ނާނު: ލިބުނު ހިތްދަތިކަން، ޖަނަވާރުންގެ ޑޮކްޓަރަކަށް ވާން ލިބުނު ހިތްވަަރަކަށް

"ހިއްރަ ނަމަކަށް ކިޔާ، އަބައުޓް ޓޫ އިއާސް ވާނީ އެ ބުޅަލަށް. ދެން އޭރު ރާއްޖޭގައި ބުޅަލަށް ޖެހޭ ވަރަށް ޑެޑްލީ ވައިރަސް އެއް ފެތުރުނު. އޭތި ފެތުރޭ ހަބަރު ލިބުނީމަ ވަރަށް ބޮޑަށް ޕްރިކޯޝަން ނެގިން އެކަމަކުވެސް ކޮންމެވެސް ގޮތަކަށް އެއަށް އެ ވައިރަސް ޖެހުނީ. ދެން ވަރަށް ބަލިވި ދޯ. ދެން ވެޓް އަންނަންދެންވެސް ޓޫ ޑޭސް ތިބިން. ވަރަށް އާދޭސް ކޮށްފަ ބުނިން ވަރަށް އެމަޖެންސީ ވެގެންނޭ. އެކަމަކު ހަމަ ބުޅާ މަރުވީ ވެޓް މެސެޖް ކުރީ މިދަނީއޭ ކިޔާފަ. އެއީ ވަން އޮފް ދަ ސޭޑެސްޓް ޑޭޒް،" މިއީ ޖަނަވާރުން ދެކެ ލޯބިވާ އައިޝާ ހަނާން އަލީ (ނާނު) އޮޅުކޮށްގެން ގެންގުޅުނު ބުޅަލެއް އޭނާގެ އަތްމައްޗަށް މަރުވި ގޮތް ކިޔައިދިން ގޮތެވެ. އެއީ އިއްޔެ މެންދުރުވީ ކަމެއްހެން އޭނާގެ ސިކުނޑީގައި އަދިވެސް އެ ހާދިސާ ހަނދާން އެބަހުއްޓެވެ. ކިޔައިދިނީ ވެސް އެހާ އަސަރާ އެކުއެެވެ. ބައެއް މީހުންނަށް މިއީ ބުޅަލެއް ބަލިވެގެން، މަރުވެގެން ދިޔަ އާދައިގެ ވާހަކައަކަށް ވެދާނެއެވެ. ނަމަވެސް މިއީ ނާނުގެ މުޅި ދިރިއުޅުން ބަދަލުކުރި ކަމެވެ. އޭނާގެ ކެރިއަރު، އެކަމަކަށް ބިނާކުރި ހާދިސާއެވެ. ނާނު ބުޅަލަކާއެކު: ނާނު އަކީ ކުޑައިރުއްސުރެ ވެސް ޖަނަވާރުންދެކެ ލޯބިވާ މީހެއް --- ދަރިއެއް ފަދައިން އެހާމެ ލޯބިން ބަލާބޮޑުކުރި ބުޅާ މަރުވެގެން ލިބުނު ހިތްދަތިކަމުން އަރައިގަނެ މިއަދު ނާނު އަންނަނީ، މަރުވެގެންދިޔަ އޭނާގެ ބުޅަލަށް ވީގޮތަށް، ތަފާތު ބަލިތަކެއް ނުވަތަ ނުކުޅެދުންތެރިކަމެއް ތަހައްމަލު ކުރަމުންދާ ޖަނަވާރުންނަށް އެހީވާން ކިޔަވަމުންނެވެ. އެކަން ހާސިލް ވެއްޖެނަމަ އޭނާ ވެގެންދާނީ ޖަނަވާރުންނަށް ފަރުވާދޭ ދިވެހި ފުރަތަމަ ޑޮކްޓަރު ނުވަތަ ވެޓެރިނަރީ ފިޒީޝަން (ވެޓް) އަށެވެ. ކުޑައިރުއްސުރެ ޖަނަވާރުންނާއެކު، ވެޓަކަށްވާން އުޅުމުން ސުވާލު އުފެއްދި ސްކޮޓްލެންޑަށް އުފަން ނާނު ބުނާ ގޮތުން، އުމުރުން އެންމެ ފަސް އަހަރުގައި ވެސް ޖަނަވާރުން ލޯބިކޮށްގެން ގެންގުޅޭ ހަނދާން އޭނާ ވެއެވެ. އެގޮތުން ކުޑައިރު ސްކޮންޓްލެންޑުގެ ހުއިހައްޕާ ދަނޑަކަށް ދިއުމުން އެތަނުގައި އުޅޭ ޖަނަވާރުން ފެނި، ވަގުތުން އެތަން ދެކެ ލޯބިވެވުނު ހަނދާންތައް އޭނާ ހިއްސާކުރިއެވެ. ނަމަވެސް ނާނު އަކަށް ވަކި ޖަނަވާރެއް ހާއްސައެއް ނޫނެވެ. ހުރިހާ އެއްޗެއް ވެސް އޭނާއަށް ހަމަ "ލޯބީ"އެވެ. އުމުރުން އެންމެ ފަސް އަހަރުގައި ޖަނަވާރުންގެ ޑޮކްޓަރަކަށް ވާން އެންމެ ގާތު ކިއީވެސް އެ ސަބަބާހުރެއެވެ. ނާނު ބުޅަލަކާއެކު: ނާނުގެ އުއްމީދަކީ ރާއްޖޭގައި ޖަނަވާރުންނަށް ފަރުވާ ދެވޭނެ މަތީ ފެންވަރުގެ ކުލިނިކެއް ހުޅުވުން --- "ކުޑައިރު މުސަޅު ވެސް ގެންގުޅުނިން. ދެން އެޕާޓްމަންޓް ތެރޭގައި ކުކުޅެއް ވެސް ދޫންޏެއް ވެސް ގެންގުޅުނިން. މިހާރު ވެސް ގޭގައި ހަތް ބުޅާ އޮންނާނެ. އޭގެ ތެރެއިން ތިނެތި އެއީ ގޭގައި ވިހެއި ތިނެތި. އަނެއް ހުރިހާ އެއްޗަކީ ވެސް މަގުމަތިން އެޑޮޕްޓުކުރި ބުޅާތަކެއް. އެ ހުރިހާ އެއްވެސް ބަލާނީ ވެސް މަންމަ،" އިޓަލީގައި ވެޓްކަން ކިޔަވަމުންދާ ނާނު ކިޔައިދިނެވެ. ނާނު ބުނީ، އޭނާ ވެޓަކަށް ވާން ކިޔަވަން ނިންމީ އަމިއްލައަށް ފެނިގެން އެކަމަށް އަމިއްލަ ގޮތުން ކުރިމަތިލައިގެން ކަމަށެވެ. ނަމަވެސް އެކަން ކިޔަވަން އުޅުމުން ގިނަ ބަޔަކު އެކަމާ ސުވާލު އުފެއްދި ކަމަށެވެ. "އެންމެން ކައިރީގައި ވެޓް ކަމޭ ކިޔަވާނީ ބުނާއިރަށް ބުނާނެ ކީއްކުރަން ހެއްޔޭ ވެޓްކަން ތިކިޔަވަނީ. އިންސާނުންގެ ޑޮކްޓަރަކަށް ވިޔަސް މާ ރަނގަޅުވާނޭ. އެހެން ބުނެފަ އެބަހުރި،" އަންހެން ކުދިންނަށް ވެސް އެމީހަކު ކިޔަވަން ބޭނުންވާ އެއްޗެއް ކިޔެވުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް ބުނެ ނާނު ބުންޏެވެ. ޖަނަވާރު ގެންގުޅޭ މީހުން ގިނަ، ހާއްސަ ޑޮކްޓަރެއް ބޭނުންވެފައި ރާއްޖޭގައި އެތައް ބަޔަކު ބުޅާ ފަދަ ޖަނަވާރު އޮޅު ކޮށްގެން ގެންގުޅޭއިރު، އެ އެއްޗިއްސަށް ބައްޔެއް ޖެހިއްޖެނަމަ އެ އެއްޗެއް ގެންގުޅޭ މީހަކު ހުންނަންޖެހެނީ ގޮތް ހުސްވެފައެވެ. އެ ތަޖުރިބާ ކޮށްފައިހުރި ނާނު މިހާރު ދަނީ، ކިޔަވަން އިޓަލީގައި ހުރެފައި ލިބޭ ޗުއްޓީގައި ރާއްޖެ އައިސް ކޮންމެ ވެސް ވަރަކަށް ޖަނަވާރުންނަށް ފަރުވާ ދިނުމުގެ ހިދުމަތް ދެމުންނެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން އެފަދަ ހިދުމަތަކަށް އެދޭ މިންވަރު އޭނާއަށް އިހުސާސް ކުރެވޭ ކަމަށް ނާނު ބުނެއެވެ. ނާނު ބުޅަލެއް ކައިރީގައި: އިޓަލީގައި ޑޮކްޓަރަކުކަން ކިޔަވަމުން ލިބޭ ޗުއްޓީގައި ނާނު އަންނަނީ ޖަނަވާރުންނަށް ކޮންމެވެސް ވަރަކަށް ފަރުވާ ދިނުމުގެ ހިދުމަތް ކުޑަ ފީއެއް ނަގައިގެން ދެމުން --- "އަސްލު ވަރަށް ބޭނުންވޭ. ޗުއްޓީއަށް އައިސް ދެ ގަޑިއިރުގެ ތެރޭގައި ދެ ހަފްތާއަށް ފުލްވެއްޖެ. ފޭސްބުކް ޕޭޖެއްގައި ޖަހާލުމުން ހަމަ ފުލްވެއްޖެ. ރެސްޓެއް ވެސް ނުލިބޭ. ވަރަށް ބޭނުންވޭ،" ނާނުު ބުންޏެވެ. ޗުއްޓީއަށް މިހާރު ރާއްޖެ އައިސްއުޅޭ ނާނު ބުނާ ގޮތުން، ޗުއްޓީއަށް ވީ އެއް މަސް ދުވަހުގެ ތެރޭގައި މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ އެޕޮައިންޓްމަންޓް ވަނީ ލިބިފައެވެ. ނަމަވެސް ނާނު އަކީ އަދި ޑޮކްޓަރުގެ ސެޓްފިކެޓް ލިބިފައިނުވާ މީހެއް ކަމުން މާ ގިނަ ފަރުވާތަކެއް ދިނުމުގެ ހުއްދައެއް އަދި ނެތެވެ. "ވެކްސިން ދިނުން މިހާރު ކުރަމުންދަނީ. ކެޓްގެ ވެރިފަރާތުން ލައްވައި ސޮއިކުރުވަން އެއްބަސްވުމެއްގައި ވެޓްކަން ކިޔަވާ މީހެއް ލައްވާކަން ވެކްސިން މިދެނީ. އެކަން ޔަގީން ކޮށްފައި ހިދުމަތް ދެނީ. ދެން މިދެނީ ފާރ ޓްރީޓްމަންޓް ދެން ގްރޫމިން އެންމެ ބޮޑަށް. ނެއިލް ކަޓްކޮށް، ފެން ފަރުވާ ހެދުން ކަހަލަ. އެއްވެސް މީހެއްގެ ފަރާތުން އަދި ކޮމްޕުލެއިނެއް ނާދޭ،" ނާނު މިހާރު ދެމުންދާ ހިދުމަތްތައް ކިޔައިދިނެވެ. އޭނާ ބުނީ، މިހާތަނަށް އެންމެ ގިނައިން ލިބިފައިވަނީ ބުޅަލާ ގުޅުންހުރި މައްސަލަތައް ކަމަށެވެ. އެގޮތުން ވެސް އާންމުކޮށް ފެންނަނީ ހަމުގެ މައްސަލަތައް ކަމަށާއި އޭގެ ތެރޭގައި ހަންގަނޑުގެ ތަންތަން ކަނޑައިގެން ގޮސްފައި ހުރުން ނުވަތަ އުކުނު (މައިޓްސް) އަޅާފައި ހުންނަކަން ފާހަގަވާ ކަމަށް އޭނާ ބުނެއެވެ. އަހަކާއެކު ނާނު: ނާނު ޑޮކްޓަރަކުކަން ކިޔަވަމުންދަނީ އަމިއްލަ ހަރަދުގައި އިޓަލީގައި --- އެހެން އެގޮތަށްވަނީ ނާނު ދެކޭ ގޮތުގައި، ރީތި ވެގެން ރާއްޖެއިން ބޭރުން ގެންނަ ކެހެރި ދިގު ބުޅާތައް ރަގަނޅަށް ނުގެންގުޅެވޭތީ ނުވަތަ އެ އެއްޗިއްސަށް އަޅާލަން ނޭނގޭތީއެވެ. ރާއްޖޭގައި ޖަަނަވާރުންނަށް ފަރުވާދޭ ކުލިނިކެއް ހުޅުވަން އުޅޭތާ އަހަރުތަކެއް ރާއްޖޭގައި ޖަނަވާރުން ގެންގުޅޭ މީހުން އިތުރުވި ނަމަވެސް، ޖަނަވާރުންނަށް ފަރުވާދޭން ރާއްޖޭގައި މިވަގުތު ހުންނަނީ ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިދުމަތްދޭ، ރާއްޖޭން ބޭރުގެ އެންމެ ވެޓް އެކެވެ. ނަމަވެސް މޯބައިލް ވެޓެއްގެ ގޮތުގައި ދޭ އެ ހިދުމަތަށް އެޕޮއިންޓްމަންޓް ހެއްދުމަކީ އުދަނގޫ ކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ގޭގައި ޖަނަވާރުތަކުގެ ސާޖަރީތައް ހެދުމަކީ، ސިއްހީ މިންގަނޑުތަކަށް ނުފެތޭ ކަމަކަށްވާތީ، އެ ހިދުމަތެއް ވެސް ރާއްޖެއަކުން ލިބޭކަށް އަދި ނެތެވެ. ނަމަވެސް ޕެޓް ޖަނަވާރަށް ފަރުވާދޭ ކުލިނިކެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފައެވެ. އެގޮތުން އެންމެ ފަހުން މިދިޔަ މަހުގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީން ވަނީ، އެފަދަ ކުލިނިކެއް ވިލިމާލޭގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ އިމާރާތެއްގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ބުނެފައެވެ. ނާނު ބުނި ގޮތުގައި، ރާއްޖޭގައި މޯބައިލް ވެޓެއްގެ ހިދުމަތް ދެމުންދާއިރު، އޮޕަރޭޝަން ކުރަންޖެހޭ ގިނަ، ކޭސްތަކެއް ވެސް އަބަހުއްޓެވެ. އެގޮތުން ކަށްޓެއް ބިންދައިގެން ދިއުން، ބަނޑަށް ދަރިން މަރުވެފައި ހުރުން ނުވަތަ ތެރަޕީތަކެއް ބޭނުންވާ ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަމެއް ހުންނަ ޖަނަވާރުން ފަދަ، ބައިވަރު ހާދިސާތަކާ ދިމާވެފައިވާ ކަމަށް ނާނު ބުންޏެވެ. ނާނު މަސައްކަތްކުރި ބާޑް ޕާކެއްގައި ގެންގުޅުނު ދޫނިތަކަކާއެކު: ނާނު ގެންދަނީ ކިޔަވަން އިޓަލީގައި ހުރެފައި ލިބޭ ޗުއްޓީތަކުގައި ރާއްޖެ އައިސް ޖަނަވާރުންނަށް ފަރުވާ ދިނުމުގެ ހިދުމަތް ދެމުން --- އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ރާއްޖެއަށް ބޭނުންވަނީ ދަރިން ނުލިބޭ ގޮތް ހެދުމުގެ އޮޕަރޭޝަން ކުރުމުގެ އިންތިޒާމް ކަމަށް ނާނު ދެކެއެވެ. "ވެޓެއްގެ ހިދުމަތް އަސްލު ވަރަށް ބޮޑަށް ފެނޭ. މިސާލަކަށް ބުޅަލަކަށް ބަލަންޏާމުން އެންމެ ބޭނުންވާ އެއްކަމަކީ ދަރިން ނުލިބޭ ގޮތް ހެދުން (ނިއުޓާ ސްޕޭ). އެކަން މިއޮތީ ރާއްޖޭގައި އެއްވެސް ވަރަކަށް ނުކުރެވިފައި. ސްޓެރަލް އެންވަޔަރަމަންޓެއް ނެތް. އެކަން އޮތީ ކުރިއަށް ނުގެންދެވިފައި. ކިޓަން އިތުރުވޭ. ކޮންމެ ގެއަކު ވެސް ނުގެންގުޅެވޭނެ ދޯ 15 ވަރަކަށް ކިޓަން އެއް. އެ އެއްޗެހި ދާނީ މަގުމައްޗަށް. ދޭހޭވްޓު އެބަންޑަން އިޓް އެޓް ސަމްޓައިމް،" ނާނު ކިޔައިދިނެވެ. ނާނުގެ ހުވަފެން: ޖަނަވާރުންނަށް ފަރުވާދޭ ކުލިނިކެއް ހުޅުވުން ޖަނަވާރުންނަށް ފަރުވާ ދޭ ވެޓަކަށް ވުމަށްފަހު، ޖަނަވާރުންނަށް ފަރުވާ ދިނުމަކީ ނާނުގެ ހަމައެކަނި ވިސްނުމެއް ނޫނެވެ. ޖަނަވާރުންގެ ހައްގުގައި އޭނާ ކުރާ މަސައްކަތް އެހިސާބުން ނިންމާލުމުގެ ނިޔަތެއް ވެސް ނެތެވެ. އެއަށްވުރެ ނާނުގެ ދުރު ރާސްތާ ޕްލޭނެއް އެބަ އޮތެވެ. އެއީ ޖަނަވާރުންނަށް ހާއްސަ ސެންޓަރަކާއެކު ޝެލްޓަރެއް ހެދުމުގެ ހުވަފެނެވެ. އެތަނުގެ ކުރެހުމުން ފެށިގެން ފަންޑު ހޯދާނެ ގޮތް ވެސް ނާނު އޮތީ މިހާރުއްސުރެ ރާވައި ނިންމައިފައެވެ. ހަމައެކަނި ބޭނުންވަނީ އެފަދަ ތަނެއް ހަދާނެ ތަނަކާއި ރަސްމީ ހުއްދައެވެ. ނާނު ގުރައަކާއެކު: ނާނުގެ އުއްމީދަކީ ދިވެހި ފުރަތަމަ ޖަނަވާޜުންނަށް ފަރުވާދޭ ޑޮކްޓަރަށް ވުން --- "ޕްރައިވެޓް ކޮށް ނަމަވެސް ގަވަރުމަންޓްގެ އެހީގައި ނަމަވެސް ޖަނަވާރުންނަށް ފަރުވާދޭ ކުލިނިކެއް ހިންގަން ބޭނުންވަނީ. ބައިވަރު ޕްލޭން ހުންނާނެ ބިލްޑިން ޑިޕާޓްމަންޓްތަކަށް ބަހާފައި. ގްރޫމިން ތަންތަނާއި ޝެލްޓާއަކާ އެކީގަ އެތަން ހަދާނީ. ހިދުމަތްތައް ދޭނީ ކިހިނެތްތޯ ވެސް އިންނާނީ ހަދާ ނިންމާފައި. ފަންޑުވެސް އެބަހުރި. ހުއްދަ އަކާއި ލައިސެންސެއް އެކަނި ބޭނުންވަނީ،" ނާނުގެ ވިސްނުން ހިއްސާކުރިއެވެ. ނާނު ބުނި ގޮތުގައި، އެތަން ހިންގާނީ ވިޔަފާރި ހިންގުމުގެ ތަޖުރިބާހުރި އޭނާގެ މަންމަގެ ބެލުމުގެ ދަށުންނެވެ. އަދި ނާނު ކިޔަވައި ނިމުމުގެ ކުރީން އެ ހުވަފެނުގައި ކުލަ ޖެހިއްޖެނަމަ، ކުލިނިކުގައި ފަރުވާދޭނީ ރާއްޖޭން ބޭރުން ވެޓުން ގެނެސްގެން ކަމަށް ވެސް ނާނު ކިޔައިދިނެވެ. ނާނުގެ ވިސްނުން އެހިސާބުން ނިންމައެއް ނުލައެވެ. އޭނާގެ ޖަނަވާރުންނަށް ހާއްސަ ސެންޓަރުގައި ހިދުމަތް ދިނުމަށް ޝައުގުވެރިކަން ހުންނަ ދިވެހި ކުދިންނަށް ފުރުސަތާއި ތަމްރީން ދޭނެ އެވެ. އެއީ އެ ދާއިރާއިން ކުރިއަށްދާން ކިޔަވަން ދާއިރު، އެ ތަޖުރިބާ އެމީހަކަށް ދިނުމުގެ ބޭނުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ