ވޭމަންޑޫ ކަރަންޓު ކޭބަލްގައި ރޯވެ، ރަށުން ކަރަންޓު ކެނޑިއްޖެ

ތ. ވޭމަންޑޫގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މައި ކޭބަލެއްގައި ރޯވެ އެ ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ވޭމަންޑޫގެ ކައުންސިލްގެ ރައީސް މުހައްމަދު ނަސީހު ވިދާޅުވީ ކަރަންޓު ކެނޑުނީ މިއަދު ހަވީރު ކަަމަށާއި ކަރަންޓު ކޭބަލް އަށް ދިމާވި މައްސަލަ ހައްލުކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ގޭގައަށް ފެން ލިބިމުގައި ވެސް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.
ނަސީހު ވިދާޅުވި ގޮތުގައި ކަރަންޓު ކޭބަލްގައި ރޯވީ ރަށުގެ ނަރުދަމާގެ މަސައްކަތް ފަރުވާ ކުޑަގޮތަކަށް ކުރަމުން އަންނާތީ ކަމަށެވެ.
"ނަރުދަމާ ހޮޅި އަޅަން ވެގެން ކޮނުމުގެ ތެރޭގައި ބިމު އަޑީގައި އޮތް ކަރަންޓު ކޭބަލް މައްޗަށް ނަގުމާ ގުޅިގެން މިއަދު ކަރަންޓު ދޭ މެއިން ކޭބަލްގައި ރޯވީ." ނަސީހު ވިދާޅުވި އެވެ.
ނަރުދަމާގެ މަސައްކަތް ފަރުވާކުޑަ ގޮތެއްގައި ކުރާ މައްސަލަ މިނިސްޓްރީތަަކާއި ވެސް ހިއްސާކޮށްފައިވާނެ ކަމަށާއި ނަމަވެސް މިކަމަަށް ހައްލެއް ލިބިފައިނުވާ ކަމަށް ނަސީހު ވިދާޅުވި އެވެ.
އެ ރަށު އާބާދީގައި 1200 އެއްހާ މީހުން އުޅޭ އިރު އީދަށް ވެސް ރަށަށް ވަރަށް ގިނަ މީހުން އައިސް އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ