ލިޔުނީ:ނަވާޒް
ގާސިމް އިބުރާހީމާއި ރައީސް މުޙައްމަދު ނަޝީދަކީ ވަރަށް ގާތް ދެރަހްމަތްތެރިންނެވެ. ރައީސް ނަޝީދު ވެސް ވަނީ މިކަން އެތައް ފަހަރަކު ފާހަގަކުރަށްވާފައެވެ. ދިވެހި ގައުމަށް ޣައްދާރުވި އާއިލާއަކުން އުފަންވެ ވަޑައިގެންނެވި ރައީސް ނަޝީދު ގައުމަށް ޣައްދާރުވުމުގެ ފުރުސަތު ހޯދައިދީ ނަޝީދަށް ކާންދީ، މަސްޖެއްސުވީ ގާސިމް އިބުރާހިމް ކަމާއި މެދު ބަހުސް ކުރާނެ ޖާގައެއް ނެތެވެ.
އެމްޑީޕީ އުފެއްދުމަށްޓަކައި އޭޑީކޭ ހޯސްޕިޓަލްގެ ޖަލްސާ ކުރާ މާލަމެއްގައި (ދޮޅަހެއް، ސޯޅަހެއް މީހުންނާއި) އެކު ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓުމާއި ސަރުކާރާއި ދެކޮޅަށް ނޫސް މަޖައްސާތައް ނެރުމަށް ނަޝީދަށް ފަންޑުކޮށްދީ ނަޝީދުގެ މަދަދު ގާރެއްގެ ގޮތުގައި ހުރީ ގާސިމް އިބުރާހިމްއެވެ.
ބޭރުގެ ބޮޑެތި ގައުމުތަކަށް ނަޝީދު ފޮނުއްވާ އެކިއެކި މުފައްކިރުންނާއި މުދަށްބިރުންނާއި ނަޝީދު ބައްދަލުކޮށް ރާއްޖެ ކުދިކުދި ކޮށްލުމުގެ ޗާޓް ކުރައްސަވާ ބައިނަލްއަގްވާމީ ގައުމުތަކުގެ ސަމާލުކަމަށް ދިވެހިންގެ ދީނާއި، ދިވެހިންގެ ގައުމު ތަސައްވަރު ކޮށްދިނުމުގައި ކުރެއްވި ހޭދައިގެ މޭސްތިރިއަކީ ވެސް ގާސިމް އިބުރާހިމްއެވެ.
ގާސިމް އިބުރާހިމަށް ރިޔާސީ އިންތިޙާބު ކާމިޔާބު ނުކުރެވޭނެ ކަން ހޮދު ގާސިމަށް ވެސް މިއަދު ޔަގީންވެއެވެ. އެހެން ކަމުން މިއަދު ގާސިމް އަނެއްކާވެސް އެމަސައްކަތްޕުޅު ކުރަށްވަނީ ނަޝީދަށް ވެރިކަން ހޯއްދަވައި ދެއްވާށެވެ.
އިއްޔެ ގާސިމް އިބުރާހިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް އާއި އޭނާގެ ޖުމްހޫރީ ގުޅުމުގެ ބަސްމަގު ހުރި ގޮތުން އެކަން ވަރަށް ސާފުކޮށް އެނގެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ގުޅުމުން ރައްޔިތުންނަށް ބުނެދޭން މަސައްކަތް ކުރީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީން ދެވަނަ ބުރަށް ދިއަ ނަމަވެސް ޔާމިނަށް ވޯޓް ދޭނީ ގާސިމްގެ ސަޕޯޓަރުންގެ ތެރެއިން މަދުބައެއް ކަމެވެ. އަދި އެކަން ވިސްނައިދީ ޕީޕީއެމްގެ ސަޕޯޓަރުން މާޔޫސް ކުރުވައިގެން ޕީޕީއެމްގެ ވޯޓް ގާސިމް އިބުރާހިމަށް އަނބުރާލާން ޖުމްހޫރީ ގުޅުމުން އެދަނީ މަސައްކަތް ކުރަމުންނެވެ.
އަދި ދެވަނަ ބުރަކަށް ގާސިމް ހިނގައްޖެނަމަ ގާސިމް ނަޝީދާއި އެކު ހަދާ ޑީލެއްގެ ދަށުން ގާސިމް އިންތިޙާބު ނަޝީދަށް ވިއްކާލާނެ ކަމުގެ ފުރިހަމަ ހެކި ގާސިމްގެ ސިޔާސީ ހަޔާތުގެ ކޮންމެ ސޮފްހާއަކަށް ބެލި ނަމަވެސް އެއޮތީ ފެންނާށެވެ.
ނަމަވެސް ގާސިމް މިއަދު އަމިއްލަ ނަފްސާ ކުރަށްވަންވީ ސުވާލަކީ ގާސިމްއަށް ހެޔޮ އެދިވަޑައިގަންނަވަނީ ޔާމިނާއި ނަޝީދު އާއި ދެބޭފުޅުން ކުރެ ކޮންބޭޅެއް ތޯއެވެ.
ނަޝީދުގެ ވެރިކަމުގައި ސަރުކާރުން ގާސިމަށް ޖެއްސުން ކުރުމުގެ ކަންތައްތަކެއް ކުރަށްވާފައިވާ ކަމަށް ގާސިމް ވިދާޅުވެއެވެ. ނަމަވެސް އެއީ ހަގީގީ އަހްވައެއް ނަމަ މިއަދު ނަޝީދު ވެރިކަމަށް އައުމަށް އެންމެ ބޮޑު ދޫދިނުމެއް ދޭނީކީ ގާސިމް އިބްރާހިމެއް ނޫނެވެ. އެހެންނަމަ ނަޝީދަށް ވެރިކަން ލިބުމަށް އެންމެ ނޭދޭނީ ގާސިމް އިބުރާހިމެވެ.
ގާސިމް ނަޝީދުވެ ވެރިކަމުގެ 21 ވަނަ އަށްވީދުވަހު އަމިއްލައަށް އިސްތިއުފާދިނީ ނަޝީދު ހިންގަން ބޭނުންވާ ކޮންމެ ޖަރީމާއެއް ހިންގުމުގެ ފުރުސަތު ދިނުމަށްފަހު އެކަމުގެ އިލްޒާމް ގާސިމް އަމިއްލައަށް ބޮލުގައި ނޭޅުމަށްޓައެވެ.
ނަޝީދުގެ ވެރިކަމުގެ ގަނޑުވަރު ތެރެއިން ވެސް ގާސިމް ބޭނުންވި ހުރިހާ ކަމެއް ގާސިމް ވަނީ ކުރަށްވާފައެވެ. އެގޮތުން ގާސިމްގެ މަސްކުންފުނި ހިންގަމުން އަންނަ މާންދޫގެ ކުލީގެ މުއްދަތު 25 އަހަރުން 35 އަހަރަށް އިތުރުކުރުވިއެވެ. ވަކި މުއްދަތެއްގައި ފަށަން ހަވާލުކޮށްފައިވާ އެތައް ޕްރޮޖެކްޓެއް ގާސިމް ބޭނުން ދުވަހަކުން ފެށުމަށް ގާސިމަށް ނަޝީދު ވަނީ ފުރުސަތު ދީފައެވެ.
ސިޔާސީ ހަގީގަތަކީ ތަވަލެއްގެ މަތީގައި ފިހަން ބާއްވާފައި އޮންނަ ރޮއްޓެއްގެ މިސާލެވެ. އަބަދުވެސް ހޫނު ކަންމަތީގައި އަނދަމުންދާ ސިޔާސީ ލީޑަރުން ތިއްބަވާނެއެވެ. އަދި މާބޮޑު ހޫނު ކަމެއް ނެތި ރޮށީގެ މަތީ ފުށުގައި ތިބެވޭ ސިޔާސީ ލީޑަރުން ވެސް ތިއްބަވާނެއެވެ.
ގާސިމް އިބުރާހިމް ބޭނުންފުޅުވަނީ ފަހުން މިދެންނެވި ގްރޫޕް ކަމުގައިވާ ރޮށީގެ މަތީ ފުށުގައި އަބަދުވެސް އޮންނަވާށެވެ. އެކަން ކުރުމަށްޓަކައި މައުމޫނުގެ ވެރިކަމުގެ ކޮއިލް ތެރެއަށް ވަދައިވަޑައިގެންނެވި އެވެ. ނަޝީދުގެ ވެރިކަމުގެ ކޮއިލް ތެރެއަށް ވަދެވަޑައިގެންނެވިއެވެ. މިއަދު އެހުންނެވީ ވަޙީދުގެ ވެރިކަމުގެ ކޮއިލް ތެރޭގައެވެ.
2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ރެއާއި 13 ވަނަ ދުވަހު ހިނގި ހާދިސާއަށް ފަހު ހައްޔަރު ކުރި މީހުންގެ ލިސްޓް ތައްޔާރު ކުރަށްވާ ގާސިމް އިބުރާހިމް ހައްޔަރުކުރީ ސީދާ ޔާމީންގެ އޯޑަރަށް ކަމަށް ގާސިމް ވިދާޅުވެއެވެ.
އެދުވަސްވަރު ކުރިއަށް ދިއަ މިނިވަން ބަހުސްތަކުގެ ތެރެއިން ބަހުސެއް ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އިސްލާހަށް މަސައްކަތް ކުރި މީހުން ސަރުކާރުގައި އެދުނެވެ. ނަމަވެސް ސަރުކާރުން އެހުއްދައެއް ނުދެއްވައެވެ. ސަރުކާރުން އެހުއްދަ ނެދެއްވުމުން އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.ޝައުގީއަށް ގާސިމް ފޯން ކުރަށްވާފަ ރައީސް މައުމޫންގެ ސަރުކާރު ބަޣާވާތް ކޮށްގެން ވައްޓާލުމަށް އެހީތެރި ވުމަށާއި ބަޣާވާތްކުރުމަށް ބޭނުންވާ މީހުންނާއި ފައިސާ ގާސިމް ޚަރަދު ކުރަށްވާނެ ކަމަށް ޝައުގީ އަރިހު ގާސިމް ވިދާޅުވިއެވެ.
އޮގަސްޓް 12،13ގެ މުޒާހަރާގެ ކުރިން ގާސިމް ވަނީ ރައްޔިތުންނާއި ސަރުކާރު ޖެއްސުމަށްޓަކައި ވެސް ގިނަ މަސައްކަތްތެކެއް ކޮށްފައެވެ. މިގޮތުން ރާއްޖެތެރެއިން މީހުން މާލެ ގެންގޮސް އެޕާޓްމަންޓްތައް ކުއްޔަށް ހިފާ ހުރިހާ ޚަރަދެއް ގާސިމްގެ ޖީބުންކޮށް އެމީހުންލައްވާ ސަރުކާރާއި ދެކޮޅު ލިއުންތައް ލިޔެ ދިވެހިއޮބްޒާވްގައި ލިޔުންތައް ޝާއިއު ކުރިކަން އެނގޭ ކިތަންމެ ބަޔަކު މިއަދު ވެސް މިދިވެހި ފަސްގަނޑުގައި އެބަތިއްބެވެ.
އަދި ރައްޔިތުންގެ ހާއްސަ މަޖިލީހަށް ހޮވިވަޑައިގެންނެވި ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ މެންބަރުކަން ސައްހަ ނޫންކަމަށް ކަނޑައެޅުމަށްޓަކައި ގާސިމް ވަނީ އާންމު ރައްޔިތުންނަށް ފައިސާ އާއި އެހެނިހެން އިނާޔަތްތައް ދީގެން އެރައްޔިތުންގެ ނަމުގައި ކޯޓަށް މަައްސަލަ ވައްދާފައެވެ. މިއީ ސީދާ ރައީސް ނަޝީދުގެ އޯޑަރަށް ގާސިމް ހިންގެވި ޖަރީމާތަކެއް ކަން ސާބިތުކުރެވޭނެ ކިތަންމެ ހެއްކެތް އެބަހުއްޓެވެ.
ހާއްސަ މަޖިލީހުގެ ޖަލްސާތައް ހޫނު ކުރުމަށްޓަކައި ބައެއް މެންބަރުންނަށް ފައިސާގެ އިނާޔަތްތައް ވެސް ދެއްވާފައިވެއެވެ. މިކަމަށް މިހާރުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ހެކިވެވަޑައިގަންނަވާނެވެ.
ބަޣާވާތް ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް އޮތް އިރު ބަޣާވާތެއް ރޭވުމަށް ގާސިމް ފާޅުގައި މަސައްކަތް ކުރި ކަން ސަރުކާރަށް ކަށަވަރު ވުމުން ގާސިމް ހައްޔަރު ކުރުމަކީ ޒާތީ ވެގެން ކުރި ހައްޔަރެއް ކަމަށް ގާސިމް ވިދާޅުވުމުން އެކަން ގަބޫލުކުރަނީ ސިޔާސީ ޙަގީގަތެއް ނޭންގޭ ސިޔާސީ ތާރީޙް ނޭންގޭ މީހުންނެވެ.
ޔާމިން އެދިވަޑައިނުގެންނެވި ނަމަ ޔާމީންގެ ބޭބޭފުޅުގެ ވެރިކަމުގައި ފައްކާވެފައިފައި އިން މަލެއްގެ ފޮނި ބުމުގެ ފުރުސަތު ގާސިމް އިބުރާހިމަށް ލިބިވަޑައިނުގެންނެވީ ހެވެ. ގާސިމް އިބުރާހިމް އަށް ޔާމީން ހެޔޮއެދިވަޑައިގެންނެވި ކަމުގެ ހެއްކަކަށް ރައީސް މައުމޫންގެ ވެރިކަމުގައި ފަރިވެ ފޮޅިފައިއޮތް މާބިޗާގެ ތެރެއަށް ގާސިމް ވަނުމުގެ ފުރުސަތު ދިނުން ފުދެއެވެ. އެކަމަށް ދިވެހި ރައްޔިތުން ހެކިވެވަޑައިގަންނަވާނެއެވެ.
ޖުމްހޫރީ ގުޅުމުގެ ނޫސްކޮންފަރެންސްގައި ހޯމް މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) ވެސް ވަނީ ވަރަށް ބުރަދަނެތް ނެތް ސިޔާސީ ވާހަކަފުޅު ތަކެއް ދައްކަވާފައެވެ.
ނާގާބިލް، ދުރު ނުވިސްނޭ، ރޭވެފަ އަލިވިލޭކަން ނޭންގޭ ސިޔާސީ ލީޑަރެއްގެ އަތްދަށުވެގެން އެފްއޭ ފަދަ ބޭފުޅެއްގެ ސިޔާސީ ހަޔާތް ނަގާނުލުމަށް އަޅުގަނޑު އެފްއޭއަށް ނަސޭހަތްތެރި ވަމެވެ.
ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރަށްފަހު ގާސިމް އާއި ޔާމީން އެއްމޭޒެއް ދޮށަށް ގެނައުމަށް ކުރި މަސައްކަތް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ އެފްއޭ އެވެ. ގާސިމް ޔާމީން އާއި ބެހޭގޮތުން ދެއްކި ވާހަކަ އެންމެ ގާތުން އިވިވަޑައިގެންނެވި އެއްބޭފުޅަކީ އެފްއޭއެވެ. ގާސިމް ނަޝީދާއި ބައްދަލު ކުރަށްވާ ދެއްކި ވާހަކަ ވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ ވެސް އެފްއޭއެވެ. ޔާމިނާއި ނަޝީދުގެ ތެރެއިން ގާސިމަށް ހެޔޮއެދިވަޑައިގަންނަވަނީ ކޮންބޭފުޅެއް ކަން ވެސް ގާސިމް ވާނީ އެފްއޭ ކައިރީގައި ވިދާޅުވެފައެވެ. އެހެންކަމުން މިފަދަ މައުލޫމާތު ތަކެއް އެނގިވަޑައިގެން ހުންނަވާ އަސްލެއްނެތް ސިޔާސީ އިތުރުފުޅުތަކެއް ނުހެއްދެވުމަށް އެފްއޭގެ އަރިހުން އަޅުގަނޑު އެދެމެވެ.
އެފްއޭމެނަށް އަދި ގާސިމް އާވާނެއެވެ. އެފްއޭއާއި އޭނާގެ ޓީމަށް އަޅުގަނޑު ދޭން އޮތް ނަސާހަތަކީ ގާސިމް މިހާރު އެކުރަށްވާ މަސައްކަތަކީ އެފްއޭ އާއި އޭނާގެ ޓީމް ލަވާ ރައީސް ނަޝީދުގެ ނިޔާގަނޑު ފޯރާ ހިސާބަށް ގެންދިއުމެވެ. ނަޝީދުގެ ނިޔާގަނޑު ތިޓީމުގެ މައްޗަށް ފޯރާ ދުވަހަކީ ތިޓީމްގެ ކައްޓާއި މަހާއި ވަކިކޮށްލާނެ ދުވަސްކަން ހަނދުމަފުޅު ކުރަށްވާށެވެ.
އެހެންކަމުން ގާސިމް ތިޔަ ޓީމް ނަޝީދާއި ދިމާއަށް ލަވާލެވުން ހުއްޓުމަކަށް ގެނެސް މިހާރުން މިހާރަށް "ނަޝީދު އާއި ދެކޮޅު ސިޔާސީ ފިކުރުގެ" މީހުންނާއި ގުޅިވަޑައިގަންނަވާށެވެ. އެއީ ތިޔަ ބޭފުޅުންގެ ބޮލުގައި އެޅިފައި އޮތް ފަރުދީ އަދި ގައުމީ ޒިންމާއެކެވެ.
ސިންގާއެއް ފަދަ ނަޝީދުގެ ނިޔާގަނޑުގެ ދަށަށް ބަޠަލުންތެކެއް ފަދަ ތިޔަ ޓީމް ހިނގައްޖެނަމަ އަލުން ތިޔަފަދަ ޓީމެއް މިގައުމުގައި އުފެދުމަށް ވަގުތުނަގާނެއެވެ. ދެން ތިފަދަ ޓީމެއް އުފެދޭ އިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. މީގެ ކުރިން ވެސް ތިޔަ ޓީމުން ވަނީ މިގައުމު ސަލާމަތް ކޮށްދީފައެވެ. އަދިވެސް ރައީސް ނަޝީދުގެ އަތްދަށުން މިގައުމު ސަލާމަތް ކުރުމަށްޓަކައި ތިޔަ ޓީމްގެ މަދަދާއި އެހީތެރިކަމަށް މިގައުމު އެދި އާދޭސް ކުރެއެވެ.
ނިންމާލަމުން ބުނަމެވެ. ދިވެހި ގައުމާއި، ދިވެހިންގެ ދީނާއި، ދިވެހިންދެކެ ލޯބިވާ ބުރުމާ އިބުރާހިމްގެ ބުރުމާ ގާސިމާއި ދިވެހި ގައުމާއި ދިވެހިންގެ ދީނާއި ދިވެހިން ނަގާލާ ފުރިތަނުގައި ޖެހުނަ ނުދިނުމަށްޓަކައި ޖާނާއި މާލު ހޭދަކުރަމުންދާ ބުރުމާ އިބުރާހިމްގެ ބުރުމާ ގާސިމް އެއީ ދެމީހެއް ކަމަށް މީގެ ކުރިން ދިވެހިންނަށް ވިސްނިފައި އޮތް ނަމަވެސް އެކުގައި ފެނުމުން މިއީ ހަމަ އެކަކުކަން ދިވެހި ރައްޔިތުންނަށް މިފަހަރު ޔަގީންވެގެން ދާނެއެވެ.
ދެމޫނުގެ ވެރި ގާސިމް އިބުރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ