އިންތިހާބުގައި ސުލްހަ މަސަލަސް ކަން އިސްކުރުމަށް މައުމޫނު ގޮވާލައްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އަމާން އޮމާން އިންތިހާބަށް ހެދުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފި އެވެ.
ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން މައުމޫނު ވަނީ އިންތިހާބުގެ ތެރޭގައި ވެސް އަދި އިންތިހާބު ނިމުމަށް ފަހު ވެސް ގައުމުގެ ހަމަޖެހުމަށާއި ސުލްހަ މަސަލަސް ކަމަށް އިސްކަން ދިނުމަށް ގޮވާލައްވައިފަ އެވެ.
މައުމޫނު ވަނީ 2008 ވަނަ އަހަރުގެ ވެރިކަން ބަދަލުވި އިރު އެމަނިކުފާނު ދެއްކެވި ނަމޫނާ އަށް ބެއްލެވުމަށް އެދިވަޑައިގެންފަ އެވެ. އަދި އޭރު ބޭއްވި އިންތިހާބުގައި އެމަނިކުފާނާ ވާދަކުރައްވައިގެން އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތަހްނިޔާ ވިދާޅުވެ ސަރުކާރުގެ ކަންކަން ހަވާލުކުރުމުގައި އެހީތެރިވުމަށް ކޮމެޓީއެއް އުފައްދަވައިގެން ކުރިއަށް ގެންދެވިކަން ފާހަގަކުރައްވައި މި އަހަރުގެ އިންތިހާބުގައި ވެސް ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ވެރިކަން އެ އުސޫލުން ބަދަލުކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވެވި އެވެ.
ރޭ ބޭއްވި ޖަލްސާގައި މައުމޫނު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބަކީ "ގިނަ ބުރުތަކެއް ނެތް" އިންތިހާބެއް ކަމަށާއި ފުރަތަމަ ބުރުން ވެސް ޕީޕީއެމް އަށް އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ. ނަމަވެސް ކަން ދިމާވާ ގޮތަކުން ދެ ވަނަ ބުރަކަށް ގޮސް އެހެން ޕާޓީއަކާ އެކު ކޯލިޝަން ހަދަން ޖެހުނު ނަމަވެސް އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަ ކުރާ ޕާޓީއަކާ އެކު ޕީޕީއެމް އިން ކޯލިޝަން ނަހަދާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ބޭފުޅަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނުކަން ޓީވީއެމް އިން ބޭއްވި ކެންޑިޑޭޓުންގެ ބަހުސުން ޔަގީންވެން ހިނގައްޖެ ކަމަށާއި އިތުރު ހެއްކެއް ދެން ބޭނުންނުވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަބްދުﷲ ޔާމިނަށާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދަށް ނޫން ބޭފުޅަކަށް ދެއްވާ ވޯޓަކީ ބޭކާރު ވޯޓެއް ކަމުގައި ވިދާޅުވި އެވެ.
މިރޭ ޕީޕީއެމްގެ ޖަލްސާ ތެރޭގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ ގިނަ ބައެއްގެ އިތުރުން ގިނަ ކައުންސިލަރުންތަކެއް ވަނީ ޕީޕީއެމް އަށް ސޮއި ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ