ދީނީ ވާހަކަތައް އޮޅުން އަރާ ގޮތަށް ވެބްސައިޓްތަކުގައި ނުގެނެސްދިނުމަށް ޝެއިޚް އަލީ ޒާހިރު އިލްތިމާސްކޮށްފި
ޝެއިޚް އަލީ ޒާހިރު | ދިއިސްލާމް ފޮޓޯ: ވަސީމްދީނީ ވާހަކަތައް އޮޅުން އަރާ ގޮތަށް ބައެއް ވެބްސައިޓްތަކާއި ސޯޝަލް މީޑިއާގައި ނުގެނެސްދިނުމަށް ޝެއިޚް އަލީ ޒާހިރު އިލްތިމާސްކޮށްފިއެވެ.ޝެއިޚް އަލީ ޒާހިރު މިފަދައިން ހާމަކުރީ އެބޭފުޅާގެ ރަސްމީ ވެބްސައިޓްގައި “ނަސޭޙަތުގެ ބަޔާން”ގެ ނަމުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައެވެ. ޝެއިޚް އަލީ ޒާހިރު ލިޔުއްވާފައިވަނީ “ދީނީގޮތުން ދެކެވޭ ވާހަކަތަކަކީ ވަރަށް އަމާނާތް ތެރިކަމާއި އެކު ދެކެވެންޖެހޭވާހަކަ ތަކެއް ކަމަށާއި އެފަދަ ވާހަކަތައް ނަޤްލު ކުރުމުގައިވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ”ކަމަށެވެ. އަދި “މީހަކު ނުބުނާ ވާހަކައެއް އޭނާ ބުނިކަމަށް ހަދައި، އޭނައަށް ނިސްބަތް ކުރުމަކީ ކަނޑައެޅިގެން ބުހުތާން ދޮގެއް ހެދުމެވެ. އެވާހަކަ ދައްކާ ފަތުރާ ހެދުމަކީ ޢިލްމީގޮތުން ވަރަށްބޮޑު ޚިޔާނާތެކެވެ. ޚާއްޞަގޮތެއްގައި ދީނީ ވާހަކައެއްނަމަ މިކަމުގެ ޚުޠޫރަތްތެރިކަން މާބޮޑެވެ. ސަބަބަކީ އަޑު އިވޭ މީހާއަށް ދީނީ މައްސަލައެއްގައި ވަރަށް ބޮޑަށް އޮޅުން އަރާނެތީއެވެ. ބައެއް ވެބްސައިޓް ތަކުގަޔާއި ސޯޝަލް މީޑިއާގައި މިފަދަ ގޮތަކަށް ކަންކަން ހިގަމުންދާތީ ހިތާމަކުރާ”ކަމަށް ވެސް އެބަޔާނުގައިވެއެވެ.އެބަޔާން ލިޔަން ޖެހުނު ސަބަބެއްކަމަށް ޝެއިޚްގެ ލިޔުމުގައި ވަނީ “ދާދިފަހުން ވެބްސައިޓެއްގައި އަޅުގަނޑު ނުދައްކާ ބައެއް ވާހަކަ އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑުގެ ރައުޔު ކަމަށް ދޭހަވާ ގޮތަށް ސުރުޚީ ޖައްސަވައިގެން ބައެއް ލިޔުން ޢާންމު ކުރައްވާފައި ވާތީ”ކަމަށެވެ. އޭގެތެރެއިން އެއް ލިއުމެއްކަމަށް ޝެއިޚް އަލީ ޒާހިރު ހާމަކުރީ “އީދު ނަމާދަކީ ފަރްޟު ޢައިން އެއް”: ޝެއިޚް އަލީ ޒާހިރު” މިސުރުޚީގެ ދަށުން ލިޔުއްވާފައިވާ ލިޔުމެއް ކަމަަށެވެ. “މި ސުރުޚީ ފެންނަ ކޮންމެ ބޭފުޅަކު ހީފުޅު ކުރައްވާނީ ޢީދުނަމާދަކީ ފަރްޟު ޢައިނެއް ކަމަށް އަޅުގަނޑު ދެކޭތީ އެވާހަކަ ދަންނަވާފައި ވަނީ ކަމަށެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ އެއީއެއްނޫނެވެ. ރޭޑިޔޯ ޕްރޮގުރާމެއްގައި ޢީދުނަމާދުގެ ޙުކުމް ބަޔާން ކުރުމުގެ ގޮތުން ޢިލްމުވެރިންގެ ރައުޔުތައް ހާމަކުރަމުން ޢިލްމުވެރިއަކު ފަރްޟު ޢައިނެކޭވެސް ވިދާޅުވެފައިވާ ވާހަކަ އަޅުގަނޑު ދެންނެވީ”ކަމަށެވެ. އަދި މީގެ އިތުރުންވެސް އިތުރު މިސާލެއް ޝެއިޚް އަލީ ޒާހިރުގެ ލިޔުމުގައި ވަނީ ދައްކަވާފައެވެ. “މިފަދަ އަނެއް ލިއުމަކީ “މަރުވާ މީހާގެ ހަނދާނުގައި [ތައުބީން] ޖަލްސާ ބޭއްވުމަކީ، އަޅުގަނޑުމެން މުސްލިމުން އެއްގޮތަކަށްވެސް ކުރުން ހުއްދަވެގެންވާނެ ކަމެއްނޫން: ޝެއިޚް އަލީ ޒާހިރު” މިސުރުޚީގެ ދަށުން ލިޔުއްވާފައިވާ ލިއުމެވެ. މިސުރުޚީ ފެންނަ ކޮންމެ ބޭފުޅަކު ހީފުޅު ކުރައްވާނީ ތައުބީންގެ ޖަލްސާ ބޭއްވުމާއި މެދު އަޅުގަނޑު ރައުޔެއް ހާމަ ކޮއްގެން އުޅެނީ ކަމަށެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ އެއީއެއްނޫނެވެ. މީހުން މަރުވުމުން ކަންތައް ކުރަންޖެހޭގޮތާއި ބެހޭގޮތުން އަޅުގަނޑު ދައްކާފައިވާ ވާހަކަ ތަކަކުން ލިއުމެއް ލިޔެފައި އެވާހަކަ ތަކުގައި އައިސްފައި ނުވާ ކަމެއްކަމުގައިވާ “ތައުބީނުގެ ޖަލްސާގެ ޙުކުމް” އަކީ ހުއްދަނޫން ކަމެއް ކަމަށް ބަޔާންކޮށް އެކަން އަޅުގަނޑަށް ނިސްބަތް ކުރެއްވީ”ކަމަށް ޝެއިޚް ގެ މިބަޔާނުގައި ލިޔުއްވާފައިވެއެވެ.ޝެއިޚް އަލީ ޒާހިރުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިބަޔާން ނިންމާލަމުން ލިޔުއްވާފައިވަނީ “ވީމާ މިފަދަ ގޮތަކަށް ލިޔުންތައް ޝާއިޢު ކުރައްވާބޭފުޅުން މިކަމުގައި ﷲ އަށް ބިރުވެތި ވުމަށާއި މީހުން ނުދައްކާވާހަކަ އެމީހުންނަށް ނިސްބަތް ނުކުރުމަށް ވަރަށް އަދަބުވެރިކަމާއި އެކު އެދިދަންނަވަމެވެ. ﷲ ގެދީނުގެ ޙުކުމްތަކަކީ ކުޅޭކުޅޭ އެއްޗަކަށް ނުހެދުމަށާއި މީހުން ދައްކާވާހަކަ ރަގަޅަށް ފަހުމް ނުވާ ޙާލު އެވާހަކަތައް މީހުންނަށް ނިސްބަތް ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އަދި ޢިތުބާރު ހުރި ގޮތަކަށް އެގިވަޑައިގެން މެނުވީ ދީނީ ބޭފުޅުންނަށް ނިސްބަތް ކުރެވޭ ރައުޔުތައް ބަލައި ނުގަތުމަށް ހުރިހާ މުސްލިމް އަޚުންނާއި އުޚްތުންނަށް މި ފުރުޞަތުގައި އިލްތިމާސްކުރާ”ކަމަށެވެ.ފަހަކަށް އައިސް ޝެއިޚުންގެ ވާހަކަތައް ނަގައިގެން އިސްލާމީ ނަމެއްގައި ހަދައިގެން އުޅޭ ވެބްސައިޓްގައި ދަނީ ފިތުނަ އުފައްދަމުންނެވެ. މީގެ ކުރިން ޝެއިޚް ޝަމީމްވެސް ވަނީ އެވެބްސައިޓްގައި ޝާއިއުކޮށްފައިވާ ޚަބަރަކާއި ގުޅިގެން އެސައިޓްއާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޝެއިޚް އަލީ ޒާހިރުގެ ބަޔާން ވިދާޅުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ