މެލޭޝިއާއިން ރާއްޖެ އާއި މެދު ބަހައްޓަވާ ގާތްކަމަށް މައުމޫން ޝުކުރު އަދާކުރައްވައިފި

މެލޭޝިޔާއިން ރާއްޖެއާއިމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެއްބާރުލެއްވުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޓުން ޑޮކްޓަރ މަހާތީރު ބިން މުޙައްމަދާއި އެމަނިކުފާނުގެ އަނބިކަނބަލުން ޓުން ސިއްތި ޙަސްމާ ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ފަރިއްކޮޅު އޮތީ ރޭ ކުއާލަލަމްޕޫރުގެ އީސްޓިން ހޮޓަލުގައެވެ.
މި ފަރިއްކޮޅުގައި ރާއްޖޭގެ އިސްލާމީ މަރުކަޒު ޑިޒައިން ކުރެއްވި މަޝްހޫރު އާކިޓެކެޓް އަލްޙާއްޖު ދާތޯ ހާޖީދާރު އާއި އެމަނިކުފާނުންގެ އަނބިކަނބަލުންނާއި، ކުރީގެ މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާގެ ވައިސް ޗާންސަލަރ ތާން ސްރީ ސަނޫސީ ޖުނައިދު އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ ޕްރޮޖެކްޓުގައި އިސްކޮށްއުޅުއްވި ދާތޯ ތާން ޗިއު ޕިޔާއޯ އާއި، ދާތޯ ޑޮކްޓަރ ހާޝިމް ޣަނީ އާއި މިސްޓަރ ހާޖާ އާއި އެބޭބޭފުޅުންގެ އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަތެވެ.
މިފަރިއްކޮޅުގެ ތެރޭގައި ޓުން ޑޮކްޓަރ މަހާތީރު ދެއްކެވި ވާހަކަފުޅުގައި ގިނަ ދުވަސްތަކަކަށްފަހު ރައީސް މައުމޫނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ހާލުއަހުވާލު އައްސަވާ ދިވެހި ރައްޔިތުންނަށް އިތުރު ތަރައްޤީއާއި އުފާފާގަތިކަމަށް އެދިވަޑައިގަތެވެ.
ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ދެކަނބަލުންގެ ޝަރަފުގައި ފަރިއްކޮޅެއް ބޭއްވެވީތީ ޓުން މަހާތީރުގެ ދެކަނބަލުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޓުން މަހާތީރުގެ ދެކަނބަލުންނަށް ފުރިހަމަ ޞިއްޙަތާއި ދިގު އުމުރުފުޅަކަށް އެދިވަޑައިގަންނަވާކަމަށާއި މެލޭޝިޔާގެ އުޚުއްވަތްތެރި ރައްޔިތުންނަށް އިތުރު ހަމަޖެހުމާއި އިތުރު ކުރިއެރުމާއި ތަނަވަސްކަމަށް
އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.
އަދި މެލޭޝިޔާއިން ދިވެހިރާއްޖެއާއިމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެއްބާރުލެއްވުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ