އިރާދަކުރެއްވިއްޔާ ގެއްލުނު ނޫސްވެރިޔާ ގަދަވެ ސަލާމަތުން ހުއްޓާ ފެންނާނެ - މައުމޫން

ގެއްލިގެން ހޯދާތާ މަހެއް ހާ ދުވަސް ވެފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގަދަވެ ސަލާމަތުން ހުއްޓާ ފެންނާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަމޯއާގައި ކުރިޔަށް ދިޔަ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (އެސްއައިޑީއެސް) ސަމިޓް ނިންމަވާލެއްވުމަށް ފަހު މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، މައުމޫން ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ ނޫސްވެރިޔާ ހޯދުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދަވާ. ސަރުކާރުން އެއްވެސް ފަރާތަކުން މި މަސައްކަތަށް އިހުމާލު ކުރުވާފައެއް ނެތް. ހަމަ ވަރަށް ބާރަށް މި މަސައްކަތް ކުރިޔަށް ދަނީ. އިރާދަކުރެއްވިއްޔާ އެންމެ އަވަހަކަށް މިކަން ހައްލުވެ، އޭނާ ހަމަ ގަދަވެ ސަލާމަތުން ހުއްޓާ ފެންނާނެ." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ވެސް މި މައްސަލަ ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއިން މިކަމުން މި ދަނީ ވަރަށް ގާތުން ބަލަަމުން. އަޅުގަނޑޫމެންގެ ޕާޓީއިން އޮންނާނެ ނޫސްބަޔާނެއް ވެސް ނެރެފައި، އަޅުގަނޑުމެން މިކަމާ ނުހަނު ކަންބޮޑުވާކަން ބަޔާންކޮށް. އަދި އެ ނޫސްވެރިޔާ ގަދަވެ ސަލާމަތުން ހުރެގެން، ހެޔޮ ހާލުގައި ހުރެ ފެންނާނެ ކަމަށް އުންމީދު ކުރާކަމަށް." މައުމޫން ވިދާޅުވި އެވެ.
މިނިވަން ނިއުސްގެ ނޫސްވެރިޔާ މ.ޝައިނިންގސްޓާރ 28 އަހަރުގެ އަހްމަދު ރިޟްވާން އަބްދުﷲ އނެްމެ ފަހުން ފެނިފައި ވަނީ އޯގަސްޓް 8 ވަނަ ދުވަހުގެ މެންދަމުގެ ވަގުތުގައި، މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާރމިނަލް ތެރެއިން، އެ ޓާރމިނަލްގައި ހުރި ސީސީޓީވީ ކެމެރާއަކުންނެވެ.
އޭނާ ހުޅުމާލޭ ފެރީ ޓާމިނަލަށް ވަން ކަން ޔަޤީން ވެފައިވާ ނަމަވެސް، އޭނާ ހުޅުމާލެއަށް ދިޔަކަން ފުލުހުންނަށް ޔަޤީން ވެފައެް ނުވެ އެވެ.
އެހެން ނަމަވެސް، ހަމަ އެރޭގެ ވަގުތެއްގަިއ، ރިޟްވާން ހުޅުމާލޭގައި ދިރިއުޅޭ ފްލެޓް އިމާރާތުން މީހަކު ރަތް ކުލައިގެ ކާރަކަށް ގަދަކަމުން އަރުވައިގެން ގެންދިޔަ ކަމުގެ ރިޕޯޓެއް ބަޔަކު ފުލުހުންނަށް ވަނީ ކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހުޅުމާލެ އަދި މާލޭގައި ވެސް ރަތް ކުލައިގެ އެކިއެކި ކާރުތައް ހުއްޓުވައި، ބަލައި ފާސް ކޮށްފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ 4 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، އެމީހުންނަށް ރާއްޖެއިން ބޭރަށް ނުދެވޭ ގޮތް ހަދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ