ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަމަށް ބުނެ، ސަރުކާރުން ސީލައިފަށް 185 މިލިޔަން ރުފިޔާ!

މީގެ ހަތް އަހަރު ކުރިން ހައުސިން ޔުނިޓްތަކެއް އެޅުމަށް ސަރުކާރާ އެކު ސީލައިފް މޯލްޑިވްސް އިން ވެފައިވާ އެއްބަސްވުމެއް އުވާލަން ނިންމުމުން، އޭގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން އެ ކުންފުންޏަށް 185 މިލިއަން ރުފިޔާ ދޭން އެއްބަސްވި ކަމަށް ބުނާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
ސީލައިފް މޯލްޑިވްސް އާއި ސަރުކާރާ އެކު 2011 ވަނަ އަހަރު އެއްބަސްވެފައި ވަނީ 80 ހައުސިން ޔުނިޓް އެޅުމަށެވެ. އެ އެއްބަސްވުމުގެ ދަށުން 80 ހައުސިން ޔުނިޓް އަޅަނީ ކޮން ތަނެއްގައި ކަމެއް ސާފެއް ނުވެއެވެ.
އެ އެއްބަސްވުމާ ގުޅިގެން ސީލައިފަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކަމަށް ބުނެ، ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ފައިސާ ދޭން އެއްބަސްވި "ސެޓްލްމަންޓް އެގްރީމަންޓު"ގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ އެގްރީމަންޓްގައި ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
ސެޓްލްމަންޓް އެގްރީމަންޓްގައި ބުނެފައި ވަނީ 80 ހައުސިން ޔުނިޓުގެ އެއްބަސްވުން ބާތިލް ކުރީ، ހައުސިން ޔުނިޓް ތަރައްގީ ކުރުމުން، ލަގްޒަރީ ވިލާ އެޅުމަށް ވ. ތިނަދޫ އިން ބިމެއް ދޭން ސަރުކާރުން އެއްބަސްވެފައިވީ ނަމަވެސް އެ ރަށު ކައުންސިލުން އެ ބިން ދޫކުރަން ދެކޮޅު ހެދުމުންނެވެ.
ސެޓްލްމަންޓް އެގްރީމަންޓްގައި ބުނެފައިވާ ގޮތުން ހައުސިން ޔުނިޓް އެޅުމަށް ސީލައިފުން 3.5 މިލިޔަން ޑޮލަރު ( 53.97 މިލިއަން ރުފިޔާ) ޚަރަދު ކުރިއެވެ. ނަމަވެސް ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުނިން ކުރީ ކޮން މަސައްކަތެއް ކަމެއް އެނގޭކަށް ނެތެވެ.
ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުު އިބްރާހިމް ނަޒީމް ސޮއިކޮށް، ސީލައިފްގެ މެނޭޖިން ޑައިރެކްޓާ އަހުމަދު މޫސާ މުހައްމަދު ސޮއިކޮށްފައިވާ އެ އެންގްރިމަންޓްގައި ބުނަނީ ސީލައިފުން ކުރި މަސައްކަތުގެ އަގާއި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ދޭން އެއްބަސްވާ ކަމަށެވެ.
ލިޔުންތަކުގައިވާ ގޮތުން، އެ ފައިސާ ސީލައިފް މޯލްޑިވްސްއަށް ދޫކުރުމަށް ހައުސިން މިނިސްޓްރީ އިން ވަނީ ފިނޭންސް އަށް އަންގާފައެވެ. އަދި ސީލައިފަށް އެ ފައިސާ ދޭނީ 12 ޕޭމަންޓަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ބުރުގައި 15.4 މިލިއަން ރުފިޔާ ދޫކުރުމަށާއި ދެ ވަނަ ބުރުގައި 30.8 މިލިއަން ރުފިޔާ ދޫކޮށްދިނުމަށާއި ދެން ބާކީ ހުރި ފައިސާ 10 ބުރެއްގެ މަތިން، ކޮންމެ ފަހަރަކު 13.8 މިލިއަން ރުފިޔާ ދިނުމަށް ހައުސިން މިނިސްޓްރީ އިން ވަނީ އެދިފައެވެ.
މިވާހަކަތައް މީޑިއާގައި ފެންމަތިވުމާ އެކު ހައުންސިން މިނިސްޓްރީން ވަނީ އެ ވާހަކަތަކަށް ރައްދު ދީފައެވެ. 
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ބައެއް މީޑިއާތަކުގައި ވިދާޅުވެފައި ވަނީ ސަރުކާރުން ސީލައިފަށް ދޭންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި އެ އެގްރީމަންޓް އުވާލީ އެއްބަސްވުމާ އެއްގޮތައް މަސައްކަތް ކުރިއަށް ނުދާތީ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ސީލައިފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސީލައިފް މޯލްޑިވްސްއަކީ، 2014 ވަނަ އަހަރު ހުޅުމާލޭގައި ރައީސް އަބްދުﷲ ޔާމީން ބިންގާ އެޅުއްވި 3،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ސީލައިފް ގްލޯބަލްގެ ކުންފުންޏެކެވެ. އެ ދެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަަކީ ވެސް އަހުމަދު މޫސާ މުހައްމަދެވެ. އެ ކުންފުނިން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި އަޅާ 1،000 ފްލެޓް ވިއްކުމަށް ހުޅުވާލައި މިދިޔަ އަހަރުގެ ތެރޭގައި އެޑްވާންސަށް ފައިސާ ވެސް ނަގާފައި ވެއެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ