ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުން ތަމްސީލު ކުރާނެ މެމްބަރަކަށް ވުމަށް އެދި ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ނެރުނު އިއުލާނެއްގައި ބުނީ، ޖޭ އެސްސީގެ މެމްބަރު ކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ މަގާމަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި އުމުރުން 25 އަހަރުވެފައިވާ ދިވެހި ރައްޔިތަކު ކަމުގައި ވުމުގެ އިތުރުން ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެއެވެ. އަދި ސީޔާސީ ޕާޓީއެއްގެ މެމްބަރަކަށް އަދި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ.
އެ މަގާމަށް މީހަކު ހޮވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ރައްޔިތުން ތަމްސީލު ކުރާނެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅަން ހުޅުވާލާފައި މިވަނީ އެ ކޮމިޝަނުގައި އާންމު ރައްޔިތުން ތަމްސީލު ކުރައްވަން މިހާރު އިންނަވާ، އަބްދުލް ހަންނާނު އަހްމަދު ދައުރުގެ މުއްދަތު ހަމަވާތީއެވެ.
އާންމު ރައްޔިތުން ތަމްސީލު ކުރައްވާ މެމްބަރެއްގެ ގޮތުގައި ހަންނާނު އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 12 އޮގަސްޓް 2014 ގައެވެ.
ޖޭއެސްސީގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (6)ގައި ވާގޮތުން އެކޮމިޝަނުގައި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އިންނެވޭނީ ފަސް އަހަރު އެއް ދައުރަށެވެ.
ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ