ސުޕްރީމް ކޯޓުން ގެ ނިންމުމަށް އަދާލަތު ޕާޓީ އިން ގޮން ޖަހައިފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް އަދާލަތު ޕާޓީ އިން ގޮން ޖަހައިފިއެވެ.
ފަނޑިޔާރުންނާއި ގުޅޭގޮތުން ރޭ ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމާއި ގުޅޭގޮތުން ޢަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ އަލީ ނަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ސައީދާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މަޤާމު ނުގެއްލޭ ކަމަށާއި މަޖިލީހުން ކުރީ ސަލާމަތް ބުއްދިއަށްކުރި ފުރައްސާރައެއް ކަމަށެވެ.
ނަޒީރު ވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރޭ ރުހުން ދިނުމާއި، އެކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރޭ ރުހުން ދިނުމުން އެކަމަށް ފާޑު ވިދާޅުވެފައެވެ.
”ޤާނޫނު ބުނާ އުސޫލުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ނިހާއީ ހުކުމެއް ކޮށްފައެއް ނުވޭ“ ނަޒީރު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓްގެ އިދާރީ މުވައްޒަފަކަށް ނިޔާ ކަނޑައެޅުމުގެ ބާރު ނުނެގޭނެ ކަމަށާއި އުއްތަމަ ފަނޑިޔާރު އބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މަޤާމު ދުސްތޫރީ އިޖްރާއަތްތަކުގެ މަތިން ނުގެއްލޭކަމަށް ނަޒީރު ވިދާޅުވިއެވެ.
”ފަނޑިޔާރުން އެކަހެރި ކުރުމަށް ރައީސް ޔާމީންގެ އަމުރަށް މުޅި ދައުލަތް ގުޅިގެން ހިންގާފައިވާ ޖަރީމާތައް އެކަހެރިކޮށްފައި، ހަމައެކަނި އިޖްރާއީ ނަޒަރަކުން ބަލާއިރުވެސް މަޖިލީހުން ރޭ ހިންގީ ތަރުތީބު ގެއްލި، ވާނުވާ ނޭނގި ހަމަގެއްލިފައި އޮތް ހާސަރެއް“ ނަޒީރު ވިދާޅުވިއެވެ.
ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުންގެ ވޯޓާއި ނުލައި އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ޑީޑީ އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ވަނީ ސަރުކާރުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ