވާ ވައްކަމާއި ހިޔާނާތާއި މަނީ ލޯންޑާ ކުރުމުގެ ބޮޑެތި މައްސަލަތަކުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ހިނގާދިޔަ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފު އެތައް ކަމެއްގެ އިތުރުން، ރެކޯޑް މިންވަރަކަށް ދައުލަތުން ކުރެވުނު، ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނުގެ އިތުރުން، ދިވެހި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ގަޑުބަޑުކޮށް، ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި، އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް، ދެ ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާ، ހިނގާދިޔަ އެތައް އެތައް ކަމެއްގެ ޖަވާބު ލިބުން އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެއް ކަމުގައިވާއިރު، މިކަންކަން ނުބެލި، ޝަރީއަތް ނުކުރެވި، ދިގުލައިގެންދާ ދިއުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ވީމާ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިކުއްލި މައްސަލަ ހުށަހެޅީމެވެ." މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ވަހީދު ހުށަހެޅީ ކުއްލި މައްސަލާގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ