ކުރީގެ ރައީސް އަދި އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކުރީ އެމަނިކުފާނު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާ ނިންމުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ހިނގި ކަންތައްތަކާ ގުޅިގެން ރައީސް މައުމޫނަށް ހުކުމް އިއްވީ ޝަރީއަތުން ކަމަށެވެ.
"ސުޕްރީމް ކޯޓުގައި އެ ހިނގައިދިޔަ ކަންތައްތަކަކީ ދުވަހަކުވެސް ދުނިޔޭގެ ތާރީޚުން ފިލައިގެންދާނެ ކަމެއް ނޫން. އެއީކީ އެއްވެސް ގައުމެއްގެ ރައްޔިތުން އެ ގައުމެއްގެ ސުޕްރީމް ކޯޓުން ކުރާނެ ކަމަށް މިހާތަނަށް ދުނިޔޭގެ ތާރީޚުން ނަގާދީފައި އޮތް ފިލާވަޅެއް ނޫން. އެއީ ދިވެހިރާއްޖެއަށް އުފެއްދި، ހަމައެކަނި ދިވެހި ރާއްޖެއަށް ފިޓްވެގެންދިޔަ ކަމެއް. މިވެސް އަޅުގަނޑުމެންގެ ޕާޓީގަ މި ހިނގައިދިޔަ ކޯޅުންގަނޑުގެ ތެރޭގައި، އެ ކޯޅުންގަނޑު ހައްލު ނުވީމަ އެ ކޯޅުންގަނޑު ފުރޮޅިގެން ދިޔަ ހިސާބަކީ މިއީ. އޭގެ ނަތީޖާއަކަށްވީ އަޅުގަނޑުމެންގެ ޕާޓީގެ އޭރު ވަކިކޮށްފަ ހުރި އެންމެ ފުރަތަމަ ރައީސް މައުމޫން ވެސް ހައްޔަރުވެގެންދިޔުން. އަޅުގަނޑެއް ނޫން ހައްޔަރުކުރީކީ. ޝަރީއަތުން ހުކުމް ކުރީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމް އަކީ ރައީސް މައުމޫން އުފެއްދެވި ޕާޓީއެއް ކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ބުނަމުންގެންދާތީ ރައީސް ޔާމީން ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު މީހުން ގައުމީ ޖަލްސާގައި އެ ތިއްބެވީ ކަމަށެވެ. އަދި އެ ޕާޓީއަކީ ރައީސް މައުމޫންގެ ޕާޓީއެކޭ ބުނަމުންގެންދާ މީހުންނަކީ ޕާޓީ އުފެއްދުމުގައި އަމަލީގޮތުން މަސައްކަތް ކުރިބައެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެއީކީ މާބޮޑަށް އަމަލީ މަސައްކަތަށް ނުކުމެ މަސައްކަތްތަކެއް ކުރިބައެއް ނޫން. ޕާޓީއަށް މެމްބަރުން ހޯދައި ޕާޓީ ބޮޑު ޕާޓީއަކަށް ހަދައި ޕާޓީއަކީ ހައިބަތުހުރި އޯގަންއަކަށް ހަދަން އޭރަކު ނޯންނާނެ އެ ވިދާޅުވާ ބޭފުޅުންނަށް ކުރެއްވިފަކައެއް. މިޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވިގެން އައިއިރު، ފުރަތަމަ ކޮންގްރެސް ބާއްވަން ދެމަހެއް ހާ ދުވަހަށް ވެގެން އައިއިރު، މި ޕާޓީގައި 4000 މީހުން ވެސް ހަމަނުވޭ. ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެން ނުކުމެ މަސައްކަތްތަކެއް ކުރީ މި ޕާޓީއަކީ މިދެންނެވިގޮތަށް އަބުރުވެރި ޕާޓީއަކަށް ހެދޭތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސް ކަމުގައި ރައީސް މައުމޫން ހުންނެވިއިރު، ޕާޓީގެ ހަރަކާތްތައް އެންމެ އެދެވޭ މިންވަރެއްގައި ކުރިއަށްގޮސްފައިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޕާޓީގެ ހަރަކާތްތައް އޭރު ހުރި މިންވަރަކީ ސަރުކާރަށް ބޭރުން އެހާ ބޮޑެތި ގޮންޖެހުންތައް އަންނަމުންދިޔައިރުވެސް އަޅުގަނޑުމެންގެ ޕާޓީއަކުން އެއިން ކޮންމެ ކަމަކަށް ޕާޓީއަކުން ކުށްވެރިކޮށްފަ ބަޔާންތައް ނެރެމުންދިޔަ މަންޒަރެއް ފެންނަމުން ނުދިޔަ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމް އިން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވަނިކޮށް އެ ޕާޓީއަށް ނިސްބަވްވެވަޑައިގަންނަވާ ގިނަ މެމްބަރުންތަކެއް ޕާޓީ ދޫކުރެއްވުމަކީ އެ ޕާޓީއަށް ލިބުނު ޒަޚަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީ ތެރެއިން ބަޣާވާތެއް ކުރުމަށްފަހު ދެން ހިނގި ކަންތައްތަކުގެ ސަބަބުން ޕާޓީގައި ވަރަށް ބޮޑެތި ފާރުތަކެއް އުފެދި "ކަންފަތިވެގެން" ދިޔަ ކަމަށާއި ކުރިން ނުކުރާ ހިތާމައެއް މިއަދު ކުރާކަށް ނުޖެހޭ ކަމަށެވެ.
މަޖިލިސް މެމްބަރަކު ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން އެ މެމްބަރަކާއި އެ މެމްބަރެއްގެ އާއިލާގެ ވޯޓު ރައީސް ޔާމީނަށް ގެއްލިގެން ދިޔަ މަންޒަރު ނިމިދިޔަ ރިޔާސީ އިންތިޚާބުން ފެނިގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބަދަހި ފައުޖަކުން 13 މެމްބަރުން ގެއްލިގެން ދިޔުމަކީ އެއީ ކުޑަކަމެއް ނޫން. އެ މެމްބަރުންނާއި އެ މެމްބަރުންނަށް ތާއީދުކުރާ އާއިލާތައް ދެން ކިހިނެއްތޯ އަޅުގަނޑުމެންގެ ކޮޅަށް ތަބާކުރާނީ. މިއީ އަޅުގަނޑުމެންގެ ޕާޓީގެ ތެރެއިން ގަސްތުގައި އަޅުގަނޑުމެންނަށް ލިބިގެންދިޔަ ކެއްސެއް. ބޮޑު ގެއްލުމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއާ އެކު ޕީޕީއެމްގެ މެމްބަރުން މާޔޫސްވާން ނުޖެހޭ ކަމަށާއި ހިއްވަރާއެކު ކުރިއަށްދާންވީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޕީޕީއެމް ދެން ކުރިއަށްދާނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.
ރައީސް މައުމޫން ހައްޔަރުކުރީ އަޅުގަނޑެއް ނޫން: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ