ބައެއް ސަރަހައްދުތަކަށް ކަރަންޓު ލިބުނީ އަށް ގަޑިއިރު ފަހުން!

މާލެއަށް ރޭ ދަންވަރު ކުރި ވިއްސާރައިގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި އޮތުމަށް ފަހު، އެ ސަރަހައްދުތަކަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، ރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެން ގޮސްފައި ވަނީ، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، މަގުތަކުގައި ވަޅުލާފައިވާ ކަރަންޓު ކޭބަލްތައް ހަލާކުވުމުގެ ސަބަބުން ކަމަށެވެ.
ރޭ ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ލިބިފައި ވަނީ މިއަދު ހެނދުނު 11:00 ވީ ފަހުންނެވެ.
މި ހާދިސާގައި މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ ރޭ ދަންވަރު 03:00 ހާއިރުއެވެ.
ރޭގެ ވިއްސާރއިގައި ބައެއް ގެތަކަށާއި ފިހާރަތަކުގެ އިތުރުން އޮފީސްތަކަށް ފެން ވަދެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އަރަބިއްޔާ ސްކޫލާއި ބިލިއާރޑް އެސޯސިއޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި މާލޭގެ ގެއެއްގެ ފާރު ވެސް ވެއްޓިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ