ރައީސް ނަޝީދުގެ ސަރުކާރުގައި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ޑިރެކްޓަރ ޞަބްރާ ނޫރައްދީން ހައްޔަރުކުރި މައްސަލައިގައި ފުލުހުންނާއި ދެކޮޅަށް އޭނާ ކުރި ދަޢުވާ ކުރިޔަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފިއެވެ.
ޞަބްރާ ފުލުހުންނާއި ދެކޮޅަށް ދަޢުވާކޮށްފައިވަނީ، މިދިޔަ މާރޗް މަހު އޭނާ ރާއްޖެއިން ބޭރުގައި ހުރެފައި އެނބުރި ރާއްޖެ އައިސް އެއަރޕޯޓުގައި ހުއްޓާ އޭނާ ހައްޔަރުކުރުމަށް ފުލުހުން ޢަމަލުކުރި ގޮތުން އޭނާގެ މަދަނީ ހައްޤުތަކެއް ގެއްލިފައިވާކަމަށް ބުނެ، އެކަމުގެ ބަދަލު ހޯދުމަށެވެ.
އެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމީ، އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެ ދަޢުލަތުން ނެގި އިޖްރާޢީ ނުކުތާގެ ސަބަބުންނެވެ.
ސިވިލް ކޯޓުން ބުނެފައިވަނީ އެ ދަޢުވާ އަކީ ސަބްރާ ހައްޔަރުކުރުމުގެ އަމުރުގެ ސައްހަކަން ބެލުމަށް ހުށަހަޅާފައިވާ ދައުވާއެއް ނޫން ކަމަށެވެ. އަދި ސަބުރާ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުގެ ސައްހަކަން ބަލައިދިނުމަށް ނުވަތަ އެއަމުރު ބާތިލުކުރުމަށްވެސް އެދަޢުވާގައި އެދިފައި ނުވާކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ.
އަދި އެއީ ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށާއި، ކޯޓުތަކުގެ ގާނޫނުގައި ސިވިލް ކޯޓުގެ އިހްތިސާސް ބަޔާންކޮށްފައިވާއިރު ހައްޔަރުކުރުމުގެ ސަބަބުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ބުނެފައި އޮތްކަން ވެސް ސިވިލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، އެ މައްސަލަ ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ގާޒީ ހާތިފް ހިލްމީގެ ނިންމުމުގައި ބުނެފައިވެއެވެ.
ސަބްރާ ހައްޔަރުކުރުމަށް ނެރުނު އަމުރު ބާތިލްކުރުމަށް އޭނާގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެ ކޯޓުން ނިންމާފައިވަނީ އެ އަމުރު ރަނގަޅު ކަމަށެވެ.
ނަމަވެސް ފުލުހުން އަމަލުކޮށްފައިވާ ގޮތުން ސަބްރާގެ އަބުރު ގެއްލިފައިވާ ކަމަށް ފެންނަ ނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކަމާ ބެހޭ ކޯޓަކަށް ހުށަހެޅިދާނެ ކަމަށްވެސް ހައި ކޯޓުން ވަނީ ބުނެފައިވެއެވެ.
ސަބްރާ ކުރި ދައުވާ ކުރިޔަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ