ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތު ދެނެގަތުމަށް ހާއްސަކޮށްގެން ކޮންފަރެންސެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ހޮޓެލް އޭޝިއާ އެގްޒިބިޝަން ހުޅުވުމަށް މިއަދު ދަރުބާރުގޭގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ޓޫރިޒަމްގެ ހާލަތު ދެނެގަތުމަށް ބާއްވާ ކޮންފަރެންސްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައި ހުރި މައްސަލަތައް ބަލައި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި މަޝްވަރާ ކުރާނެ ކަމަށެެވެ. މީގެ އިތުރުން މި ކޮންފަރެންސްގައި ބައިވެރިވާ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާ މަޝްވަރާކޮށްގެން ފަތުރުވެރިކަމުގެ ދާއިރާގެ އަންނަ އަހަރުގެ މާކެޓިން ޕްލޭން ހެދުމަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިގޮތަށް މަޝްވަރާކޮށްގެން ދާއިރާގެ ބޭފުޅުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކިގެން މިފަދަ ކޮންފަރެންސެއް މިބާއްވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރާއްޖެއާ ގުޅޭގޮތުން ދޮގު މައުލޫމާތާ ދޮގު ވާހަކަތައް ފަތުރައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުން ދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ސަރުކާރުން ވެސް މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ ރާއްޖެއާއި ގުޅޭގޮތުން ދޮގު މައުލޫމާތު އެންމެ ބޮޑަށް ފަތުރާ ސަރަަހައްދުތަކުގައި ރާއްޖެއާ ގުޅޭގޮތުން ތެދު ހަގީގަތް ހާމަކުރުމަށް ޕީއާރް ކުންފުނިތަކެއް ހަމަޖައްސާ އެކުންފުނިތައް މެދުވެރިކޮށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުން ނަމަ ކޮންފަރެންސް ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަހާ ގުޅިގެން ކުރިއަށްދާ ހަރަކާތެއްގެ ގޮތުގަ އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް ސަރުކާރުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު ޑޮމެސްޓިކް އެއާޕޯޓްތައް އެޅުމާއި، ނުނިމި ހުރި ރިސޯޓްތައް އަވަހަށް ހުޅުވޭނެ ގޮތް ހެދުމުގެ އިތުރުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވި އެވެ.
ޒަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާނެ 16000 އަށް ވުރެ ގިނަ ޒުވާނުން ތަމްރީން ކޮށް ވަޒީފާގެ ބާޒާރަށް ނެރުމަށް ސަރުކާރުން ބޭނުންވާތީ އެކަމާ ގުޅޭ މަސައްކަތްތަކެއްވެސް ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ކުރިއަށްދާ ކަަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިމުމުގެ ކުރިން ގިނަ އަދަދެއްގެ ރިސޯޓް ހުޅުވިގެން ދާނެ ކަމަށާއި މި ރިސޯޓްތައް އޮޕަރޭޝަނަށް ގެންވުމާއެކު އެތައް ބައިވަރު ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށެވެ.
"އިތުރުވާ ރިސޯޓްތަކާއެކު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެތީ އެ ވަޒީފާތައް ޒުވާނުންނަށް ހޯދާދިނުމުގެ މަސައްކަތް ސަރުކާރުން އެބަކުރަން. އެމަސައްކަތުގެ ބައެއްގެ ގޮތުން މިހާރުވެސް ޒުވާނުން ތަމްރީނު ކުރުމަށް ބައެއް މުއައްސަސާތަކާއެކު މަސައްކަތްތަކެއް ކުރެވެމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ބޭއްވޭ މިފަދަ ކޮންމެ އެގްޒަބިޝަނަކީ ރާއްޖެ އިސްތިހާރުކުރުމަށް ލިބޭ ރަަނުގެ ފުރުސަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަަށްވެސް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހުޅުވައިދެއްވި ހޮޓެލް އޭޝިއާ އެގްޒިބިޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުދަަ ދުވަހުގެ ނިޔަލަށެވެ.
ޓޫރިޒަމް ދާއިރާގެ ހާލަތު ދެނެގަތުމަށް ކޮންފަރެންސެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ