ދިހަ މަހުގެ ކުއްޖާ ގަސްތުގައި މަރާލި ކަމުގެ ކުށް ވަހީދުގެ މައްޗަށް ސާބިތު ނުވާކަމަށް ކޯޓުން ހުކުމްކޮށްފި

މ. ގޯލްވިޗް، މުހައްމަދު ވަހީދު – ދިއިސްލާމް ފޮޓޯ : ޢަބްދުﷲ ޝަފީޢު އިހްސާންދިހަ މަހުގެ ކުއްޖާ ގަސްތުގައި މަރާލި ކަމުގެ ދައުވާ ދައުލަތުން އުފުލި، މ. ގޯލްވިޗް މުހައްމަދު ވަހީދު މައްޗަށް މައްޗަށް އެ މައްސަލައިގެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.ވަހީދު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ސ. ހިތަދޫ ސިލްވާލީފް ނޫރުޒާދާ އަލީގެ، 10 މަހުގެ މުހައްމަދު ނާފިއު އިބްރާހިމް ގަސްތުގައި މަރާލި ކަމަށް އުފުލި ދައުވާ، ޝަރީއަތުން ބެލުމަށް ފަހު އިއްޔެ ހުކުމް ކުރަމުން ކޯޓުގެ ގާޒީ ވިދާޅުވީ ވަހީދު އެ ތުއްތު ކުއްޖާ ގަސްތުގައި މަރާލި ކަމުގެ ހެކި ލިބިފައި ނުވާ ކަމަށެވެ.ގާޒީ ވިދާޅުވީ ވަހީދުގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި ކުޑަ ކުއްޖަކު މަރާލި ކަމުގެ ކުށުގެ ދައުވާ ކަމަށްވާ އިރު ގަސްތުގައި މަރާލިކަން ސާބިތުކުރުމަށް ޓަކައި އެއްވެސް ޝައްކެތް ނެތް މިންވަރަށް ހެކި ބޭނުންވާ ކަށެވެ. ދައުލަތުގެ ވަކީލު ޝަރީއަތުގައި ބުނެފައި ވަނީ 2009 ޖޫން 9 ދުވަހުގެ ވަގުތެއްގައި ނާފިއު ރޯން ފެށުމުން އެކަމާ އުނދަގޫވެގެން ވަހީދު ނާފިއުގެ ދެކިހިލިފަތް ދޮށަށް އަތްލައްވާ ހިއްލާލުމަށް ފަހު ވަހީދު އެ ކުއްޖާ ތަޅުވައިގެން ފައިވާ ކަމަށެވެ.ގާޒީ ވިދާޅުވީ އެ ހާދިސާ ހިނގި ދުވަހު ނާފިއު ބެލެހެއްޓުމާ ހަވާލުވެ ހުރީ މުހައްމަދު ހަސަން ކިޔާ މީހަކު ކަމުގައި އެ ކުއްޖާގެ މަންމަ ނޫރުޒާދާ ބުނެފައިވާ ކަމަށެވެ. އަދި ނާފިއު އަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ނާފިއު ބެއްލެވި ޑޮކްޓަރުން ބުނެފައިވީ ނަމަވެސް އެ އަނިޔާތައް އެ ކުއްޖާ އަށް ލިބިފައި ވަނީ ވަހީދުގެ ފަރާތުން ކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.“މިހާދިސާ ހިނގި ދުވަހު މުހައްމަދު ނާފިއު އިބްރާހިމް ބެލެހެއްޓުމާއި ހަވާލުވެ ހުރީ މުހައްމަދު ހަސަން ކިޔާ މީހަކު ކަމުގައި އެ ކުއްޖާ ގެ މަންމަ ސ. ހިތަދޫ، ސިލްވާ ލީފް، ނޫރުޒާދާ އަލީ ބުނެފައި ވާތީ މުހައްމަދު ނާފިއު އިބްރާހިމް އަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ކުއްޖާ ބެއްލެވި ޑޮކްޓަރުން ބުނެފައިވީ ނަމަވެސް އެ އަނިޔާތައް އެ ކުއްޖާ އަށް ލިބިފައި ވަނީ މުހައްމަދު ވަހީދުގެ ފަރާތުންކަން ޝަރީއަތަށް ސާބިތު ނުވާހިނދު މިފަދަ މައްސަލަތައް އެއްވެސް ކަހަލަ ޝައްކެއް ޝުބުހައެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ކޮށްދިނުމަކީ ދައުވާ ކުރާ ފަރާތުން ކުރަން ޖެހޭ ކަމަކަށް ވެފައި އެމިންވަރަށް މިގަޒިއްޔާގައި މުހައްމަދު ވަހީދުގެ މައްޗަށް ހެކިބަސް ލިބިފައި ނުވާތީ މުހައްމަދު ވަހީދުގެ މައްޗަށް ދައުލަތުން ކުޅަ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާކަމަށް ހުކުމްކޮށް މި ގަޒިއްޔާ ނިންމީމެވެ،” ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ