ރައީސް ސޯލިހަކީ ގައުމު ތަރައްގީކޮށް، އަމާންކޮށްދެއްވާނެ އިހްލާސްތެރި ވެރިއެއް: މެމްބަރު ފަލާހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖެ ތަރައްގީކޮށް ރާއްޖޭގައި އަމާންކަން ގާއިމްކޮށްދެއްވާނެ އިހްލާސްތެރި ވެރިއެއް ކަމަށް ޕީޕީއެމް ޕާލަމެންޓަރީ ގުރޫޕުގެ ނައިބް ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް ރޭ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މި ގައުމަށް އަމާންކަމާއި ރައްކާތެރިކަން ގެނެސްދެއްވާނެ އިހްލާސްތެރި ވެރިއެއްކަން ޔަގީން ކަމަށެވެ. އަދި ރާއްޖެއަށް ތަރައްގީއާއި ޒަމާނީ ކުރިއެރުން ގެނެސްދެއްވާނެ ވެރިއަކީވެސް ރައީސް ސޯލިހް ކަމަށް މެމްބަރު ފަލާހް ވިދާޅުވިއެވެ.
މީޑިއާތަކަށް ފަލާހް ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި ހުރިހާ ކަމެއްގައި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާނީ ޕީޕީއެމް ޓިކެޓުގައި ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
ފަލާހަކީ ޕީޕީއެމް ޓިކެޓުގައި އިނގުރައިދޫ ދާއިރާއަށް ހޮވުނު މެމްބަރެކެވެ. އަދި އެއަށްފަހު މަސައްކަތް ކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ.
ޕީޕީއެމުން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މެމްބަރު ފަހާލަށް މިހާރުވެސް ހުންނެވި އިނގުރައިދޫ ދާއިރާގެ ޓިކެޓް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ