މެމްބަރު އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ދައުވާކުރަނީ ކޮޅުވެއްޓި ނުލިބެނީސް ލިބުނު ކަމަށް ސޮއިކުރެއްވުމުން: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު މުނިސިޕަލްޓީގެ ޑިރެކްޓަރަކަށް ހުންނަވައިގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ އެ މައްސަލާގައި ހިމެނޭ ކޮޅުވެއްޓި އަކީ އާ އެއްޗެއް ނުވަތަ ބާ އެއްޗަކަށް ވެގެން ނޫން ކަމަށާއި އެ އުޅަނދު ނުލިބެނީސް ލިބުނު ކަމަށް ސޮއިކުރައްވާފައި ވާތީ ކަމަށް ދައުލަތުން ބުނެފި އެވެ.
އަބްދުލް ހަމީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ލިޔެކިޔުންތަކެއްގެ ތަރުޖަމާ ޝަރީއަތް ހުށަހަޅުއްވަމުން ޕީޖީގެ ވަކީލު އަބްދުﷲ ރާބިއު ވިދާޅުވީ ހުށަހެޅި ތަރުޖަމާ ލިޔެކިޔުންތަކަކީ ދައުލަތުން ކޮށްފައިވާ ދައުވާ ސާބިތުކުރުމަށް މުހިންމު ލިޔުންތަކެއް ކަމަށެވެ.
އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ 2008 ވަނަ އަހަރު ވޭސްޓް މެނޭޖްމަންޓަށް ކޮޅުވެއްޓި ގެނައުމުގައި އޭނާގެ މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން ކޮރަޕްޝަންގެ އަމަލުތެކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ. އެ ދައުވާގައި ބުނެފައި ވަނީ އެ އުޅަނދު ވޭސްޓް މެނޭޖްމަންޓަށް ނުލިބެނީސް އުޅަނދު ލިބުނު ކަމަށް ހަދައި އެލްސީގެ ފައިސާ އުޅަނދު ވިއްކި ފަރާތަށް އޭނާ ހޯއްދަވައިދެއްވާފައިވާ ކަމަށެވެ.
އެންމެ ފަހުން މި މައްސަލައިގައި ޝަރީއަތަށް ހެކިބަސް ދިނުމަށް ދައުލަތުން ހާޒިރުކުރި ފަސް މީހަކު ވަނީ އިސްމާއިލް އަބްދުލް ހަމީދާ އެއްކޮޅަށް ހެކިބަސްދީފަ އެވެ. އެ އެންމެން ވެސް ބުނެފައި ވަނީ ވޭސްޓް މެނޭޖްމަންޓަށް ގެނައި ކޮޅުވެއްޓިއަކީ މުޅިން އާ ކޮޅުވެއްޓިއެއް ކަމަށެވެ.
ޝަރީއަތުގައި ޕީޖީގެ ވަކީލު ވިދާޅުވީ އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ އުޅަނދު ދައުލަތަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ވޮރަންޓީގެ ގޮތުގައި އެ ކުންފުނިން ދީފައި ވަނީ އުޅަނދު ދޫކުރާތާ 90 ދުވަސް ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އުޅަނދު ވޭސްޓް މެނޭޖްމެންޓަށް ލިބިއްޖެ ކަމަށް ބުނެ އެ ފައިސާ އެޕްރީލް ،28 2008 ގައި އެ ކުންފުންޏަށް ހޯދާ ދީފައިވާ ކަމަށާއި ނަމަވެސް އެ އުޅަނދު ލިބިފައި ވަނީ އޮކްޓޯބަރު ،23 2009 ވަނަ ދުވަހު ކަމަށެވެ. އަދި އިސްމާއިލް އަބްދުލް ހަމީދު އެގޮތަށް ކަންތައް ކުރެއްވުމުން އުޅަނދު ލިބުނު އިރު އެ އުޅަނދުގެ ވޮރަންޓީ ހަމަވާން އޮތީ އެންމެ ދެ ދުވަސް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ދިފާއީ ވަކީލަކާ ނުލާ ޝަރީއަތަށް ވަޑައިގެން އިންނެވި އިސްމާއިލް އަބްދުލްހަމީދަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އުޅަނދު ވޭސްޓް މެނޭޖްމެންޓަށް ލިބުން ކަމަށް ދައުލަތުން ބުނަނީ ކޮން މާނައެއްގަތޯ އޭނާ ވަނީ ސުވާލުކުރައްވައިފަ އެވެ. އަދި ވިދާޅުވީ ހުށަހެޅި ލިޔެކިޔުންތަކުން އޭނާގެ ކުށެއް ނެތްކަން ހާމަވާނެ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެއްބަސްވުމުގެ ދަށުން އުޅަނދު ވެސްޓް މެނޭޖްމެންޓުން ހަވާލުވުން ކަމަށް ބުނަނީ މާލޭ ބަނދަރަށް ގެނެސް އެތަނުން ހަވާލުވުން ކަމަށެވެ.
ގާޒީ އަބްދުﷲ ދީދީ ވަނީ މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމަވާލައްވައިފަ އެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ދެ ފަރާތުން ވެސް ހުލާސާ ބަޔާން ހުށަހެޅުމަށް އެންގެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ