ޓެރަރިޒަމް ދައުވާގެ ދިފާއިގައި ހެކި ހުށަހެޅުމަށް މެމްބަރު މޯޑަށް ފުރުސަތު ދީފި

ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ދިފާއުގައި ހެކި ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) އަށް ކްރިމިނަލް ކޯޓުން ފުރުސަތު ދީފި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުހުމެއް ދެން އޮންނާނީ އެއް މަސް ފަހުން ކަމަށާއި ދިފާއުގައި ހުށަހަޅަން ބޭނުންވާ ހެކި އެދުވަހު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ގާޒީ ވިދާޅުވީ އެ ދުވަހު އޮންނަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައިވާ ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގާފައިނުވާ ކަމަށް ވިދާޅުވެ މޯޑުވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.
މޯޑުގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް ހެކީންގެ ގޮތުގައި 26 މީހަކު ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުހުންނާއި ސިފައިންގެ 17 މީހަކާއި އާންމުންގެ ދެ މީހަކާއި ސިއްރުން ހެކިބަސްދޭ ހަތް މީހެކެވެ.
މޯޑުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:30 އާ ދެމެދުގެ ވަގުތެއްގައި ސ. ގަމަށް ދާން އޮންނަ ކޯޒްވޭގައި އޭނާ ހުރެ ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.
ދައުވާގައި ބުނެފައި ވަނީ އެގޮތަށް އިންޒާރުދިނުމަށް ފަހު ގަން ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެގަތުމަށާއި ފުލުހުންނަށް ހަމަލާ ދިނުމަށާއި ގަން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށެވެ. އަދި ފޭދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ހުރެ އެތަންތަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ދިވެހި ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ)ގައި ބުނެފައި ވަނީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުންދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމުން ވިޔަސް ދިނުމަކީ ޓެރަޒިރަމްގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ