މިދިޔަ ހޯމަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެރޭ ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ދޫނިދޫގައި ބެހެއްޓުމަށް ފަހު މިރޭ މާފުށީ ޖަލަށް ބަދަލު ކޮށްފި އެވެ.
ތިން ތުހުމަތެއްގައި މައުމޫން ހައްޔަރުކުރުމަށް ފަހު ކުރިން މިރެޔާ ހަމައަށް ބަހައްޓާފައި ހުރީ ދޫނިދޫގަ އެވެ. ނަމަވެސް މިރޭ މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް، އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ސަބަބެއް ހާމަނުކުރާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ އެކަމަަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.
ނަމަވެސް އެ ހުރިހާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވަ އެވެ. ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ކުރިން ދެއްވި ކުރު ވީޑިއޯ މެސެޖެއްގައި މައުމޫން ވިދާޅުވީ އެމަނިކުފާނު ހައްޔަރު ކުރަންޖެހޭ ވަރުގެ އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަަމަށެވެ. އަދި ހައްޔަރު ކުރި ކަމުގައި ވިޔަސް އެ މަނިކުފާނު ފައްޓަވާފައިވާ އިސްލާހީ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ދޫނިދޫން މާފުށީ ޖަލަށް ބަދަލު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ