ތިން ބިލް ދިރާސާ ކުރާ ކޮމެޓީގެ ކޮމެޓީގެ މުގައްރިކަށް ގާސިމް

ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ޓަކައި ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަ ސަރުކާރުން ހުށަހެޅި އިސްލާހު ބިލު، ދިރާސާ ކުރެއްވުމަށް ނެގި، 11 މެންބަރުންގެ ވަގުތީ ކޮމިޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހޮވައިފި އެވެ.
އެ ކޮމެޓީގެ މުގައްރިރިކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ކަންވެސް ކުރަށްވާ ގާސިމް އިބްރާހީމް ހޮވާފައި ވަނީ، ކޮމެޓީގެ އިއްތިފާގުންނެވެ. އަދި ކޮމެޓީގެ ނައިބު މުގައްރިރަކަށް ހޮވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު މުޙަންމަދު ނަޝީދު (ކާނަލް) އެވެ. ނާއިބު މުގައްރިރަކަށް ކާނަލް ހޮވާފައި ވަނީ ނުވަ މެންބަރުންގެ އަގްލަބިއްޔަތުންނެވެ.
ބިލް ދިރާސާކުރާ 11 މެންބަރުގެ ވަގުތީ ކޮމެޓީގައި ގާސިމާއި ކާންލަގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އާއި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އާއި އާއި ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާގެ އިތުރުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އެވެ.
ކޮމެޓީގެ ބައްދަލުވުމާ ބެހޭ ގޮތުން ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު "ސަން"އަށް މިރޭ ވިދާޅުވީ، މިރޭގެ ބައްދަލުވުމުގައި މުގައްރިރާއި ނައިބު މުގައްރިރު ހޮވުމުގެ އިތުރުން، ކޮމިޓީ ކުރިއަށް ގެންދާނެ ގޮތުގައި ގަވާއިދާއި އާންމު އުސޫލުތައް ފާސްކުރުމާއި މަސައްކަތް ނިންމާނޭ ތާރީހު ކަނޑައެޅުން ހިމެނޭ ކަމަށެވެ.
"މި ބައްދަލުވުމުގައި ކޮމެޓީގެ ގަވާއިދާއި އާންމު އުސޫލު ފާސްކުރުން އޮތް. ބިލްތައް ދިރާސާކުރުމުގެ މަސައްކަތް މިމަހުގެ 30 އަށް ނިންމަން ކަނޑައަޅާފައި މިވަނީ،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް އިތުރަށް ވިދާޅުވީ، އެ ކޮމިޓީގެ ބައްދަލުވުމެއް ދެން އޮންނާނީ މާދަމާ ހެނދުނު 10:00ގައި ކަމަށެވެ.
މިއަދު ބޭއްވުނު މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސު ކުރެވުނީ ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން ހުށަހަޅާފައިވާ އިސްލާހާއި އަދި މާވަށު ދައިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާފައިވާ އިސްލާހުގެ އިތުރުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން ހުށަހަޅުއްވާފައިވާ އިސްލާހާ ބެހޭ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ