ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލުއާންމު އދގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.
އދގެ އާންމު މަޖިލީހުގެ އިސްރާއީލުގެ ގަތުލުއާންމު ކުށްވެރިކުރީ، އިސްލާމީ ގައުމުތަކުގެ ފަރާތުން ތުރުކީއާއި، އަލްޖީރިއާއިން ހުށަހެޅި މިމައްސާލައާއި ގުޅިގެން، ދާދި ދެންމެއަކު ނިމިގެންދިޔަ އާންމު މަޖިލީހުގެ ކުއްލި ޖަލްސާގައެވެ.
މިގަރާރު ފާސްކުރުމަށް އދގެ މެމްބަރު 193 ގައުމުގެ ތެރެއިން 120 ގައުމުން ވޯޓްދީފައި ވާއިރު، ގަރާރާ ދެކޮޅަށް ވޯޓްދިނީ އެންމެ 8 ގައުމުންނެވެ. ވޯޓްލީ ޖަލްސާގައި ބައިވެރިވި ނަމަވެސް، 45 ގައުމުން ވޯޓްގައި ބައިވެރިނުވެއެވެ.
އދގެ އާންމު މަޖިލީހުން މިގަރާރު ފާސްމިކުރީ، އެގަރާރު ފާސްވިޔަނުދިނުމަށް އެމެރިކާއިން ވަރަށްގިނަ މަސައްކަތް ކުރަމުންދަނިކޮށެވެ.
އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ނިކީ ހޭލޭ ވިދާޅުވަމުން ގެންދެވީ، ތުރުކީއާއި، އަލްޖީރިއާއިން ހުށަހަޅާފައިވާ ގަރާރަކީ ވަކިފަރާތަކަށް ޖެހިފައިވާ ގަރާރެއް ކަމަށާއި، ޣައްޒާގައި ހިނގައިދިޔަ ކަންތައްތަކުގެ ޒިންމާ އުފުލަން ޖެހޭނީ ހަމާސްއިން ކަމަށެވެ.
އާންމު މަޖިލީހުގައި ކަންތައް ވެގެންދާނެގޮތް އެމެރިކާއަށް ކުރިންވެސް އެނގޭތީ، އިސްލާމީ ގައުމުތަކުން ހުށަހެޅި ގަރާރަށް އެމެރިކާއިން އިސްލާހް ހުށަހެޅިއެވެ. އެ އިސްލާހްގައި ހިމަނާފައިވަނީ ހަމާސް ކުށްވެރިކުރުމަށެވެ.
އދގެ އާންމު މަޖިލީހުން އެއްޗެއް ފާސްކުރަން މެމްބަރު ގައުމުތަކުގެ ތިންބައިކުޅަ ދެބައިގެ ތާއީދު ބޭނުންވާއިރު، ފުރަތަމަ މިރޭ ވޯޓަށް އެހީ އެމެރިކާއިން ހުށަހެޅި އިސްލާހަށެވެ. ނަމަވެސް، މެމްބަރު ގައުމުތަކުން ވޯޓްލައި އެމެރިކާއިން ހުށަހެޅި، ހަމާސް ކުށްވެރިކުރާ އިސްލާހް ވަނީ ފެއިލް ކޮށްލާފައެވެ.
އިސްލާމީ ގައުމުތަކުން ހުށަހަޅާފައިވާ ގަރާރުގައި، އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގައި ހިންގި ގަތުލުއާންމުތަކާ ގުޅިގެން އިސްރާއީލު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.
މިގަރާރަކީ، އދގެ ސަލާމަތީ މަޖިލީހަށް އަރަބި ގައުމުތަކުގެ ފަރާތުން ކުވައިތު ހުށަހެޅި ގަރާރާ އެއްގޮތް ގަރާރެކެވެ.
ސަލާމަތީ މަޖިލީހަށް ކުވައިތުން ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯގެ ބޭނުންކޮށް ނާކާމިޔާބު ކޮށްލިއިރު، އެ ގަރާރުގައި، އިސްރާއީލު ކުށްވެރި ކުރުމުގެ އިތުރުން، އިސްރާއީލުގެ އުދުވާނުތަކުން ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރުމަށްވެސް ހުށަހަޅާފައި ވެއެވެ.
އދގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ގަރާރުތަކާ ޚިލާފަށް އދގެ އާންމު މަޖިލީހުން ފާސްކުރާ ގަރާރުތަކަކީ އެއަށް އަމަލުކުރުން މަޖުބޫރު ގަރާރުތަކެއްނޫނެވެ. އެހެންނަމަވެސް، އދގެ އާންމު މަޖިލީހުގައި އދގެ މެމްބަރު ހުރިހާ ގައުމެއް ހިމެނޭތީ، މެމްބަރު ގައުމުތަކުގެ އަޣުލަބިއްޔަތުން ފާސްކުރާ ގަރާރުތަކުގެ ސިޔާސީ ބުރަދަން ބޮޑުވެގެންދާނެއެވެ.
އިސްރާއީލުގައި ހުރި އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކުރަން އެމެރިކާއިން ނިންމި މައްސަލަ ކުށްވެރިކުރަން އަރަބީން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކުރުމުންވެސް އަރަބީން ދެންދިޔައީ އދގެ އާންމު މަޖިލީހަށެވެ.
އަރަބި ގައުމުތަކުން އެފަހަރު ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ މެމްބަރު 15 ގައުމުގެ ތެރެއިން 14 ގައުމުން ތާއީދުކުރިއިރު، އެ ގަރާރާ ދެކޮޅަށް ވޯޓްދިނީ އެމެރިކާއިން އެކަންޏެވެ.
އެ ގަރާރު އދގެ އާންމު މަޖިލީހަށް ހުށަހެޅި، އާންމު މަޖިލީހުގައި ހިމެނޭ 193 ގައުމުގެ ތެރެއިން މެމްބަރު 128 ގައުމުގެ ވޯޓުން، އެމެރިކާގެ ނިންމުން ބަލައިނުގަތުމަށް ފާސްކޮށްފައި ވެއެވެ. އަދި ގުދުސްއަށް އެމްބަސީ ބަދަލުކުރުމަށް ޓްރަމްޕް ނިންމެވި ނިންމެވުން ކުށްވެރި ކޮށްފައި ވެއެވެ.
އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކުރުމާ ދެކޮޅުހަދައި، ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި މިއަހަރުގެ މާޗްމަހު ފަލަސްތީނުގެ އާންމުން ފެށި މުޒާހަރާގެ ތެރެއަށް އިސްރާއީލުން ބަޑިޖަހައި މިހާތަނަށް ވަނީ 129 މީހުން ޝަހީދުކޮށްލާފައެވެ.
ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވި ދުވަސްކަމަށް މެއިމަހުގެ 14 ވަނަ ދުވަހު އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ 61 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އަދި އެތައްހާސް އާންމުން ޒަޚަމްކޮށްލާފައި ވެއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގި ގަތުލުއާންމު އދގެ މެމްބަރު 120 ގައުމުން ކުށްވެރިކޮށް، އެމެރިކާގެ ހުށަހެޅުން ފެއިލްކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ