ހުޅަނގު އައްސޭރީގައިވާ ޔަހޫދީ އަބާދީތައް ގާނޫނާ ޚިލާފު ނުވާ ގޮތް ހަދައިފި

އަލް ގުދުސް (ފެބްރުއަރީ 7): ހުޅަނގު އައްސޭރީގައި ވާ ފަލަސްތީނަށް ނިސްބަތްވާ، އިސްރާއީލުން ފޭރިގެންފައިވާ ބިންތަކުގައި މީގެ ކުރިން އަޅާފައިވާ 4،000 ގެޔަކީ ގާނޫނާ ހިލާފު ނުވާ ގޮތަށް އަޅާފައިވާ ގެތައް ކަަމަށް ކަނޑައަޅާ ގާނޫނެއް އިސްރާއީލުން ފާސްކޮށްފި އެވެ. އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން އެބިލު ފާސްކޮށްފައި ވަނީ 60 މެމްބަރުންގެ ވޯޓުންނެވެ. އެބިލާ ދެކޮޅަށް 52 މެމްބަރުން ވޯޓު ދީފައިވެ އެވެ. އަލަށް ފާސްކުރި ގާނޫނުގައި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އަޅާފައިވާ ގެތަކަކީ ފަލަސްތީނުގެ ބިމުގައި އަޅާފައިވާ ގެތައް ނަމަވެސް ދައުލަތަށް އެބިންތައް ނެގޭނެ ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެއީ ޔަހޫދީންނަށް ނިސްބަތްވާ ބިންތަކަށް ނުވި ނަމަވެސް އެމީހުންނަށް އެބިންތަކުގައި ދިރިއުޅުމުގެ ހުއްދަ ދީ، ފަލަސްތީން ރައްޔިތުން އެބިންތައް ނެގުމުގެ ހައްގުން މަހުރޫމުކޮށްފަ އެވެ. މީގެ އިތުރުން އެގާނޫނުގައި ވަނީ އެބިންތަކުގެ އަސްލު ވެރިންނަށް ފައިސާ ނުވަތަ އެހެން ބިމެއް ދޭނެ ކަމަށް ބުނެފަ އެވެ. އެބިލާ ބެހޭ ގޮތުން އިސްރާއީލުގެ ބައެއް މަޖިލިސް މެމްބަރުންނާއި އިސް ވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އިސްރާއީލްގެ އެޓާނީ ޖެނެރަލް އަވިޗައި މެންޑެލްބްލިޓް ވަނީ އެބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށާއި އެބިލު ކޯޓަށް ގެންގޮސްފި ނަމަ، ސުޕްރީމު ކޯޓުގައި ބިލު ދިފާއު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބިލަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުން ވަނީ އެބިންތަކަކީ ޔަހޫދީންނަށް ނިސްބަތްވާ ބިންތައް ކަމަށް ވިދާޅުވެ ބިލު ދިފާއު ކުރައްވައިފަ އެވެ. ފަލަސްތީނުން ވަނީ އެގާނޫނު ކުށްވެރިކޮށްފަ އެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން އެގާނޫނާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ތަރުޖަމާނެއް ކަމަށްވާ ނާބިލް އަބޫ ރުދެއިނާ ގޮވާލެއްވި އެވެ. އެބިލު ފާސްކުރުމުގެ ކުރިން އދން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ އެންވޯއީ ނިކޮލައި އެމްލަޑެނޮވް ވަނީ އެބިލު ފާސްކޮށްފި ނަމަ އަރަބި ގައުމުތަކަށް ސުލްހަ ގެނައުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ވިދާޅުވެ، ބިލާ ދެކޮޅަށް ވޯޓު ދިނުމަށް މަޖިލިސްް މެމްބަރުންނަށް ގޮވާލައްވާފަ އެވެ. އިސްރާއީލުން 1967 ވަނަ އަހަރު ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ހިފި ފަހުން އެސަރަހައްދުތަކުގައި އާބާދު ކޮށްފައިވާ ޔަހޫދީންގެ އަދަދު ވަނީ 600،000 އަށް ވުރެ އިތުރުވެފަ އެވެ. އަދި އިސްރާއީލަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއިދު ކުރައްވާ ޑޮނަލްޑް ޓްރަމްޕު އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިސްރާއީލަށް ވަނީ ފަލަސްތީނުގެ ބިންތަކުގައި ގެތައް އެޅުމަށް ހިތްވަރު ލިބިފަ އެވެ. މީގެ ކުރިން އެމެރިކާގައި އޮތް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ އިސްރާއީލުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ގެތައް އަޅާތީ ފާޑު ކިޔާފަ އެވެ. (ބީބީސީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ