ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ޖިނާއީ ކުށްތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލަތައް ތަހުގީގުކޮށްދިނުމުގެ އަމުރަކަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވީ ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެފަދަ އަމުރެއް ނެރެން ޖެހޭ މިންވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ.
ރިޔާސީ އިންތިހާބު ބާތިލްކުރުމުގެ މައްސަލަ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މިމައްސަލައިގެ އަޑުއެހުންތައް މިމަހުގެ 14 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ފެށުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އަދި މިމައްސަލައިގެ ބަޔާންތަކުގައި މިމަހުގެ 17 ވަނަ ދުވަހު މައްސަލައާއި ގުޅުންހުރި ވަކީލުން ވަނީ ސޮއިކޮށްފަ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލާގައި ސިއްރު ތިން ހެކި ހުށަހެޅި ނަމަވެސް އަޑުއެހުންތައް ނިންމާލީ ސިއްރު ހެކިބަސް ނުނަގަން ނިންމުމަށްފަހު އެވެ.
މިމައްސަލާގައި ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން 11 ކަމެއް ތަހުގީގުކޮށް ދިނުމަށްވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ޝަރީއަތަށް ހުށަހެޅުއްވި އެވެ. ނަމަވެސް މިމައްސަލައަށް ތަދައްޚުލްވެފައިވާ ގުޅިފައިވާ ޕާޓީ ތަކުގެ ގާނޫނީ ޓީމުންނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ވަނީ ސުޕްރީމް ކޯޓަކީ މައްސަލަ ތަހުގީގުކުރާ އިދާރާއެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ގާނޫނީ ޓީމަށް ރައްދު ދީފަ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ރިޔާސީ އިންތިހާބުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި މިވަނީ އެމަނިކުފާނަށް އިންތިހާބުގައި ލިބިވަޑައިގެންފައިވާ ބޮޑު ނާކާމިޔާބީއާއި ގުޅިގެން ބަލިގަބޫލުފުޅު ކުރެއްވުމަށްފަހު އޭގެ ދުވަސްތަކެއް ފަހުން އިންތިހާބުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ސަޕޯޓަރުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރަން މަގުމައްޗަށް ނިކުތުމަށް ގޮވާލެއްވުމަށްފަހު އެވެ. ރައީސް ޔާމީންގެ މި ގޮވާލެއްވުމާ ގުޅިގެން ކޮންމެ ރެއަކުވެސް މަދު ބަޔަކު ގެންދަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި މުޒަހާރަކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ. އަދި ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ