ފަހަތުން އަރާ އޭވައިއެލްގެ މައްޗަށް ކުރި ހޯދާ މާޒިޔާ ލީގުގެ އެއްވަނައަށް

ބޮޑު މެދުކެނޑުމަކަށްފަހު މިއަދު ފެށި ދިރާގު ދިވެހި ލީގުގައި ކުޅުނު މެޗު ކާމިޔާބުކޮށް މާޒިޔާ ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ. މާޒިޔާ މިއަދު ކުޅުނު މެޗުން މޮޅުވީ އޭވައިއެލްއާ ބައްދަލުކޮށް 1-4 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު މާޒިޔާ ލީގުގެ އެއްވަނައިގައި އޮތީ 34 ޕޮއިންޓާއެކީގަ އެވެ. ނަމަވެސް މިރޭ ލީގުގެ ދެވަނައިގައި 33 ޕޮއިންޓާއެކީ އޮތް ނިއު ކުޅޭ މެޗުން އެޓީމް މޮޅުވެއްޖެނަމަ ލީގު އެއްވަނަ އެޓީމަށް ލިބޭނެ އެވެ. މިއަދުގެ މެޗުން ބަލިވި އޭވައިއެލް އޮތީ 7 ޕޮއިންޓާއެކީ ލީގުގެ 7 ވަނައިގަ އެވެ.
މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ އޭވައިއެލް އިންނެވެ. ސޮލާހު ނަގައިދިން ހިލޭ ޖެހުމެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ގޯލް މެޗުގެ 8 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު އާމިރު އެވެ.
އޭވައިއެލްގެ ގޯލަށްފަހު މާޒިޔާއިން ކުޅުން ރަނގަޅުކޮށް ދިޔައީ އޭވައިއެލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 26 ވަނަ މިނެޓްގައި އޭވައިއެލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން މާޒިޔާގެ އަސަދުﷲ އަށް އޭވައެލްގެ އަހްމަދު އަޖުވަދު ކުރި ފައުލަކާ ގުޅިގެން މާޒިޔާ އަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ މާޒިޔާއަށް އެއްވަރުކޮށްދިނީ އެޓީމުގެ ކެޕްޓަން އަދި ޒުވާން ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުނަގަން ވެސް މާޒިޔާއަށް ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ވަނީ އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތް ނުވެފަ އެވެ.
ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ މާޒިޔާއިން ވަނީ ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑު ނަގާފަ އެވެ. ނާޝިދު ނަގައިދިން ހުރަހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން އަސަދުﷲ އެވެ،
މެޗުގެ 55 ވަނަ މިނެޓްގައި މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭވައިއެލްގެ ސޮލާހުއަށް މާޒިޔާގެ ހަސަން ޝިފާޒް ފައުލްކުރުމުން އޭވައިއެލްއަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް އޭވައިއެލްގެ ކެޕްޓަން މޫސާ ހަސަން ފޮނުވާލި ޕެނަލްޓީ މާޒިޔާގެ ކީޕަރު ނިޝާހް ވަނީ ދިފާއުކޮށްފަ އެވެ.
ނަތީޖާ އެއްވަރުކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން އޭވައިއެލްއަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 65 ވަނަ މިނެޓްގައި މާޒިޔާއިން އެޓީމް ލީޑު ފުޅާކުރުމެވެ. ސަމްދޫހް ދިން ޕާހަކުން މާޒިޔާގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ އަހުމަދު ނާޝިދު (ނައްޓޭ) އެވެ. އަދި މެޗުގެ 75 ވަނަ މިނެޓްގައި މާޒިޔާގެ އައްސަދު އަލީ (އަޑުބަރޭ) ވަނީ އެޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް އާއި ބީޖީ ސްޕޯޓްސް އެވެ. މި މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ