ރައީސް ޔާމީނަކީ އިންސާނިއްޔަތުކަމުގެ ވިސްނުން ވެސް ހުރި މީހެއް ނޫން: ގާސިމް

ރައީސް އަބްދުﷲ ޔާމީނަކީ އިންސާނިޔަތުކަމުގެ ވިސްނުމެއް ވެސް ހުރި މީހެއް ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނަށް ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކޯލިޝަނުގެ ކެންޑިޑޭޓްގެ ރަނިންގމޭޓަކަށް ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ހަމަޖެއްސުމަށް ކައުންސިލްއިން ފާސްކޮށްފައި ވާތީ ރަނިންގމޭޓްގެ ޓިކެޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިޔާތުގައި ގާސިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ވަނީ އެތައް ބައިވަރު "މުޖްރިމު އަމަލުތަކެއް" ހިންގާފައި ކަމަށެވެ.
"ރައީސް ޔާމިން އޭ ކިޔާ ހިތްވެސް ނުވޭ، އެނާ ވަނީ ބޮޑެތި މުޖުރިމް އަމަލުތަކެއް ހިންގާފައި،" ގާސިމް ވިދާޅުވި އެވެ. 
ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް އެހީތެރިވި މީހުންނަށް އެމަނިކުފާނުގެ ފަރާތުން ލިބުނީ އަނިޔާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެރިވީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ އާއިލާއަށް އަނިޔާވެރިވުމުގެ އިތުރުން އެމީހުންގެ މުދަލަށް ވެސް "އަރައިގެންފައި"ވާ ކަމަށް ގާސިމް ވިދާޅުވި އެވެ.    
އެމްއެމްޕީއާރުސީ އަށް ލިބުނު ފައިސާ ގުނީ ރައީސް ޔާމިންގެ ގެކޮޅުގައި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވި ވާހަކައަށް އިޝަރާތް ކުރައްވާ ގާސިމް ވިދާޅުވީ އެ މައްސަލަ ތަހްގީގު ކުރާނެ ބަޔަކު ނެތުމުން ހައިރާންވެ ލައްވާ ކަމަށެވެ. އަދި މިނިވަން މުވައްސަސާތައް އޮތީ ވާވެފައި ކަމަށާއި މި ހާލަތަށް ދިއުމުން ގައުމުގެ ކަންކަން ހަމައަށް އެޅުވުމުގެ ޒިންމާ އޮތީ އެމްއެންޑީއެފްގެ އަތްމަތީގައި ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. 
ގާސިމް ވިދާޅުވީ ކޯޓުގައި ހިނގަމުންދަނީ ޝަރީއަތްތަކެއް ނޫން ކަމަށާއި ހިތަށް އެރި މީހަކު ގެންގޮސް ޖަލަށް ލަނީ ކަމަށެވެ. އަދި އެކަން ކުރާ މީހުން އެކަން ކުރަނީ ވަޒީފާގެ ބިރަށް އަނބިދަރިންނަށް ކާނުދެވިދާނެ ތީ ކަމަށް ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ އެމީހުންނަށް ޖެހިފައި ތިބީ "ކޮން ސިހުރެއް ތޯ" ސުވާލު އުފެދޭ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ކޯލިޝަނުގެ ކެންޑިޑޭޓަށް 80 އިންސައްތައަށް ވުރެ ގިނަ ރައްޔިތުން ތާއީދު ކުރައްވާ ކަމަށާއި ސަރުކާރަށް ތާއިދު ކުރާ 20 އިންސައްތަ މީހުންވެސް ނެތް ކަމަށެވެ.  
ސަރުކާރުން ބޭނުންވަނީ ރީ ރަޖިސްޓްރީ އޮޅުވާލަން ކަމަށާއި އެނޫން ގޮތަކަށް ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ ރައީސް ޔާމީނަކީ އިންތިހާބަށް ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހަށް ވެސް އެމަނިކުފާނު ދެ ފަހަރަކަށް އިންތިހާބަކާ ނުލާ ވަޑައިގެން ކަމަށާއި އެމަނިކުފާނާ ވާދަ ކުރައްވާ ބޭފުޅަށް ވެސް ފައިސާ ދީގެން ނަން ނަގުވާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ގާސިމް ވަނީ ހިތްވަރާ އެކު މަސައްކަތްކޮށްގެން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ