ޕީޕީއެމަށް ލިބެންވާ ފައިސާ އީސީން ހިފަހައްޓައިފި
ވެރިކަން ކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ލިބެންވާ ފައިސާ އެ ޕާޓީ އާ ހަވާލުނުކޮށް އިލްކެޝަންސް ކޮމިޝަނުން ހިފަހައްޓައިފިއެވެ.ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމު ވިދާޅުވީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ ޕީޕީއެމް ފިޔަވާ ދެން ހުރިހާ ޕާޓީ އަކަށް ދޫކޮށްފައިވާނެ ކަމަށެވެ. ޕީޕީއެމަށް ފައިސާ ދޫކޮށްފައި ނުވަނީ އެޕާޓީގެ މައްސަލަ ކޯޓުގައި އޮތުމާއި ގުޅިގެން ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޕީޕީއެމަށް ދޫކުރަން ޖެހޭ އަށެއް ޕޮއިންޓް ހައެއް އަށެއް މިލިއަން ރުފިޔާ ބާކީ ދޫނުކޮށް ވަނީ ހިފަހައްޓާފައެވެ. އެޕާޓީއަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން 2.6 މިލިއަން ރުފިޔާ ދޭންޖެހެއެވެ.ޕީޕީއެމްގެ އަސްލާމެދު މިހާރު ސުވާލު އުފެދިފައިވާކަމަށް އީސީން ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ފަރާތްތަކުންދަނީ ބުނަމުންނެވެ. އެއީ ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، އެޕާޓީ އަކީ އެމަނިކުފާނުގެ ޕާޓީއެއް ކަމަށް ވިދާޅުވަމުން ގެންދަވަނިކޮށް ދިވެހިރާއްޖޭގެ ސިވިލް ކޯޓުންވަނީ ރައީސުލުޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި އެޕާޓީ ހަވާލުކުރައްވާފައެވެ. އީސީން ޕީޕީއެމް އަށް ދޭންވާ ފައިސާ ނުދީ ހިފަހައްޓާފައި މިވަނީ އެ ޕާޓީން، ރިޔާސީ އިންތިޚާބުގެ ކަންކަމާމެދު އީސީއަށް ތުހުމަތުގެ އެތައް އިނގިލިތަކެއް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނުގައިވާ ގޮތުން ދިހަހާސް މެންބަރުން ހަަމަވާ ކޮންމެ ސިޔާސީ ޕާޓީތަކަށް ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި ފައިސާ ދޫކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ