ޕީޕީއެމްގެ އޮފީހުން ތަކެތި ގެންދިޔަ މީހުންނާއި ސުވާލުކުރުމަށް މައުމޫން އެދިވަޑައިގެންފި

ހ. ތެމާގައި ހންގަމުންދިޔަ ޕީޕީއެމްގެ އޮފީހުން ތަކެތި ގެންދިޔައީ ކޮން ބައެއްކަން އިނގޭއިރު، އެތަނުން ގެއްލުނު ތަކެތީގެ މައްސަލާގައި އެފަރާތްތަކާއި ސުވާލް ކުރުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިކަމަށް އެދިވަޑައިގެންފައިވާއިރު، ޕީޕީއެމްގެ އޮފީހުން ޙާޑްޑިސްކްތަކެއް ގެއްލުކަމަށް ބުނާ މައްސަލައާއި ގުޅިގެން އެމަނިކްފާނުގެ އޮފީހަށް އިއްޔެ ފުލުހުން ގޮސް އެކަމާއި ގުޅޭގޮތުން ރައީސް މައުމޫނާއި ވަނީ ސުވާލްކުރައްވާފައެވެ.
މިކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އޮފީސް ތެމާގައި ހިންގަމުންދަނިކޮށް އެތަނަށް ބަޔަކު ގަދަކަމުންވަދެ އެތަނުގައިވާ ތަކެތި ގެންގޮސްފައިވާކަމަށެވެ. އަދި އެތަކެތި ގެންދިޔައީ އެތަށް ރައްޔިތުންނެއްގެ ކުރިމަތީގައި މީޑިއާތަކުގެ ކުރިމަތީކަމަށާ އެތަނުން އެއްޗެއް ގެއްލުމުން ސުވާލް ކުރަންޖެހޭނީ އެކަމުގައި ހަރަކާތްތެރިވި ބަޔަކަށްކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އިއްޔެ އެމަނިކްފާނުގެ އޮފީހަށް ވަޑައިގެން ފުލުހުން ސުވާލް ކުރެއްވުމުން އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް އެނގިވަޑައިނުގަންވާކަމަށް ވިދާޅުވެފައިވާނެކަމަށެވެ. އަދި ޕީޕީއެމްގެ އޮފީހުގައި ހުރި ތަކެތި ގަދަކަމުން ގެންދިޔަ ބަޔަކާއި ސުވާލްކުރުމަށްވެސް އެދިފައިވާނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ ދެ ފެކްޝަނަކަށް ޕީޕީއެމް ބެހިގެން ދިއުމާއެކު ޕީޕީއެމްގެ މައި އޮފީހުން ހާޑް ޑިސްކްތަކެއް ގެއްލުނު ކަމަށް ބުނެ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަނުން މިދިޔަ އަހަރު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ.
މި މައްސަލައާއި ގުޅިގެން ރައީސް މައުމޫންގެ އިތުރަށް އެމަނިކްފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި، ރައީސް މައުމޫނަށް ވަފާތެރި ބައެއް ބޭފުޅުންނާއި ފުލުހުން ވަނީ ސުވާލްކޮށްފައެވެ. އޭގެ ތެރޭގައި ޕީޕއެމްގެ ނާއިބް ރައީސް އައިމިނަތު ނާދިރާއާއި، ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް އަބުދުލް އަލީމް ހިމެނެއެވެ.
ޕީޕީއެމްގެ އޮފީހުން ހާޑްޑިސްކު ގެއްލުނު މައްސަލައާއި ގުޅިގެން މިހާތަނަށް ރައީސް ޔާމިންގެ ފެކްޝަނަށް ތާއީދުކުރާ އެއްވެސް ފަރާތަކާއި ސުވާލްކޮށްފައިނުވާއިރު، އެ ފެކްޝަނުން ތެމާގައި ހުރި ޕީޕީއެމް އޮފީހުން ތަކެތި ހުސްކޮށްފައިވަނީ ފުލުހުން އެސަރަހައްދުގައި ފޯރިމަރަމުން ދަނިކޮށެވެ. އަދި ޕީޕީއެމްގެ އޮފީހުގައި ހުރި ރައީސް މައުމޫންގެ ފޮޓޯފުޅުތައް ފިޔަވައި އެހެން ހުރިހާ އެއްޗެއް ވަނީ އެ އޮފީހުން ނެރެގެން ގެންގޮސްފައެވެ.
އެގެ ފަހުން މީޑިއާތަކާއި، އެގޭގެ ވެރިމީހާގެ ހާޒިރުގައި ރައީސް މައުމޫނާއި އެމަނިކްފާނަށް ތާއީދުކުރާ ފަރާތްތަކުން ޕީޕީއެމްގެ އޮފީހަށް ވަތްއިރު، އެ އޮފީހުގައި ރައީސް މައުމޫނާއި ގުޅޭގޮތުން ވަރަށް ހުތުރުބަހުން ފާރުތަކުގައި ވަނީ ލިޔެފައެވެ. އަދި ރައީސް މައުމޫނަށް ދެން ޕީޕީއެމް ނުލިބޭނެކަމަށްވެސް ފާރުތަކުގައި ލިޔެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ