ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ގޮތެއް ނިންމައިފި ކަމަށާއި އެގޮތާއި ދިމާ އިދިކޮޅަށް ބަޑިބަޑި ޖެހުމުނމް ދެން ދާނީ ހުޅުނބު ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިއަދު ރާއްޖެ ވަޑައިގެން ޖޭޕީގެ މައި އޮފީހުގައި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުން ގޮތެއް ނިންމުމުން އެގޮތަށް ގަބޫލުކުރައްވާ، ކުރިއަށް ދިއުމަކީ ޑިމޮކްރަސީގައި އޮންނަ ގޮތް ކަމަށެެވެ. އެހެންކަމުން ރައީސް ޔާމީންގެ ނަން ވިދާޅުނުވެ ގާސިމް ވަނީ ރައްޔިތުން ނިންމި ގޮތް ބަލައިގަތުމަށް ނުސީދާކޮށް ރައީސް ޔާމީނަށް އިލްތިމާސްކުރައްވާފަ އެވެ.
"މާތްﷲ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުން މިވަނީ އޮއިވަރު ބަދަލުވެ މަންޒަރު ބަދަލުވެ އަދި ވައިވެސް ބަދަލުވެ މޫސުން ވެސް ބަދަލުވެ މިއޮތީ. އެކަން އެކުރީ ކޮން ބައެއްތޯ؟ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން އިނގޭތޯ. ވިސްނުންތެރި ރައްޔިތުން. ފަހު ބަސް ރައްޔިތުން ބުނީމާ، އިއްވީމާ، އެވާހަކަ ސާފުކޮށް ދެއްކީމާ ދެން އޭގެ ފަހަތުން ބަޑިބަޑި ޖަހާފައި އުޅުނަކަސް ދެން މާބޮޑު ކަމެއް ނުކުރެވޭނެ. ތެޅުނު ވަރަކަށް ދާނީ ހުޅުނބު. ހުޅުނބު ދަމުންގޮސް ހުސްވާނީ އިނގޭތޯ." ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ ގުޅުވައިގެން ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގާނޫނާ ހިލާފަށް ކަންކަން ކުރާ މީހަކު އިސްލާހުކުރަން ގާނޫނާ ހިލާފަށް އަޅުގަނޑުމެން މަސައްކަތް ކޮށްގެން އެއްވެސް ކަމެއް އިސްލާހު ނުވާނެ ކަމަށާއި އެހެން ހުރިހާ ބޭފުޅުން ވެސް ގާނޫނާ އެއްގޮތަށް ކުރިއަށް ދިއުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަނިޔާއާއި ފަސާދައާއި ކޮރަޕްޝަން ދިވެހި ރައްޔިތުން ބަލައިނުގަންނާނެ ކަން ނިމިގެން ދިޔަ އިންތިހާބުގެ ނަތީޖާ އިން އެނގިގެންދާ ކަމަށާއި އެކަމަށްޓަަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އަހަރަކަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން އާއިލާއާއި ހެޔޮއެދޭ ފަރާތްތަކާ ބައްދަލުވުމުން އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާއާ ގުޅޭގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު ރިޝްވަތު ދެއްވި ކަމަށް ބުނެ ކޮށްފައިވަނީ ހައްގު ނޫން ދައުވާއަކާއި ހައްގު ނޫން ޣައިރު ގާނޫނީ ހުކުމެއް ކަމަަށެވެ. އިސްލާމްދީނާއި ގާނޫނު އަސާސީއާއި ހިލާފު އަމަލެއް އެމަނިކުފާނު ނުކުރައްވާ ކަމަށާއި އަދި އެފަދަ ކަމެއް އެއްވެސް ރައްޔިތަކުވެސް ކުރެއްވުމަށް އެދިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވަޑައިގެންފައިވާ އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރައްވަން ޖެހިވަޑައިގަންނަވާނީ ނޮވެމްބަރު 17 ގައި ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރައްވަން ޖެހިވަޑައިގަންނަވާނީ ނޮވެމްބަރު 11 ގައި ކަމަށެވެ. އެގޮތަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވަނީ ރާއްޖޭގައި ރިޔާސީ ދައުރު ފެށޭ ދުވަހަކީ އަދި އެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ނޮވެމްބަރު 11 ވަނަ ދުވަސް ކަމަށްވާތީ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް އެތައް ކަމެއް ކޮށްދިނުމުން ވެސް ރައްޔިތުން ރައީސް ޔާމީނަށް ވޯޓު ނުދެއްވި ކަމަށް ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ހަރަދުގައި ކުރައްވާ ކަންތައްތަކެއް ނޫން ކަމަށެވެ. އަނެއްކާ މިސަރުކާރުން ގިނަ މަޝްރޫއުތައް ހިންގާފައިވަނީ އެ މަޝްރޫއުތަކުގެ ހަމަ އަގަށް ވުރެ އެެތައް ތަނެއް ބޮޑު އަގުގައި ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުން ގޮތް ނިންމައިފި، ބަޑިބަޑި ޖެހުމުން ދާނީ ހުޅުނބު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ