އެކައުންޓްގައި ގާނޫނު ޚިލާފު އެއްވެސް ފައިސާ އެއް ނުހުންނާން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފުލުހުން ފްރީޒްކޮށްފައި ވަނިކޮށް، އެ އެކައުންޓްގައި ޤާނޫނާއި ޚިލާފު އެއްވެސް ފައިސާ އެއް ނުހުންނާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީޙުގެ އިންތިޚާބުގައި ޕީޕީއެމް އިން ކުރިމަތިލާ 13 ދާއިރާއެއްގެ މެމްބަރުންނަށް ޓިކެޓް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެކައުންޓުގައި ހުންނާނީ ޖާއިޒް ފައިސާކަމުގައެވެ. އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުންނާނެކަމަށް ނުވަތަ ނުހުންނާނެކަމެއް ރައީސް ޔާމީން ވިދާޅެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ އެކައުންޓަށް ވަން ފައިސާ މާލީ ބަޔާނުގައި ހުންނާނެކަމަށާއި މާލީ ބަޔާނުގައި ވާ ކޮންމެ އަދަދަކަށް ކޮންމެ އަކުރަކަށް ޒިންމާ އުފުއްލަވާކަމަށެވެ.
" ދައުލަތުގެ ތަޙްޤީޤީ އިދާރާއަކުން ނުވަތަ އެނޫންވެސް އިދާރާއަކުން އެ 100 މިލިއަން ރުފިޔާ އާއި ބެހޭ ތުހުމަތެއް ކޮށްފިނަމަ އެތުހުމަތުން އަޅުގަނޑު ބަރީޢަވާނަން. މިތާންގައި ހުންނާނީ ޖާއިޒް ފައިސާ. މިއީ ޞައްހަ ފައިސާ. މިއީކީ ދައުލަތުގެ ފައިސާއެއްވެސް ނޫން. މިއީ މީހެއްގެ ފައިސާއެއް ވެސް ނޫން. އެހެންވީމާ މިތާކު ނުހުންނާނެ ޤާނޫނާއި ޚިލާފު އެއްވެސް ފައިސާއެއް. " ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މާލީ ބަޔާން މިފަދަ ނާޖާއިޒް ގޮތެއްގައި ބޭނުންކޮށްފައިވާތީ އެކަމާ ހިތާމަކުރައްވާކަމަށެވެ. މީހެއްގެ އެކައުންޓްގައި ފައިސާ ހުރުމަކީ މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ބުނެ ޔާމީން ވަނީ ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ. އަދި އެއަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައިވަނީ ބުނެފައިވަނީ އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ތަހުގީގު ބޭނުމަށްޓަކައި އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ފްރީޒުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެވެ.
ހޮނިހިރު ދުވަހު ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއްގަ އެވެ. އެމަނިކާނު ވިދާޅުވީ އެއީ ގާނޫނާ އެއްގޮތަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހޭދަކުރަން ޖަމާކުރި ފައިސާ ކަމަށާއި އެއީ 2013 ގެ އިންތިހާބުގައި ވެސް ބޭނުންކުރެއްވި އެކައުންޓް ކަމަށެވެ. ކެމްޕޭން އެކައުންޓަކީ ގާނޫނު ބުނާ ގޮތުން 400 މިލިއަން ރުފިޔާއާ ހަމައަށް ޖަމާކުރެވޭ އެކައުންޓެއް ކަމަށާއި އޭގައި ހުންނާނެ ކަމަށް ބެލެވެނީ ވިއްސަކަށް މިލިއަން ރުފިޔާ ކަމަށް އެދުވަހު ފުލުސް އޮފީހުން ނިކުންނަވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ