ރިސޯޓް ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ހަ ކުންފުންޏެއްގެ މައްސަލަ ކޯޓަށް

ރިސޯޓް ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ހަ ކުންފުންޏެއްގެ މައްޗަށް ދައުވާކުރަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް ފޮނުވައިފި އެވެ.
މީރާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ހޮޓާ، ރިސޯޓްތަކުގެ ތެރެއިން ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން މިހާތަނަށް އަށް ކުންފުންޏެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ކ. ވިލިވަރުން ދައްކަން ޖެހޭ 1.5 މިލިއަން ޑޮލަރު ދެއްކުމުން އެ މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަސަންދުރަ ޕެލަސް ހޮޓަލުން ސީއެސްއާރުގެ ގޮތުގައި ދައްކަން ޖެހޭ 265،000 ޑޮލަރު ދެއްކުމަށް ދާދި ފަހުން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
"ހަ މައްސަލައެއް މިހާރު ވާނީ ކޯޓަށް ފޮނުވާފައި. އާއްމު ގޮތެއްގައި އަޅުގަނޑުމެން ދައުވާކުރަން މި ފޮނުވަނީ ނޯޓިސްގެ މުއްދަތު ހަމަވެ އިތުރަށް ވެސް ދުވަސްކޮޅަކަށް ބެލުމަށް ފަހު،" މީރާގެ އޮފިޝަލް ވިދާޅުވި އެވެ.
މީރާ އިން ބުނީ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތަފުސީލް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް މީރާ އިން ކުރިން ބުނެފައިވާ ގޮތުގައި 10 ރިސޯޓާއި ނަސަންދުރަ ޕެލަސް ހޮޓަލުން ދައުލަތަށް 16 މިލިއަން ޑޮލަރު ( 254.4 މިލިއަން ރުފިޔާ) ދައްކަން ލިބެން ޖެހެ އެވެ.
ކުއްޔާއި ޖޫރިމަނާ ދައްކާފައިނުވާ ތަންތަނަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ނޯޓިސް ފޮނުވައިފަ އެވެ.
އެ މިނިސްޓްރީން ނޯޓިސް ފޮނުވާފައި ވަނީ އެމްޑީޕީގެ ޗެއާޕަސަން ކަމަށް ވާދަކުރެއްވުމަށް އިއުލާންކުރައްވާފައިވާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގާ ހއ. އަލިދޫ އައިލެންޑް ރިސޯޓަށާއި އދ. ކުޑަރަށް އައިލެންޑް ރިސޯޓަށާއި ގއ. ފުނަމައްޑުއާގައި ހުވަނދުމާފުށި ހިންގާ ސަމާ ސީޒަން މޯލްޑިވްސް އަށާއި ރައްޔިތުންގެ މަޖިލީހުގެ ފ. ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަމްޒާ އާއި ރައީސްގެ އިކޮނޮމިކް އެޑްވައިޒަރު އަލީ ޝިޔާމްގެ އާއިލާ އިން ހިންގާ އޭއޭއޭ ޓްރޭޑިން ކޮމްޕެނީގެ ފ. ފިލިތެޔޮ އައިލެންޑް ރިސޯޓް އަށާއި އެ އާއިލާގެ ހިއްސާ އޮންނަ މ. މެދުފުށި އައިލެންޑް ރިސޯޓް ހިންގާ މެދުފުށި އިންވެސްޓްމަންޓަށާއި ހަމްޒާ އާއި އަލީ ޝިޔާމްގެ ކޮއްކޮ، ހ.ގިރިތެރޭގެ، މޫސާ ޝިޔާމް އަބްދުﷲ އަލީ ހިންގާ ޒިޓާލީ ރިސޯޓް އެންޑް ސްޕާ އަށާއި ބ. ކިހާދުއްފަރު ރިސޯޓް ހިންގާ އަތަމާ މެރިން އިންޓަނޭޝަނަލް އަށާއި ލ. އޮޅުވެލި ހިންގާ އޮޅުވެލި ލާމު ހޮލްޑިންގްސް އަށާއި ކ. ގިރާވަރު ޓޫރިސްޓް ރިސޯޓް ހިންގާ މ. ސްނޯރޯސް އަބްދުއް ރައޫފަށާއި އަލީލާސް ވިލާ ހަނޑަހާ (މިހާރު ޕާކު ހަޔަޓް) ހިންގާ ޑްރިފްޓްވުޑް މޯލްޑިވްސް އަދި ނަސަންދުރަ ޕެލަސް ހޮޓެލް ހިންގަމުން އަންނަ ގެލެކްސީ އެންޓަޕްރައިސަސް އަށެވެ.
މީގެ ތެރެއިން ކިހާދުއްފަރުގެ ފައިސާ އަތަމާ މެރިން އިން ދެއްކުމުން މީރާ އިން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެތަންތަނަށް މިދިޔަ އޭޕްރިލް 25 ވަނަ ދުވަހު ފޮނުވި ނޯޓިސްގައި ބުނެފައިވާ ގޮތުގައި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހަލާސްކުރުމަށް އެތަކެއް ފަހަރު މަތިން ފުރުސަތު ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ